ފުލުހުންގެ މުއަސަސާ ހަރުދަނާ ކުރުމަށް އެކުލަވާލި ސްޓްޖިކް ޕްލޭނަކީ ރައްޔިތުންނަށް އުންމީދުތަކެއް ގެނެސްދޭނެ ޕްލޭނެއް ކަމަށް ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ފުލުހުންނާ އާމުންގެ ހިޔާލު ލިބިގެން އެކުލަވާލެވޭ ޕޮލިސް ރިފޯމު ޕްރޮގްރާމެއް އެކުލަވާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 30 ދުވަސްތެރޭ ހިމެނޭ ލަނޑުދަޑިއެކެވެ. އެ ޕްރޮގްރާމް މިދިޔަ ޑިސެމްބަރު މަހު ފަށައި އެ ޕްރޮގްރާމް ތެރޭގައި ފާހަގަ ކުރެވުނު ކަންތައްތަކާ ގުޅޭ ގޮތުން ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނަށް ޚާއްސަކޮށްގެން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށް ސްޓްރެޓީޖިކް ޕްލޭން ޑިވެލޮޕްމެންޓް ސިމްޕޯޒިއަމްއެއް ވަނީ ބާއްވާފައެވެ.
އިސްކަންދަރު ކޮށީގައި މިއަދު ސިމްޕޯޒިއަމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއް ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، ސިމްޕޯޒިއަމް އިން އެކުލަވާލި ސްޓްޓެޖިކް ޕްލޭނަކީ ރައްޔިތުންނަށް އުންމީދުތަކެއް ގެނެސްދޭނެ ޕްލޭނެއް ކަމަށާއި އާންމު ރައްޔިތުންނާއި ފުލުހުންގެ ހިޔާލުތަކާއެކު ހެދިގެން ދިޔަ ގައުމީ ޕްލޭނެއް ކަމަށެވެ.
"މިއީ ރައްޔިތުންނަށް ވަރަށް ބޮޑު އުންމީދެއް ގެެނެސްދޭނެ ޕްލޭނެއް. އަޅުގަނޑު ހިތުން، މިކަމަށްޓަކައި 19 ވަރަކަށް ބައްދަލުވުން ރާއްޖޭގެ އެކި ކަންކޮޅުތަކާއި މާލޭގައި ބޭއްވި. އަދި ފުލުހުންގެ އެތެރޭގައި ބައްދަލުވުންތައް ބޭއްވި، ވަކިން ހާއްސަކޮށް ކޮމިޝަންޑް އޮފިސަރުން ހުރިހާ އެންމެން ބައިވެރިކޮށްގެން މިފަދަ މަޝްވަރާއެއް ކޮށްގެން އެކުލަވާލެވޭ ޕްލޭނަކީ ގައުމީ ޕްލޭނެއް،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ، މި ޕްލޭން ކުރީގެ ޕްލޭންތަކާއި ތަފާތުވާ ސަބަބަކީ، މި ޕްލޭނަކީ ފުލުހުންގެ މުޅި މުއަސަސާގެ އެންމެން އެކުލަވާލި ޕްލޭނެއް ކަމަށާއި އެހެން ކަމުން މި ޕްލޭން ތަންފީޒު ކުރުމަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ.
ޕްލޭން އެކަށައެޅި ނިމިގެން ދާއިރު، ރާއްޖޭގެ މުޖްތަމައުއިން އިތުރުވަމުން އަންނަ ބޮޑެތި ކުއްތަލކުން ސަލާމް ކުރެވިގެން ދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ. އެއާއެކު ހެޔޮ ބަދަލުތަކެއް ފެނިގެން ދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ސިމްޕޯޒިއަމް އިން އެކުލާވާލި ޕްލޭންގެ ދަށުން ކުރިއަށް އޮތް ފަސް އަހަރުގެ އެ މުއަސާސާގެ "މަގު ޗާޓު" އެކުލަވާލާނެ ކަމަށެވެ.
"މަގު ޗާޓްގެ އެންމެ މުހިންމު ކަމަކީ މިއަދު ފުލުހުންގެ މުއަސަސާ އޮތް ހާލަތުން މާ ރަގަނޅު ހާލާތަކަށް ގެންދިޔުން،" ކަމަށް ހަމީދު ވިދާޅުވިއެވެ.
ދެ ދުވަހުގެ މި ސިމްޕޯޒިއަމްގައި ސްޓްރެޓެޖިކް ޕްލޭން އެކުލަވާލައިފައިވަނީ މިދިޔަ ޑިސްމްބަރު މަހު 13 ވަނަ ދުވަހުން ފެށިގެން ހިންގި އެކި އެކި ހަރަކާތްތަކުން ލިބުނު ހިޔާލުތަކާއި މަޝްވަރާތަކުގެ މައްޗަށް ކަމަށެވެ. އެގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުންތަކާއި ފުލުހުންގެ މެދުގައި ބޭއްވި ބައްދަލުވުމުގައި ބޭއްވި ބައްދަލުވުންތަކުން ހުށަހެޅި ހިޔާލު ތަަކެއް ކަން ހަމީދު ފާހަގަ ކުރެއްވިއެވެ.
އެހެން ކަމުން ސްޓްރެޓެޖިކް ޕްލޭނަކީ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދުތަކާ ގުޅިފައިވާ ޕްލޭނެއް ކަމަށް ހަމީދު ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރު ފުލުހުންގެ މުއަސަސާގެ ހިދުމަތަކީ ޑިމަކްރަޓިކް އަދި އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރާ މުއުއަސާސާއަކަށް ހެދުމަށް މަޝްވަރާ ކުރެވުނު ކަމަށާއި އެއީ ފުލުހުންގެ މުއަސަސާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ހަމީދު ވިދާޅުވީ، ސިމްޕޯޒިއަމް އިން އެކުލަވާލި ސްޓްރެޓީޖިކް ޕްލޭން ތަންފީޒު ކުރުމަށް ސްޓްރެޓީޖިކް އިރުޝާދު ދިނުމަށް ސްޓްރެޓީޖިކް ލެވެލްގައި ފުލުހުންގެ މުއަސަސާތަކުގައި ތަޖުރިބާކާރުން ނެތް ކަމަށާއި އެކަމަަށްޓަކައި އެންމެ މާތީ ލެވެލްގެ އިރުޝާދު ދިނުމަށް ބޭރުގެ ތާޖުރިބާކާރެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
ސިމްޕޯޒިއަމްގައި އެކުލަވާލި ޕްލޭންގެ ދަށުން ހަދާ ފުލުހުންގެ "މަގު ޗާޓް" މިމަހު 29 ވަނަ ދުވަހު ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައި އަންމު ކުރައްވަން ވަނީ ހަމަ ޖެހިފައެވެ.