ޒާހިރުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި މިރޭ ފަސްދާނުލަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ދިވެހި ދައުލަތުގެ އިއްޒަތް މުހައްމަދު ޒާހިރަށް އަރުއްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ދިވެހި ސަރުކާރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ އަދި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ މެދުގަނޑުވަރު ދޮށީ މަނިއްޕުޅުގެ މުހައްމަދު ޒާހިރު (ދިގު ޒާހިރު)ގެ ހަށިގަނޑު ރަސްމީ އިއްޒަތުގައި ފަސްދާނުލާން ނިންމައިފިއެވެ.

މުހައްމަދު ޒާހިރު އަވަހާރަވީ އިއްޔެއެވެ. އެމަނިކުފާނުގެ މޫނު ދެއްކުން އޮންނާނީ މިއަދު 15:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދުﷲ ޖަމީލު ވިދާޅުވީ، މުހައްމަދު ޒާހިރުގެ ޖަނާޒާ މިރޭ ގަލޮޅު ސަހަރާގައި އޮންނާނެ ކަމަށެވެ. އަދި އެމަނިކުފާނު ހަށިގަނޑު ފަސްދާނުލާނީ ރަސްމީ އިއްޒަތުގައި ކަމަށް ވިދާޅުވިއެވެ.

މުހައްމަދު ޒާހިރަކީ މެދުނުކެނޑި 63 އަހަރަށް ވުރެ ގިނަ ދުވަހު ސަރުކާރުގެ ހިދުމަތުގައި ހޭދަކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނަކީ ސަރުކާރުގެ ވަރަށް އިސްމަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައި ވަނީ ކަސްޓަމްސްގައެވެ. އެގޮތުން، ދެފަހަރެއްގެ މަތިން 17 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ކަސްޓަމްސްގެ އެންމެ އިސްވެރިއެއްގެ މަގާމުގައި ހުންނަވައިގެން، އެތަން ހިންގެވުމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވިއެވެ.

ފަހެއް އޯގަސްޓް 1942 ގައި މަހުކަމަތުއް ދާޚިލިއްޔާގެ ކާތިބުކަމުން ސަރުކާރުގެ ހިދުމަތާ ގުޅިވަޑައިގެން، މުހައްމަދު ޒާހިރު ފުރުއްވާފައިވާ މުހިންމު މަގާމުތަކުގެ ތެރޭގައި، ވަޒީރުލްއައުޒަމުގެ ހާއްސަ ސެކްރެޓަރީ ކަމާއި، ވަޒީރުންގެ މަޖިލީހުގެ ސެކްރެޓަރީކަމާއި، ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިޔާކަމާއި، ކަސްޓަމްސްގެ ވެރިޔާކަން ހިމެނެއެވެ.

އަދި ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ޕްރައިވެޓް ސެކްރެޓަރީކަމުގެ މަގާމުވެސް އެމަނިކުފާނު ވަނީ ފުރުއްވައިފައެވެ. އޭގެ ފަހުން ރައީސް މައުމޫންގެ ވެރިކަމުގައި، ޒާހިރު ފުރަތަމަ އަދާކުރެއްވީ، މިނިސްޓަރު އޮފް ފިޝަރީޒްގެ ނައިބުކަމެވެ. އޭގެ ފަހުން، ޕްރިންސިޕަލް ކަލެކްޓާ އޮފް ކަސްޓަމްސް ކަމުގެ މަގާމާއި، މިނިސްޓަރު އޮފް ސްޓޭޓްކަމުގެ މަގާމާއި، ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަގާމުވެސް އެ މަނިކުފާނު ވަނީ ފުރުއްވާފައެވެ.

އެމަނިކުފާނު ފުރުއްވި އެހެން ބައެއް މަގާމުތަކުގެ ތެރޭގައި، އެމްޖީ ފުޑް ކޮންޓްރޯލް ޑިޕާޓްމަންޓުގެ ފުޑް ކޮންޓްރޯލާ ކަމުގެ މަގާމާއި ވައިލެޓް ފެހި ހޮސްޕިޓަލްގެ މެނޭޖަރު ކަމުގެ މަގާމާއި ޝިޕިންގް ޑިޕާޓްމަންޓުގެ މެނޭޖަރުކަމުގެ މަގާމާއި ރަޖިސްޓްރޭޝަން ޑިވިޝަންގެ ވަކީލުކަމުގެ މަގާމު ހިމެނެއެވެ.

އޭގެ އިތުރުން އެމަނިކުފާނު ވަނީ ތިން އަތޮޅެއްގެ އަތޮޅުވެރިކަމުގެ މަގާމު ވެސް ފުރުއްވައިފައެވެ. އެއީ، ފާދިއްޕޮޅު އަތޮޅުވެރިކަމާއި، އައްޑު އަތޮޅު އަތޮޅުވެރިކަމާއި، ތިލަދުންމަތީ އަތޮޅުވެރިކަމެވެ. ޒާހިރަކީ، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެންބަރުކަމާއި ފާދިއްޕޮޅު މެންބަރުކަމާއި، ކޮޅުމަޑުލު މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ދިވެހި ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާ ވެސް ޒާހިރަށްވަނީ ލިބިވަޑައިގެންފައެވެ.

comment ކޮމެންޓް