ކުޑައިރުގެ ހަނދާންތަކާއެކު މީރާއަށް އެންމެ ކަމުދާ ފަސް ލަވަ

މީރާ މުހައްމަދު މާޖިދު -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދިވެހި ޒުވާން ލަވަކިޔުންތެރިންގެ ތެރެއިން އެންމެ މަގްބޫލް ލަވަކިޔުންތެރިއަކީ ގައިމުވެސް މީރާ މުހައްމަދު މާޖިދު، މީރާއަށް ނުވެ ނުދާނެއެވެ.

އޭނާގެ އަމިއްލަ ރާގުތަކާއި، ލިރިކްސްއާއި، ވީޑިއޯ ލަވަތަކެއްވެސް މިހާތަނަށް ފެނިފައިވާއިރު، މީރާގެ ކޮންމެ މަސައްކަތެއްވެސް ފާހަގަކުރެވިފައިވަނީ އެހާމެ ފުރިހަމަކޮށެވެ.

މިފަހަރުގެ މިގެނެސްދެނީ މީރާއަށް އެންމެ ރީތި ފަސް ލަވައެވެ.

ޖިސްމު - މެޒޯ

މީރާގެ ބޮޑުބޭބެ އަބްދުލްމާޖިދް ލިޔެ އަދި ބައްޕަ މުހައްމަދު މާޖިދު (މެޒޯ މުހައްމަދު) ކިޔާފައިވާ "ޖިސްމު" މި ލަވައަކީ މީރާގެ ލިސްޓުގެ އެންމެ ކުރީގައި އޮތް ލަވައެވެ. އެންމެ ކުޑައިރުއްސުރެވެސް އޭނާ އަޑުއަހާ އަދި ގަޔާވާ މި ލަވައިން އަބަދުވެސް ތަފާތު އިހްސާސެއް ކުރުވާކަމަށް އޭނާ ބުންޏެވެ.

ފަރި ޕަރީ - މެޒޯ

މެޒޯގެ ފަރި ޕަރީ މި ލަވައަކީ މީރާގެ ބައްޕަ މެޒޯ މޯޑު އޭނާއަށް ލިޔެދިން ލަވައެކެވެ. 2002 ވަނަ އަހަރުގެ އިންޓަ ސްކޫލް ލަވަ މުބާރާތުގައި މީރާ މި ލަވަ ކިޔާފައިވާއިރު މިއީ އެތައް ގޮތަކުން އޭނާއަށް ހާއްސަ ލަވައެކެވެ.

ތަކުރަށް ބަހެއް - ޒީރޯ ޑިގްރީ

މީރާ ބުނާގޮތުން މި ލަވަ އޭނާއަށް ކަމުދަނީ މި ލަވައިގެ ފުރިހަމަ މެލޮޑީއާއި ލިރިކްސްގެ ސަބަބުންނެވެ. މި ލަވަ ކިޔާލުމަށް އޭނާ އަބަދުވެސް ލޯބިކުރެއެވެ. މީރާ ސިފަކުރާގޮތުަގައި މިއީ ހަމަ ހަގީގަތުގައިވެސް "މާސްޓާޕީސް"އެކެވެ.

ކުޑް ޔޫ ބީ ލަވްޑް - ބޮބް މާރލޭ

ބޮބް މާރލޭގެ މި ލަަވަ މީރާއަށް ފުރަތަމަ އިވެންފެށީ އޭނާގެ ބައްޕަގެ ފަރާތުންނެވެ. ކުޑައިރު ބައްޕަ އަބަދުވެސް މި ލަވަ ކިޔާއުޅޭތީ މަޑުމަޑުން މި ލަވައަށް ލޯބިޖެހި، އަސްލު ލަވަ އަޑު އިވުމުން އަދި މާ ބޮޑަށް މި ލަވަ ކަމުދިޔަ ކަމަށް މީރާ ބުންޏެވެ. އަދި ލަވައިން ދޭ ވަރުގަދަ މެސެޖާއި ލަވައިގެ ރިދަމްގެ ސަބަބުން މި ލަވަ ވަރަށް ކަމުދާކަމަށް މީރާ ބުންޏެވެ.

ޔެ ވާދާ ރަހާ

ކުޑައިރުއްސުރެ މި ލަވަ މީރާއަށް އިވެންފެށީ މާމަ ގޭގައި މި ލަވަ ޖަހާތީއެވެ. މި ފިލްމަކީވެސް ރީތި ފިލްމެއްކަމަށްވާއިރު އެއާއި އެއްވަރަށް ލަވަވެސް ކަމުދާ ކަަމަށް އޭނާ ބުންޏެވެ. މިއީ މީރާގެ "އޯލް ޓައިމް ފޭވަރިޓް" ލަވައަށްވެސް ވާއިރު، މި ލަވަ ސަނަމް ޕޫރީއާއެކު ކިޔަން ލިބުމަކީ ވަރަށް ބޮޑު ނަސީބެއް ކަމަށް މީރާ ބުންޏެވެ. މި ލަަވަ އޭނާއަށް އެތައް ގޮތަކުން ހާއްސަ ލަވައެކެވެ.

comment ކޮމެންޓް