އއ. ރަސްދޫ ކައިރީގައި އޮންނަ މަޑިވަރު ފިނޮޅު ކައިރިން މޫދުގައި ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ޗައިނާއަށް ނިސްބަތްވާ އުމުރުން 70 އަހަރުގެ މީހަކު މޫދުގައި މަރުވެފައި އޮތް ކަމުގެ މައުލޫމާތު މިއަދު މެންދުރު 14:34ގައި ލިބިފައިވާ ކަމަށެވެ.
އެ މީހާ އއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށާއި އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާއެއް ލިބިފައިވާކަން ފެންނަން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
އޮފިޝަލު ހާމަކުރެއްވި ގޮތުގައި މަރުވެފައި އޮއްވާ ފެނުނު މީހާ އަކީ އއ. ތޮއްޑޫ ސަމާ އިން ގެސްޓްހައުސްއަށް ޗުއްޓީ ހޭދަ ކުރުމަށް އައިސް އުޅުނު މީހެކެވެ.
ފަހަކަށް އައިސް ފަތުރުވެރިން ގެނބިގެން މަރުވާ މައްސަލަތައް ވަނީ ގިނަވެފަ އެވެ. އެފަދަ މައްސަލަތައް ގިނަވެފައި ވަނިކޮށް ސަރުކާރުން ވަނީ ފަތުރުވެރިން ބައިތިއްބާ ތަންތަނުގެ އިންސްޕެކްޝަނެއް ފަށައިފަ އެވެ. މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ފެށި އެ އިންސްޕެކްޝަން ނިމޭނީ ސެޕްޓޭމްބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ.