މަންޓާ އެއާގެ ތިންވަނަ އެއާކްރާފްޓް ރާއްޖެ ގެނެސްފި

މަންތާ އެއާގެ އެއާކްރާފްޓެއް -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

މަންޓާ އެއާގެ ތިންވަނަ ބޯޓު ރާއްޖެ ގެނެސްފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ދ. ކުޑަހުވަދޫއާ ދެމެދު ދަތުރު ކުރާ ރާއްޖޭގެ ޑޮމެސްޓިކް އެއާލައިނުން މިހާރު ދަތުރުތަކަށް ބޭނުން ކުރަނީ އޭޓީއާރު 600-72 މަރުކާގެ، 64 ގޮނޑީގެ ޖާގައިގެ ދެ މަތިންދާ ބޯޓެވެ.

މަންޓާއިން މިހާރު ދަނީ ދުވާލަކު ހަތަރު ފްލައިޓު ބާއްވަމުންނެވެ. ފްލީޓަށް އިތުރު ބޯޓުތައް ގެނެސްގެން ޑެސްޓިނޭޝަންތައް ފުޅާކުރުމަށް މަންޓާއިން ވަނީ ނިންމައިފައެވެ.

"އަޅުގަނޑުމެން ދާނީ އެއާލައިނުގެ ފްލީޓު ބޮޑުކޮށް، އަދި އިތުރު މަންޒިލުތަކާއި ރޫޓުތައް އަޅުގަނޑުމެންގެ ނެޓްވޯކަށް ތައާރަފުކުރަމުން. މަންތާގެ ސަގާފަތަކީ ކަސްޓަމަރުންނަށް ހެޔޮ ހިދުމަތްތަކެއް ދިނުން. ވައިގެ ދަތުރުފަތުރުގެ ތަޖުރިބާއަކީ ހިތްގައިމު އަދި ފަސޭހަ ތަޖުރިބާއަކަށް އަޅުގަނޑުމެން ހަދައިދޭނަން،" މަންޓާ އެއާގެ ސީއީއޯ މީގެ ކުރިން ވިދާޅުވިއެވެ.

މަންޓާ އެއާގެ ގިނަ ފެއާ ކެޓަގަރީތަކެއް އޮވެއެވެ. އޭގެ ތެރޭގައި ވަރަށް އަގުހެޔޮ ފެއާގެ ޓިކެޓުތައްވެސް ހިމެނެއެވެ. މަންޓާއިން ބުނީ އެ އެއާލައިން ފެށުމާ ގުޅިގެން އަގުހެޔޮ ފެއާ ލިބޭ ޕްރޮމޯޝަނެއް މޭ މަހުގެ 31 ގެ ނިޔަލަށް ކުރިަށްދާނެ ކަމަށާއި، މަންތާ އެއާގެ ސޭލްސް އޭޖެންޓުންނާއި އެ އެއާލައިނުގެ ވެބްސައިޓު މެދުވެރިކޮށް ޓިކެޓު ގަތުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މަންޓާ އެއާގެ ބޯޓުތަކުގައި ހުންނަނީ "ސެފަޔާ" އަދި "ކޮމްފޯޓް" ކްލާހުގެ ސީޓެވެ. ދެ ކްލާހުގެ ކެބިންތައް ޑިޒައިންކޮށްފައިވަނީ ޒަމާނީކޮށް، އަދި ފަސިންޖަރުންނަށް ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އަދި ފަސިންޖަރުންނަށް ބޮޑު ލެގްރޫމެއް ލިބޭނެ ފަދައިން ސީޓުތައް ކަސްޓަމައިޒްކޮށްފައިވެއެވެ.

comment ކޮމެންޓް