157 މީހުންނާ އެކު ދަތުރު ކުރި އިތިއޯޕިއާގެ ބޯޓެއް ވެއްޓިއްޖެ

އިތިއޯޕިއަން އެއާލައިންސްގެ މަތިންދާބޯޓެއް ވަނީ ވެއްޓިފައި -- ފޮޓޯ: ރޮއިޓާސް

އަދިސް އަބަބާ (މާޗް 10): ގިނަ އަދަދެއްގެ މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ އިތިއޯޕިއަން އެއާލައިންސްގެ މަތިންދާބޯޓެއް ވެއްޓިއްޖެ އެވެ.

އިތިއޯޕިއަން އެއާލައިންސްގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި ބޯޓު ވެއްޓުނު އިރު އޭގައި 149 ފަސިންޖަރުންނާއި އަށް ކުރޫ މެމްބަރުން ތިބި ކަމަށް ބެލެވެ އެވެ. އަދި އޭރު ބޯޓު ދަތުރު ކުރަމުން ދިޔައީ އިތިއޯޕިއާގެ އަދިސް އަބަބާ އިން ކެންޔާގެ ނައިރޯބީއަށެވެ.

އެ އެއާލައިނުން ނެރުނު ބަޔާނެއްގައިވާ ގޮތުން ބޯއިން 737 މަރުކާގެ އެބޯޓު ވެއްޓުނީ އަދިސް އަބަބާއާ 40 މޭލު ދުރުގައި އޮންނަ ބިޝޮފްޓޫއަށެވެ. އަދި އެހާދިސާގައި ބޯޓުގައި ތިބި މީހުންނަށްވީ ގޮތެއް އަދި ނޭނގޭ ކަމަށާއި މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ބުނެފަ އެވެ.

ނަމަވެސް އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދު ވަނީ ބޯޓު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ޓުވިޓާ މެދުވެރިކޮށް ތައުޒިޔާ ވިދާޅުވެފަ އެވެ. އެހެންކަމުން އެހާދިސާގައި މީހުން މަރުވެފައިވާ ކަމަށް ވަނީ ލަފާ ކުރެވިފަ އެވެ.

އިތިއޯޕިއަން އެއާލައިންސްގެ ފްލައިޓެއްގައި އެފަދަ ހާދިސާއެއް އެންމެ ފަހުން ހިނގީ 2010 ވަނަ އަހަރެވެ. އެހާދިސާގައި އެ އެއާލައިންގެ ބޯޓެއް ލުބުނާނުން ނައްޓާލި ފަހުން އެއްޗެއް ގޮވައި، 83 ފަސިންޖަރުންނާއި ހަތް ކުރޫ މެމްބަރުން މަރުވި އެވެ.

comment ކޮމެންޓް