އޭސީސީ އިން މިދިޔަ އަހަރު 1299 މައްސަލަ ނިންމި ކަމަށާއި އޭގެ ތެރެއިން ހަތް މައްސަލައެއްގައި ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވި ކަމަށް އެ ކޮމިޝަނުގެ އަހަރީ ރިޕޯޓުން ދައްކައިފި އެވެ.
މިއަދު ނެރުނު އޭސީސީގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުން މިދިޔަ އަހަރު އޭސީސީއަށް 930 މައްސަލައެއް ހުށަހެޅުނު އިރު އޭގެ ތެރެއިން 802 މައްސަލައެއް ތަހުގީގު ކުރަން އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. މިިދިޔަ އަހަރު އެ ކޮމިޝަނުން އިސްނަގައިގެން ވަނީ 278 މައްސަލަ ބަލަން ނިންމައިފަ އެވެ.
މިދިޔަ އަހަރުގެ ތެރޭގައި އެ ކޮމިޝަނުން (އެހެން އަހަރުތަކުގެ މައްސަލަތައް ހިމެނޭ ގޮތަށް) ޖުމްލަ 1299 މައްސަލައެއް ނިންމި އިރު އެ ކޮމިޝަނުގެ ތަހުގީގުން ކޮރަޕްޝަންގެ އަމަލެއް ހުރި ކަމަށް ފާހަގަވެގެން ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވީ ހަތް މައްސަލައިގަ އެވެ. އޭގެ ތެރެއިން ތިން މައްސަލަ ޕީޖީ އޮފީހުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.
ޕީޖީ އޮފީހަށް ފޮނުވި ހަތް މައްސަލަ:
- ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތިން މައްސަލަ
- ނާޖާއިޒު ފައިދާ ހޯދުމުގެ 3 މައްސަލަ
- ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ 2 މައްސަލަ
- ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލު ކުރުމުގެ އެއް މައްސަލަ
މިދިޔަ އަހަރު އޭސީސީއިން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ 17 މީހުންގެ މައްޗަށް ދައުވާ ކުރުމަށް އެދި އެވެ.

އޭސީސީގެ އަހަރީ ރިޕޯޓު ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް
މިދިޔަ އަހަރު ހަތް މައްސަލައެއް އޭސީސީއިން ޕީޖީ އޮފީހަށް ފޮނުވި އިރު އޭގެ ކުރީ ހަތަރު އަހަރާ އަޅާ ބަލާއިރު ދަށް އަދަދެކެވެ.
މީގެ ކުރިން އޭސީސީއިން ޕީޖީއަށް ފޮނުވި މައްސަލަތަކުގެ އަދަދު:
- 2017 ވަނަ އަހަރު 1313 މައްސަލަ ނިންމި އިރު 13 މައްސަލައެއްގައި ދައުވާ ކުރަން ފޮނުވި
- 2016 ވަނަ އަހަރު އޭސީސީއިން 815 މައްސަލަ ނިންމި އިރު 14 މައްސަލައެއްގައި ދައުވާ ކުރަން ފޮނުވި
- 2015 ވަނަ އަހަރު އޭސީސީއިން 829 މައްލައެއް ނިންމި އިރު 26 މައްސަލައެއްގައި ދައުވާ ކުރުން ފޮނުވި
- 2016 ވަނަ އަހަރު އޭސީސީ އިން 694 މައްލައެއް ނިންމި އިރު 38 މައްސަލައެއްގައި ދައުވާ ކުރުމަށް ފޮނުވި
މިދިޔަ އަހަރު އޭސީސީއަށް އެންމެ ގިނަ މައްސަލަ ހުށަހެޅިފައި ވަނީ ދައުލަތުގެ ޕްރޮކިއުމެންޓާ ގުޅުންހުރި މައްސަލަތަކެވެ. ދެން އެންމެ ގިނައިން ހުށަހެޅުނީ ގޯތިގެދޮރާއި ވަޒީފާއާ ގުޅުންހުރި މައްސަލަތަކެވެ.