ބޭންކިން ނިޒާމުގެ ތެރެއިން ހިންގާ ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމަށް މި އަހަރު މަސައްކަތް ކުރާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ނެރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ ކޮރަޕްޝަން ހުއްޓުވައި، ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ފަސޭހައިން މައްސަލަ ހުށަހެޅޭނެ ގޮތް ހެދުމަށް މޮބައިލް އެޕްލިކޭޝަނެއް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވޯޓު ގަތުމުގެ ސަގާފަތް ނައްތާލުމަށް ހާއްސަ ކެމްޕެއިނެއް ފަށަން ނިންމާފައިވާ ކަމަށާއި މި ކެމްޕެއިނުގެ ނަތީޖާ ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މުއައްވިޒު ވިދާޅުވި އެވެ.
މުއައްވިޒު ވިދާޅުވީ އޭސީސީ އިން މިދިޔަ އަހަރު ތަހުގީގު ކުރި މައްސަލަތަކުގެ ތެރޭގައި ދައުލަތަށް އަނބުރާ ލިބެން ޖެހޭ 1.9 ބިލިއަން ރުފިޔާ އެބައޮތް ކަން އެނގިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މީގެ ތެރެއިން 108 މިލިއަން ރުފިޔާ އަކީ ދައުލަތަށް އަނބުރާ ލިބެން ޖެހޭނެ ކަމަށް ކޮމިޝަނުން ނިންމާ އެ ފައިސާ އަނބުރާ ހޯދުމަށް އެދިފައިވާ ފައިސާ ކަމަށެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ އިދާރާތައް މެދުވެރިކޮށް 1.8 ބިލިއަން ރުފިޔާ ހޯދުމަށް އެދިފައިވާނެ ކަމަށެވެ.
އޭސީސީ އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮމިޝަނުގެ ގާނޫނަށާއި ގާނޫނުލް އުގޫބާތަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް ފާސްނުވެ ދިގުލައިގެން ދިޔުންކަމަށް މުއައްވިޒު ވިދާޅުވި އެވެ. އަދި ތަހުގީގު ނިންމައި ދައުވާ ކުރުމަށް ފޮނުވާ މައްސަލަތަކުގައި ދައުވާ ނުކޮށް ލަސްވުމަކީ ވެސް ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކޮމިޝަނުން މިހާރު ބަލަމުންގެންދާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑެތި މައްސަލަތަކަކީ ދައުލަތުގެ ކުންފުނިތަކާ ގުޅޭ 238 މައްސަލައެއްކަމަށް އޭސީސީ އިން ބުންޏެވެ. އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަން، އެސްޓީއޯ، ޕަބްލިކް ސާވިސް މީޑިއާ، އެމްޓީސީސީ، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން، އެޗްޑީސީ އަދި އެމްއެމްޕީއާރުސީ އާ ގުޅޭ މައްސަލަތައް ހިމެނޭ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
މުއައްވިޒު ވިދާޅުވީ މިއިން އެއްވެސް މައްސަލައެއް އަދި ބަލާ ނުނިމޭ ކަމަށެވެ.