މިދިޔަ އަހަރުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރި މައްސަލަތަަކުން 1.9 ބިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ލިބެން ޖެހޭ ކަމަށާއި އޭގެ ތެރެއިން މިިދިޔަ އަހަރު އަނބުރާ ލިބިފައި ވަނީ 1.4 މިލިއަން ރުފިޔާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އޭސީސީ އިން މިއަދު ވަނީ އެ ކޮމިޝަނުގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ނެރެފަ އެވެ. އެ ރިޕޯޓު ނެރެދެއްވީ އެ ކޮމިޝަނުގެ ނައިބު ރައީސް މުއައްވިޒު ރަޝީދު އެވެ.
އެ ރިޕޯޓާ ގުޅޭ ހުލާސާ ޕްރެޒެންޓޭޝަނެއް ދެއްވަމުން މިއަދު މުއައްވިޒު ވިދާޅުވީ، އޭސީސީ އިން މިދިޔަ އަހަރު ބެލި މައްސަލަތަކުގެ ތެރެއިން ޕީޖީ އޮފީހަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން ދައުލަތަށް 108.7 މިލިިއަން ރުފިޔާ އަނބުރާ ލިބެން ޖެހޭ ކަމަށެވެ. އަދި ދައުލަތުގެ އިދާރާތަކުން ލިބެން ޖެހޭ 1.84 ބިލިއަން ރުފިޔާއާ އެކު ޖުމްލަ 1.95 ބިލިއަން ރުފިޔާ މިދިޔަ އަހަރު ދައުލަތަށް ލިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެ ހާސް އަށާރަ ވަނަ އަހަރުގެ ތެރޭގައި ދައުލަތަށް އަނބުރާ ލިބިފައިވާ ކަމަށް އަޅުގަނޑުމެންގެ ރިކޯޑްސްތަކުން ދައްކަނީ 1.4 މިލިއަން ރުފިޔާ. މިއީ ކުރިން އަޅުގަނޑު ފާހަގަ ކުރި ފައިސާތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ރިކަވާ ކުރެވިފައި އިން ކަމަށް ދައުލަތުގެ އިދާރާތަކުގެ ރެކޯޑްސްތަކުން ދައްކާ ފައިސާ،"
ވޭތުވެ ދިޔަ ހަތް އަހަރުގެ ތެރޭގައި 1.95 ބިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަހަރީ ރިޕޯޓުން ދައްކާ ގޮތުން އެންމެ ގިނަ އަދަދެއްގެ ފައިސާ ހޯދަން އެދިފައި ވަނީ 2017 ވަނަ އަހަރު އެވެ. އެ އަހަރު އެކަނި 1.3 ބިލިއަން ރުފިޔާ ހޯދުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވެ އެވެ.
ވޭތުވެ ދިޔަ ހަތް އަހަރުގެ ތެރޭގައި 3.9 ބިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ލިބެން ޖެހޭ ކަމަށް ވެސް އަހަރީ ރިޕޯޓާ ހަވާލާ ދެއްވައި މުއައްވިޒު ވިދާޅުވި އެވެ. ފާއިތުވިި ހަތް އަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބެން ޖެހިފައި ވަނީ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެވެ.
އޭސީސީ އިން މިދިޔަ އަހަރު 1299 މައްސަލައެއް ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން ކޮރަޕްޝަންގެ އަމަލެއް ހިނގާފައިވާ ކަމަށް އެ ކޮމިޝަނުގެ ތަހުގީގަށް ފާހަގަ ކުރެވުނީ ހަތް މައްސަލައިގަ އެވެ.