ޖަރުމަނުގެ ބުންޑެސްލީގާގައި އެންމެ ގިނަ ގޯލު ޖެހި ބިދޭސީ ކުޅުންތެރިޔާގެ ރެކޯޑް ރޮބާޓް ލެވަންޑޮސްކީ މުގުރާލި އިރު ވޮލްފްސްބާގް އަތުން ބަޔާން މުނިކް ފެސޭހަކަމާ އެކު މޮޅު ވެއްޖެ އެވެ.
މިވަގުތު ގޯލުގެ ތަފާތުން އެއްވަނައިގައި އޮތް ބަޔާން ރޭ ވޮލްފްސްބާގް އަތުން މޮޅުވެފައި ވަނީ 0-6 ގެ ބޮޑު ނަތީޖާއަކުންނެވެ. ސީޒަނުގެ ބޮޑުބައި އެއްވަނައިގައި ހޭދަ ކުރި ބޮރުޝިޔާ ޑޮޓްމްންޑް ރޭގެ މެޗުން މޮޅުވި ނަމަވެސް ބަޔާން މިވަގުތު އެއްވަނައިގައި އޮތީ ގޯލުގެ ތަފާތުން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ވެސް 25 މެޗު ކުޅެގެން 57 ޕޮއިންޓް ހޯދާފައިވާ އިރު ބަޔާން ކުރީގައި އޮތީ އެންމެ ދެ ގޯލުގެ ތަފާތުންނެވެ.

ލެވަންޑޮސްކީގެ ގޯލަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ
ރޭގެ މެޗުގައި ގިނަ ގޯލުތަކެއް ބަޔާންގެ ފަރާތުން ފެނިގެން ދިޔަ ނަމަވެސް އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ ރޭގެ މެޗުގައި އެ ޓީމުގެ ފޯވާޑް ލެވަންޑޮސްކީ ކާމިޔާބު ކޮށްދިން ދެ ގޯލާއި އެކު އޭނާ އަށް ލިބިގެން ދިޔަ ޝަރަފެވެ. ޖަރުމަނު ލީގުގައި ކުޅުނު ބިދޭސީ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޭނަ ވަނީ މުގުރާލައިފަ އެވެ.
ލެވަންޑޮސްކީ ވަނީ މީގެ ކުރިން 2016 - 2015 ވަނަ ސީޒަނުގައި ވޮލްފްސްބާގާއި ވާދަ ކުރި މެޗެއްގައި ވެސް އާދަޔާ ޙިލާފު ރެކޯޑެއް ހަދައި ގިނަ ބަޔަކު ހައިރާން ކޮށްލާފަ އެވެ. އޭނާ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ނުވަ މިނަޓުގެ ތެރޭގައި ފަސް ގޯލު ޖަހައިފައެވެ. އެ ފަސް ގޯލާއި އެކު އޭނަ ވަނީ އެންމެ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ފަސް ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ.
އޭނާ ވަނީ ވޮލްފްސްބާގާއި މިހާތަނަށް ކުޅުނު އަށް މެޗުން 16 ގޯލު ޖަހައިފައެވެ. ރޭގެ މެޗުގައި ލެވަންޑޮސްކީގެ އިތުރުން ބަޔާންއަށް ގޯލުތައް ޖަހައިދިނީ ސާޖް ޖަރްނާބީއާއި ހަމެސް ރޮޑްރިގުއެޒް އަދި ތޯމަސް މުލާގެ އިތުރުން ޖޯޝުއާ ކިމިޗް އެވެ.
ބަޔާން ވަނީ އެ ޓީމުން އެންމެ ފަހުން ކުޅުނު 13 މެޗުގެ ތެރެއިން 12 މެޗު ކާމިޔާބު ކޮށްފަ އެވެ. މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން ތާވަލުގެ ތިން ވަނައިގައި އެ ޓީމު އޮތް ނަމަވެސް ޓީމުގެ ފޯމު ރަނގަޅު ކޮށް އެ ޓީމުން މިހާރު އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.