ޓްރާންސްޕޯޓު މިނިސްޓަރު އައިކާއޯއަށް ޒިޔާރަތްކުރައްވައިފި

ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ، އައިކާއޯގެ ރީޖަނަލް ޑިރެކްޓަރު އަރުން މިޝްރާއާ ބައްދަލުކުރައްވަނީ --- ފޮޓޯ/ ޓްރާންސްޕޯޓު މިނިސްޓްރީ

ޓްރާންސްޕޯޓު މިނިސްޓަރު، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަނުގެ ރީޖަނަލް ޑިރެކްޓަރާ ބައްދަލުކުރައްވައިފިއެވެ.

ތައިލެންޑުގެ ބެންގްކޮކްގައި ހުންނަ އައިކާއޯގެ އޭޝިއާ ޕެސިފިކް ރީޖަނުގެ ހެޑްކުއާޓަރަށް ޒިޔާރަތްކުރެއްވި އިރު، މިއީ ރާއްޖޭގެ މިނިސްޓަރަކު އައިކާއޯއަށް ޒިޔާރަތްކުރެއްވި ފުރަތަމަ ފަހަރެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނި ގޮތުގައި މިނިސްޓަރު އާއިޝަތު ނަހުލާ، މި މަހުގެ ހަތަރަކުން އަށަކަށް ބެންކޮކަށް ކުރެއްވި ދަތުރުފުޅުގައި އައިކާއޯގެ ރީޖަނަލް އޮފީހަށް ވަޑައިގެން، އެތަނުގެ ރީޖަނަލް ޑިރެކްޓަރު އަރުން މިޝްރާއާ ބައްދަލުކުރެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ސިވިލް އޭވިއޭޝަން ދާއިރާއިން އައިކާއޯއިން ހިންގާ ޕްރޮގްރާމުތަކުގައި ރާއްޖެއިން ފުރިހަމައަށް ބައިވެރިވާކަން، ރީޖަނަލް ޑިރެކްޓަރު ފާހަގަކުރެއްވިއެވެ.

މިޝްރާ ވަނީ، އައިކާއޯއިން ހަދާފައިވާ، ރާއްޖޭގެ ސިވިލް އޭވިއޭޝަން ދާއިރާގެ އޮޑިޓު ރިޕޯޓު މިނިސްޓަރާ ހަވާލުކުރައްވާފައެވެ. އަދި މީގެ ކުރީ އަހަރުތަކުގެ އޮޑިޓު ރިޕޯޓުތަކަށް ރިއާޔަތްކޮށް، ސިވިލް އޭވިއޭޝަން ދާއިރާއިން ރާއްޖެއިން ރަނގަޅުކުރަން ހުރި ކަންކަމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އަދި ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ ސިވިލް އޭވިއޭޝަން ދާއިރާ އިތުރަށް ރަނގަޅުކުރުމަށްޓަކައި އިތުރު ޓްރެއިނިންގް ޕްރޮގްރާމްތައް ހިންގުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރާއްޖެއަށް އެ ކަންކަމުގައި އެއްބާރުލުން ދިނުމާ ބެހޭގޮތުން މިނިސްޓަރު ނަހުލާ އަދި ރީޖަނަލް ޑިރެކްޓަރު މިޝްރާ މަޝްވަރާކުރެއްވިއެވެ.

އައިކާއޯއަކީ ދުނިޔޭގެ ސިވިލް އޭވިއޭޝަން ދާއިރާ ރެގިއުލޭޓުކުރަމުން އަންނަ، އދގެ ސްޕެޝަލައިޒްޑް އޭޖެންސީއެކެވެ.

comment ކޮމެންޓް