އިންޑިޔާގެ އިންސާނީ ހައްގުތަކުގެ ހާލަތު ދަނީ ވަރަށް ބޮޑަށް ގޯސްވަމުން : އދ.

އިންސާނީ ހައްގުތަކާބެހޭ އދ. ގެ ހައިކޮމިޝަނަރު މިޗެލް ބަޗެލެޓް، ރިޕޯޓް ހުށަހަޅުއްވަނީ

ޖެނީވާ (މާޗް 10) : އިންޑިޔާގެ އިންސާނީ ހައްގުތަކުގެ ރެކޯޑަށް އިންސާނީ ހައްގުތަކާބެހޭ އދ. ގެ ހައިކޮމިޝަނަރު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތާބެހޭގޮތުން އިންސާނީ ހައްގުތަކާބެހޭ އދ. ގެ ހައިކޮމިޝަނަރު މިޗެލް ބަޗެލެޓް މިދިޔަ ހަފްތާގައި ނެރުއްވި އަހަރީ ރިޕޯޓްގައި އިންޑިޔާގެ ބައިމަދު ޖަމާއަތްތަކުގެ މީހުންނަށާ އަދި ޚާއްސަކޮށް އިންޑިޔާގެ ބައިމަދު މުސްލިމުންނަށް އަމާޒުކޮށްގެން މުސްލިމުންނަށް ގޯނާކުރުމާއި ދަތިކުރުމާއި އަދި ތަފާތު ކުރުމުގެ އަމަލުތައް ހިންގަމުން ގެންދާ މިންވަރު އިތުރުވަމުންދާ ކަމަށް ބުނެފައިވެއެވެ. އަދި ހަރުކަށި ހިންދޫން އިންޑިޔާގެ ބައިމަދު މުސްލިމުންނަށް މަރުގެ ހަމަލާތައްދީ މުސްލިމުން މެރުގެ ޖަރީމާތައް ހިންގަމުން ގެންދާއިރު އިންޑިޔާ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން އެކަމަށް އަޅާނުލާކަން ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން އިންޑިޔާގެ ކާސްޓް ނިޒާމުގައި ދަށްފަންތީގެ މީހުންގެ ގޮތުގައި ލޭބަލްކޮށްފައިވާ މީހުންގެ އިންސާނީ ހައްގުތަކަށް ހިންދޫންގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުންވެސް އަރައިގަންނަމުންދާކަން ބަޔާންކޮށްފައިވެއެވެ. އިންޑިޔާ ސަރުކާރުން މުސްލިމުންނާ ބައިމަދު އެހެން މީހުންނާމެދު ގެންގުޅެނީ ސިޔާސީ ވިސްނުމުގެ މައްޗަށް ބިނާކޮށްފައިވާ ހަނި އެޖެންޑާއެއްކަމަށާ އެކަމުގެ ސަބަބުން މުސްލިމުންނާ ބައިމަދު އެހެން ޖަމާއަތްތަކުގެ މީހުންގެ ހައްގުތައް ގެއްލި އިންޑިޔާގެ މުޖުތަމައުގައި އެމީހުން އެކަހެރިވަމުން ދާމިންވަރު އިތުރުވަމުންދާކަންވެސް މިދިޔަ ހަފްތާގައި އެ ރިޕޯޓް ނެރުއްވަމުން މިޗެލް ބަޗެލެޓް ވިދާޅުވެފައިވެއެވެ.

އަދި މުސްލިމުންނާ ބައިމަދު އެހެން ޖަމާއަތްތަކުގެ މީހުންނާމެދު އިންޑިޔާ ސަރުކާރުން ގެންގުޅޭ ބައިބައިކުރަނިވި ސިޔާސަތުތަކުގެ ސަބަބުން އިންޑިޔާގެ އިގްތިސާދަށްވެސް ގެއްލުންލިބި އިންޑިޔާގައި ދާޚިލީ ހަމަނުޖެހުމަކަށް މަގުފަހިވެގެން ހިނގައިދާނެ ކަމަށްވެސް ބަޗެލެޓް ވިދާޅުވެފައިވެއެވެ.

އަނެއްކޮޅުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އދ. ގެ ޖަމްއިއްޔާ އެމްނެސްޓީ އިންޓަނޭޝަނަލްގެ އިންވެސް ވަނީ މުސްލިމުންނާ ބައިމަދު އެހެން ޖަމާއަތްތަކުގެ މީހުންނަށް އަމާޒުކޮށްގެން އިންޑިޔާގައި ހިންގާ ރޭޕްކުރުމާއި މެރުމާއި މީހުން ގެއްލުވަލުންފަދަ ލާއިންސާނީ ޖަރީމާތައް ކަންބޮޑުވާ ދަރަޖައަށް އިތުރުވަމުންދާކަމުގެ އިންޒާރު ދީފައެވެ. މުސްލިމުންނާ އަދި ބައިމަދު ޖަމާއަތްތަކަށް ނިސްބަތްވާ މީހުންނާ ދެކޮޅަށް އިންޑިޔާގައި ހިންގާ ނުރުހުމާއި ނަފްރަތުގެ ޖަރީމާތައް ވަކިކުށެއް ގެގޮތުގައި އިންޑިޔާގެ ގާނޫނުތައް ބަލައިނުގަނެއެވެ. މިކަމުގެ ސަބަބުން އެމީހުންނަށް އިންސާފު ނުލިބޭކަން އެމްނެސްޓީ އިންޓަނޭޝަނަލް އެގްޒެކެޓިވް ޑިރެކްޓަރު އާކަރް ޕަޓޭލް ވަނީ ފާހަގަ ކުރައްވާފައެވެ.

މިދިޔަ އަހަރު އިންޑިޔާގެ މުސްލިމުންނާ އަދި މައިމަދު ޖަމާއަތްތަކުގެ މީހުންނާ ދެކޮޅަށް އެގައުމުގެ އެކި ސްޓޭޓްތަކުގައި ނަފުރަތުގެ ޖަރީމާގެ 218 ޖަރީމާ ހިންގާފައިވާކަން ރަސްމި ސިފައެއްގައި ރިޕޯޓްކޮށްފައިވާއިރު ރިޕޯޓް ނުކުރާ ޖަރީމާތަކުގެ އަދަދު މިއަށްވުރެ އެތަށް ގުނައެއް އިތުރުވާނެކަމަށް އެމްނެސްޓީން ވަނީ އަންދާޒާކޮށްފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު