"އުތުރު ކޮރެއާއިން ދަނީ ރޮކެޓެއް ލޯންޗު ކުރަން ތައްޔާރުވަމުން"

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ މިދިޔަ މަހު ބައްދަލު ކުރައްވާފައި -- ފޮޓޯ: އީޕީއޭ

ވޮޝިންޓަން (މާޗް 9): އުތުރު ކޮރެއާ އިން ދަނީ ރޮކެޓެއް ލޯންޗު ކުރަން ތައްޔާރުވަމުން ކަމަށް ސެޓެލައިޓް ފޮޓޯތަކުން ދައްކާ ކަމަށް އެމެރިކާގެ ނެޝަނަލް ޕަބްލިކް ރޭޑިއޯ (އެންޕީއާރު) އިން ބުނެފި އެވެ.

އެންޕީއާރުން ބުނާ ގޮތުގައި އެ ފޮޓޯތަކުން ފެންނަނީ އުތުރު ކޮރެއާ އިން މީގެ ކުރިން ބެލިސްޓިކް މިސައިލާއި ރޮކެޓު ހަދަން ބޭނުން ކުރި ސަނުމްޑޮންގް ކިޔާ ސަރަހައްދެކެވެ. އަދި އެސަރަހައްދުން ބޮޑެތި އުޅަނދުތައް ފެނިފައިވާ ކަމަށާއި އެއީ މިސައިލެއް ނުވަތަ ރޮކެޓެއް އެހެން ތަނަކަށް ގެންދަން އުޅެނީ ކަމަށް ވެދާނެ އެވެ.

އެންޕީއާރުން އެފަދައިން ރިޕޯޓު ކުރީ، އުތުރު ކޮރެއާ އިން ދަނީ އެގައުމުން ރޫޅާލާނެ ކަމަށް ބުނި ރޮކެޓް ލޯންޗު ކުރާ ސައިޓެއް އަނެއްކާ ވެސް ބިނާ ކުރަމުން ކަމަށް ހަބަރު ފެތުރުނު ފަހުންނެވެ.

ކަމާ ބެހޭ މާހިރުން ލަފާ ކުރައްވާ ގޮތުގައި، އުތުރު ކޮރެއާއިން އަނެއްކާ ވެސް ހަތިޔާރު ޓެސްޓު ކުރަން އުޅެނީ މިދިޔަ މަހު އެގައުމުގެ ލީޑަރާއި އެމެރިކާގެ ރައީސް ބޭއްވެވި ބައްދަލުވުން ނާކާމިޔާބުވުމާ ގުޅިގެންނެވެ. އަދި ކޮރެއާއިން އުއްމީދު ކުރަނީ އެގައުމުގެ ޓެސްޓުތައް ހުއްޓުވުމަށް، އެމެރިކާ އިން އެއްބަސްވުމެއް ހަދަން ދޫދޭނެ ކަމަށެވެ.

އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ނައްތާލުމާ ބެހޭ ގޮތުން އެގައުމުން މިދިޔަ މަހު އެމެރިކާއާ އެކު އެއްބަސްވުމެއްގައި ސޮއި ކުރަން ދެކޮޅު ހެދީ، އެ ގައުމާ ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އެމެރިކާ އިން ދެކޮޅު ހެދުމުންނެވެ.

comment ކޮމެންޓް