10:00
ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ކުރިއަށްއޮތް ފަސް އަހަރު ވެސް ވެރިކަމުގައި އޮންނާނީ އެމްޑީޕީ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ހަރުގޭގައި ރޭ އޮތް އެ ޕާޓީގެ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސާ މަނިކު ވިދާޅުވީ، ދައުލަތަށް ފައިސާ ލިބެންހުރި ބިލުތައް މަޖިލީހުން ނިންމާފައި ނުވާ ކަމަށެވެ. އަދި އެކަން ނުކުރި ނަމަވެސް ސަރުކާރުން ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ސަރުކާރުން ދޭނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަށް އިއްޔެ ވައްދާފައިވާ، އެޑިއުކޭޝަން މިނިސްޓަރ ގެ އިތުބާރުނެތް ކަމުގެ މައްސަލައާ ބެހޭގޮތުން މޫސަ ވިދާޅުވީ، އެ މައްސަލަ މަޖިލީހަށް ވެއްދީ އިދިކޮޅު ޑީއާރުޕީން ނޫން ކަމަށެވެ. އަދި އެފަދަ މައްސަލަތައް މަޖިލީހަށް ހުށަހެޅޭނެ ކަމަށާއި އެއީ ހާސްވާންޖެހޭވަރުގެ ކަމެއް ނޫން ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.