ރައްޔިތުންގެ މަޖިލީސް:
ކަރަންޓް ތެލުގެ ސާ ޗާޖު ކަނޑާލައި ދިނުމަށް ގޮވައިލާ ގަރާރެއް މަޖިލީހަށް ހުށަހަޅައިފި

ކަރަންޓް ބިލަށް ނަގާ ތެލުގެ ސާ ޗާޖު ކަނޑާލުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައި ބަހުސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހަޅުއްވަމުން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ، މި ގަރާރު ހުށަހަޅަން ޖެހުނީ، ކަރަންޓްގެ އަގާއި ތަކެތީގެ އަގު މައްޗަށް ނުދާނެ ކަމަށާއި މުވައްޒިފުންގެ މުސާރަ އަށް ބަދަލު ނުގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވައުދު ވެވަޑައިގެންފައި ވީނަމަވެސް އެ މަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިތާ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ކަރަންޓްގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވާތީ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން މެނުވީ އެއްވެސް ޓެކްހެއް ނުނެގޭނެ ކަމަށް ގާނޫނު އަސާސީގައި ބުނާ އިރު ފިއުލް ސާޗާޖް ފަދަ ނަންނަމުގައި ސަރުކާރުން އެތައް ޓެކްހެއް ނަގަމުން ދިއުމުގެ ސަބަބުން ތަކެތީގެ އަގު އިންތިހާދަރަޖަ އަށް އުފުލިފައިވާ މައްސަލައަށް ބަދަލުގެންނަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިއުމާ ގުޅިގެން ސާޗާޖް ބޮޑުކުރި ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވަމުންދާ ވަރަށް ސާޗާޖްގެ އަގު ދަށް ނުކުރާ ކަމަށެވެ. އެކަމުގެ ސަބަބުން ކަރަންޓް ބިލަށް 700 ރުފިޔާ ނަގަމުން އައި ގޭގޭގެ ކަރަންޓް ބިލު މިހާރު 3000ރ. އާއި 4000ރ. އާ ހަމައަށް މަތިވެފައިވާ ކަމަށާއި ރައްޔިތުންނަށް ލިބޭ އާމްދަނީން ދެކޮޅު ޖެހެމުން ނުދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޔާޒު ހުށަހެޅުއްވި ގަރާރުގައި ވަނީ "ސަރުކާރުގެ އިގްތިސާދީ ސިޔާސަތު ދޯހަޅިކަމުގެ ސަބަބުން ތަކެތީގެ އަގު އުފުލި، ރައްޔިތުން ހަނާވަމުންދާ މި ދަނޑިވަޅުގައި ފިއުލް ސާޗާޖްގެ ނަމުގައި ނަގާ އަދަދު އިތުރުވެގެން ދިއުމުގެ ސަބަބުން ކަރަންޓްގެ އަގު އުފުލި ރައްޔިތުން ހާލުގައި ޖެހިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށެވެ. އަދި އެފަދަ ދަނޑިވަޅެއްގައި ފިއުލް ސާޗާޖް ހުއްޓާލައި ރައްޔިތުންނަށް ހަރަދު ކުޑަ ލުއި ފަސޭހަ ދިރި އުޅުމެއް ހޯދައި ދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށް ވެސް އެގަރާރުގައި ވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު