އުރީދޯ މޯލްޑިވްސްގެ ޗެއާމަން، މަގާމުން މުސްކުޅި ކުރައްވައިފި

އުރީދޫގެ ޗެއާމަންގެ މަގާމުން މުސްކުޅިކުރެއްވި ހާލިދު އަލް މަހުމޫދު ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އުރީދޫ މޯލްޑިވްސްގެ ޗެއާމަންގެ މަގާމުގައި ހުންނެވި ހާލިދު އިބްރާހިމް އަލްމަހްމޫދު މަގާމުން މުސްކުޅި ކުރައްވައިފިއެވެ.

ހާލިދު އަލްމަހުމޫދު މަގާމުން މުސްކުޅި ކުރެއްވިކަން އިއުލާނު ކުރެއްވީ ރޭ ބޭއްވި އުރީދޫ މޯލްޑިވްސްގެ 2018 ވަަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ ސީއީއޯ ނަޖީބް ހާން އެވެ.

ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައިވެސް ހުންނެވި ހާލިދު އަލް މަހުމޫދަކީ އުރީދޫގެ މައި ކުންފުނީގެ ދަށުން ހިންގާ އެކި ކުންފުނިތަކުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ އުރީދޫ އަލްޖީރިއާ، އުރީދު އޮމާން ފަދަ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުކަން ކުރައްވައިފައެވެ.

ވަތަނިޔާ މޮބައިލް ފަަލަސްތީން ބޯޑުގެ ވައިސް ޗެއާމަންކަމުގެ މަގާމުވެސް އަދާކުރައްވާ އަލް މަހުމޫދަކީ އުރީދޫ ގްރޫޕުގެ ސްމޯލް އެންޑް މީޑިއަމް ބިޒްނަސް ޔުނިޓުގެ ގްރޫޕް ޗީފް އޮފިސަރުވެސް މެއެވެ.

ހާލިދު އަލް މަހުމޫދު ވަނީ ރާއްޖެއަށް އުރީދޫ އިން ތައާރަފު ކުރި ޑިޖިޓަލް ޕްލެޓްފޯމުތައް ތައާރަފު ކުރުމުގައި ވެސް އިސް ދައުރެއް އަދާކުރައްވައިފައެވެ. އޭނާ ވަނީ ކޮމްޕިއުޓާ އިންޖިނިއަރިންގެ ދާއިރާ އިން ބެޗެލާސް ޑިގްރީ ހާސިލް ކުރައްވައިފައެވެ.

އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގައި ހާލިދު އަލް މަހުމޫދު ހިމެނިވަޑައިގަތީ ނަން އެގްޒެކެޓިވް، އިންޑިޕެންޑެންޓް ޑިރެކްޓަރެއްގެ ގޮތުގައެވެ.

ޗެއާމަން ހާލިދު އަލް މަހުމޫދު ކުންފުންޏަށް ކޮށްދެއްވި ހިދުމަތުގެ އަގު ރޭ ބޭއްވި އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ވަޒަންކުރިއެވެ.

comment ކޮމެންޓް