ސިމާދު މަރުވީ ކަރަންޓް ޖެހިގެން: އެމްސީ ހަމީދު

ގއ. ވިލިނގިލިން މަރުވި ހުސައިން ސިމާދު: އޭނާ މަރުވީ ކަރަންޓް ޖެހިގެން ކަމަށް ފުލުހުން ވަނީ ބުނެފައި --

ޒަހަމްތަކަކާ އެކު ގއ. ވިލިނގިލީގައި މަރުވެފައި އޮއްވައި ފެނުނު 39 އަހަރުގެ ހުސައިން ސިމާދު މަރުވެފައިވަނީ ބެލެވޭ ގޮތުގައި ކަރަންޓް ޖެހިގެން ކަމަށް ފުލުހުންގެ އެކްޓިން ކޮމީޝަނާ މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެ އެވެ.

ވިލިނގިލީ މިހަކާ އިނދެގެން އެރަށުގައި ދިރިއުޅޭ ސިމާދު މަރުވެފައި އޮއްވާ ފެނުނީ، މިދިޔަ ހަފްތާ އާދިއްތަ ދުވަހުއެވެ. މަރުވެފައި އޮއްވާ ފެނުނީ ވިލިނގިލީގައި ސަފާރީއެއް ހަދަމުން ގެންދިޔަ އޮޑިހަރުގެއިންނެވެ. ވަޅުލާފައިވަނީ ޖެހިގެން އައި ހޯމަ ދުވަހު އޭނާގެ އުފަން ރަށް، އައްޑޫ ސިޓީ ހިތަދޫގައެވެ.

ސިމާދުގެ މަރާ ގުޅުގެން އެމްސީ ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ މަރުވެފައިވަނީ ކަރަންޓްގައި ޖެހިގެންކަމަށް ބެލެވޭ ކަމަށެވެ. އަދި ފުލުހުންނަށް ނާންގާ، އަނެކާގެ ފުރާނައަށް ނުރައްކާވާ ގޮތަށް ސަލާމަތީ ކަންކަން ނުކުރުމަށް އޭނާ ހަމީދު އާންމުންގެ ކިބައިން އެދިވަޑައިގަތެވެ.

"[ސިމާދު] މަރުވީ، ކަރަންޓުގައި ޖެހިގެން ކަމަށް ބެލެވޭ. އާންމުންގެ ފަރާތުން އެދެން ސަލާމަތީ ކަންކަމުގައި އަނެކާގެ ފުރާނައަށް ނުރައްކާވާ ފަދަ ކަންކަން ނުކުރުމަށް. ހާއްސަކޮށް ފުލުހުންނަށް ނާންގާ،" ހަމީދު ކުރެއްވި ޓްވީޓްގައި ލިޔުއްވިއެވެ.

ސިމާދުގެ މަރާ ގުޅިގެން ރަށުތެރޭ އެކި ގޮތަށް އެކި ވާހަކަ ދެކެވެއެވެ. ރަށުން ވާހަކަ ދައްކާ ބައެއް މީހުން ބުނާ ގޮތުގައި ސިމާދު މަރުވެފައި ވަނީ، ވަގުން ހިފުމަށް ޖެހި ކަރަންޓް ދަންތުރައެއްގައި ޖެހިގެންނެވެ.

ނަމަވެސް އެމްސީ ހަމީދު މިރޭ ކުރެއްވި ޓްވީޓުގައި އޭނާ މަރުވީ ސީދާ ކަރަންޓް ދަތުރައެއްގައި ޖެހިގެން ކަމަށް ވިދާޅެއްނުވެއެވެ.

ސިމާދުގެ މަރުގެ މައްސަލައިގައި އެނާ މަރުވެފައި އޮއްވާ ފެނުނު ހަރުގެ ބަލައްޓާ މީހާގެ ބަޔާންވެސް ފުލުހުން ވަނީ ނަގާފައެވެ.

ސިމާދަކީ މިދިޔަ ނޮވެމްބަރު މަހު ބީއެމްއެލްގެ ވިލިނގިލީ ބްރާންޗު ފަޅާލި މައްސަލާގައި ހައްޔަރު ކުރި 13 މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ނަމަވެސް ފަހުން އެ 13 މީހުން ވަނީ ކްރިމިނަލް ކޯޓުން ދޫކޮށްލައިފަ އެވެ.

comment ކޮމެންޓް