ގެވެށި އަނިޔާގެ ބިލު ކޮމެޓީގައި ތާށިވެފައި!

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު ވެގެން ދިޔައީ ގޭތެރޭގައި ހިންގާ އަނިޔާތަކުގެ ޝިކާރައަކަށްވެފައި ތިބި ފަރާތްތަކަށް، އަނިޔާވެރިންގެ ވަކިތަކުން މިންޖުވުމަށް ލިބުނު އުއްމީދަކަށެވެ. އަނިޔާކުރި މީހާއަށް ހައްގު އަދަބުދީ، އިންސާފު ހޯދުމަށް ލިބޭނެ ފުރުސަތަކަށެވެ. ނަމަވެސް، ގެވެށި އަނިޔާގެ ބިލު މަޖިލީހަށް ހުށަހެޅިތާ މިއަދު އަހަރެއް ވެގެންދިޔައިރު، އެ ގާނޫނުން ހިމާޔަތް ހޯދަން އެދިއެދި ތިބި ފަރާތްތަކަށް އަދިވެސް ޖެހިފައި މިވަނީ އިންތިޒާރުކުރާށެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މަޖިލީހަށް ހުށަހެޅުއްވި ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލުގެ މުހިންމު ކަމަށް ހުރިހާ މެމްބަރުން ވެސް އެއްބަސްވެވަޑައިގެން، މަޖިލީހަށް ބިލު ބަލައިގަނެ، ކޮމިޓީއަށް ފޮނުވީ މިއަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހަށް އެ ބިލު ފާސްކުރަން ޓާގެޓްކޮށްގެންނެވެ. އެއީ މާޗު އަށެކެވެ. އެދުވަސް ކަލަންޑަރުން ކެނޑިގެންދިޔަތާ އެތައް ދުވަހެއްވީ އެވެ. ބިލު އަދިވެސް އޮތީ ކޮމިޓީގައި ތާށިވެފަ އެވެ.

ގެވެށި އަނިޔާއާ ދެކޮޅަށް އަބަދުވެސް ވަކާލާތު ކުރައްވަމުންގެންދަވާ ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހްމަދު ދެކެވަޑައިގަންނަވާ ގޮތުގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލަކީ އިޖުތިމާއީ ގޮތުން އެހާ މުހިންމު ބިލަކަށްވީއިރު، އެ ބިލު ނުނިމި މިހާ ގިނަ ދުވަސްވެގެން ގޮސްފައި މިވަނީ މަޖިލީހުން އެ ބިލަށް އިސްކަމެއް ނުދޭތީ އެވެ.
"މަޖިލީހުން އެހާ އިސްކަމެއް ދެއްވާ ބިލަކަށް ނުވެފައި އެ ބިލު އޮތީ. އޭގެ ފަހުން އައި އެތައް ޓެކްސް ބިލުތަކާއި އެނޫން އެތައް ބައިވަރު ބިލުތަކާއި ގަރާރުތަކާ އެއްޗެހި ތަކަކައިގެން މިއުޅުނީ. [ގެވެށި އަނިޔާގެ ބިލަކީ] މަޖިލީހުން މާ ސަމާލުކަން ދެއްވައި، އިސްކަމެއް ދެއްވައިގެން ނިންމަވަން އުޅުއްވާ ބިލެއް ކަމަކަށް އަޅުގަނޑުމެންނަކަށް ފާހަގައެއް ނުކުރެވޭ،" މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ އަނީސާ ވިދާޅުވި އެވެ.
"އެބޭފުޅުން ވިދާޅުވަނީ، މިހާރު [ބިލު]އޮތީ ވަރަށް އަވަހަށް ނިމޭ ހިސާބުގައޭ. އެކަމަކު އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އެބަ އޮތް ފެމިލީ ޕްރޮޓެކްޝަން އޮތީރިޓީ ކިޔައިފަ އުފައްދަންޖެހޭ އޮތޯރިޓީގެ ހިސާބުންނޭ މިއުޅެނީ ހުއްޓިގެން،" އެކަމަނާ ވިދާޅުވި އެވެ.
~
ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލުގައިވާ ގޮތުން ރައީސް ކަނޑައަޅުއްވާ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަކީ އަނިޔާ ލިބޭ ފަރާތްތަކުގެ މައްސަލަ ބަލައި، އެފަރާތްތަކަށް ރައްކާތެރިކަން ހޯދައިދޭން ފުލުހުންނާއި ކައުންސިލްތަކާއި އަދި އެހެން ތަންތަނާއި ގުޅިގެން މަސައްކަތްކުރަންޖެހޭ މައި އިދާރާ އެވެ. އެކަންކަން ފުރިހަމަ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރަކު އޮތޯރިޓީއަށް ބަޖެޓު ކަނޑައަޅަން ޖެހެ އެވެ.
"އެ އޮތޯރިޓީ ވަރަށް މުހިންމު. އަޅުގަނޑުމެން ދެކޭ ގޮތުގައި އަނިޔާ ލިބޭ ފަރާތައް މިހާރު މިއޮންނަނީ ވަރަށް ދިގު މަރުހަލާއެއް ކަޑަތު ކޮށްފައި އޭނާގެ މައްސަލަ ރިޕޯޓުކުރެވެން ނޫނީ ބައެއްގެ ސަމާލުކަމަށް ގެނެވެން މިއޮންނަނީ. އަނިޔާ ލިބޭ ފަރާތުގެ މައްސަލަ ވީހާވެސް ޑިރެކްޓްކޮށް، ކަމާބެހޭ އިސް ފަރާތަކުން ފިޔަވަޅު އެޅޭ ހިސާބަށް ނުގެންދެވެންޏާ އަސްލު މަގުސަދު ހާސިލެއް ނުވާނެ. އެހެންވެ، އެ އޮތޯރިޓީ އުފެއްދުން ވަރަށް މުހިންމު،" އަނީސާ ވިދާޅުވި އެވެ.

މިނިސްޓަރު އޮފް ހެލްތު އެންޑް ފެމިލީގެ ނައިބު ފާތުމަތު އާފިޔާ ވިދާޅުވީ، ސަރުކާރާއި ގެވެށި އަނިޔާ ހުއްޓުމަށް މަސައްކަތްކުރާ އެކި ފަރާތްތަކަށް ފުޅާ ދާއިރާއެއްގައި މުޅި ރާއްޖެއިން އެކަން ހުއްޓުވުމަށް މަސައްކަތް ކުރެވޭނީ އެކަށީގެންވާ ވަސީލަތްތައް ވެސް ލިބިގެން ކަމަށެވެ.
"ގިނަ ފަހަރު ބިލަށް ހަމައަށް ތިން މަހަށް ވާއިރު ތަންފީޒުކުރަން އަންނައިރު އެއްވެސް ވަސީލަތެއް ނެތިއްޔާ އިމްޕްލިމެންޓެއް [ތަންފީޒެއް] ނުކުރެވޭނެ ދެއްތޯ؟ އެހެންވީމަ އަޅުގަނޑު އުއްމީދުކުރަން ބަޖެޓާއި، އަދި ވަސީލަތްތައް ވެސް ހިމެނިގެން އެ ބިލު ފާސްވެގެން އަންނާނެ ކަމަށް،" އާފިޔާ ވިދާޅުވި އެވެ.

އަދި މިނިސްޓްރީއަށް ފެންނަ އިސްލާހުތައް ކޮމިޓީ މަރުހަލާގައި ބިލަށް މިހާރު ވާނީ ހުށަހަޅައިފަ ކަމަށާއި އެބިލު އިތުރަށް ލަސްނުވެ، އަވަހަށް މަޖިލީހުން ފާސްކުރަން މިނިސްޓްރީން ވެސް ވަރަށް ބޮޑަށް ބާރުއަޅައި ކަމުގައި އެކަމަނާ ވިދާޅުވި އެވެ.

އެ ބިލު ދިރާސާ ކުރަމުންދާ ހާއްސަ ކޮމިޓީގެ މުގައްރިރު ރޮޒައިނާ ވިދާޅުވީ، ބިލުގެ މިހާރު ބާކީ އޮތީ "ދެދުވަހެއްގެ މަސައްކަތް" ކަމަށެވެ. ނަމަވެސް، އެކަން ނިންމާނުލެވިގެން އުޅެނީ ކޮމިޓީގެ މެމްބަރުން ހަމަނުވާތީ ބައްދަލުވުމެއް ނުބޭއްވިގެން ކަމަށެވެ.
"ކޮމިޓީގެ މެމްބަރުން ހަމަނުވާތީ ބައްދަލުވުން ނުބޭއްވިގެން ލަސްވަނީ. މިހާރު އޮތީ ބާކީ ދެދުވަހެއްގެ މަސައްކަތް. މި ދައުރުގައި ބިލު ފާސްކުރެވޭތޯ އަޅުގަނޑުމެން ބަލާނަން،" ރޮޒައިނާ ވިދާޅުވި އެވެ.

މި ބިލް ދިރާސާކުރުމަށްޓަކައި ފޮނުވާފައި ވަނީ 11 މެމްބަރުންގެ ވަގުތީ ކޮމެޓީއަކަށެވެ؛ އޭގެ ތެރޭގައި ހިމެނެނީ ރޮޒައިނާގެ އިތުރުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި މާމިގިލީ ދާއިރާގެ ގާސިމް އިބްރާހީމާއި ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދާއި ކިނބިދޫ ދާއިރާގެ މޫސާ ޒަމީރާއި ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ އާއި ހުޅުމީދޫ ދާއިރާގެ އިލްޔާސް ލަބީބާއި މާފަންނު އުތުރު ދާއިރާގެ އިމްތިޔާޒް ފަހުމީ އާއި މަހިބަދޫ ދާއިރާގެ ރުގިއްޔާ މުހައްމަދާއި ނައިފަރު ދާއިރާގެ އަހުމަދު މުހައްމަދު އަދި ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފެވެ.

ކޮންމެ ސަބަބަކާހުރެ ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު ކޮމިޓީގައި ތާށިވެފައި އޮތް ނަމަވެސް، އެ އަނިޔާތަކުގެ ޝިކާރައަކަށްވެފައި ތިބި ފަރާތްތަކަށް އެދެވެނީ އިތުރު އަނިޔާއެކެވެ. ހާއްސަ ގޮތެއްގައި އަންހެނުންނަށެވެ. އެހެނީ، ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ގެވެށި އަނިޔާގެ ޝިކާރައަކަށް ގިނައިން ވަނީ އަންހެނުންނެވެ.

ރާއްޖޭގައި 15 އަހަރާއި 49 އަހަރާ ދެމެދުގެ ކޮންމެ ތިން އަންހެނަކުން އެކަކަކީ ހަޔާތުގައި އެއްފަހަރު ނަމަވެސް ޖިންސީ ނުވަތަ ޖިސްމާނީ އަނިޔާ ލިބިފައިވާ މީހެއްކަން ތަފާސްހިސާބުތަކުން އެނގެ އެވެ. އަދި އެ އުމުރުގެ 30 ޕަސެންޓް އަންހެނުންނަށް ވަނީ ބައިވެރިއެއްގެ ފަރާތުން ނަފްސާނީ އަނިޔާ ވެސް ލިބިފަ އެވެ.

އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އަންހެނުން ކުރާ އަނިޔާތައް ހުއްޓުވުމަށް މަސައްކަތްކުރުމުގެ ބައިނަލްއަގުވާމީ ދުވަސް އަނެއްކާވެސް އަޅުގަނޑުމެންނާ އައިސް ބައްދަލުކުރާއިރު، ގެވެށި އަނިޔާގެ ބިލު މަޖިލީހުން ފާސްނުވެ އޮވެއްޖެނަމަ، އެ ނުބައި ވަބާ ނައްތާލުމަށް މެންބަރުން ކުރައްވާ މަސައްކަތަކާއި އެކަމުގައި ގެންގުޅުއްވާ އިހުލާސްތުތެރިކަމާމެދު ސުވާލު އުފެއްދުމުގެ ޖާގަ އުފެދިގެންދާނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް