އަބޫދާބީ ފަންޑުގެ އެހީގައި ނ. މާފަރުގައި ތަރައްގީ ކުރާ އެއާޕޯޓުގެ މަސައްކަތް އަންނަ މެއި ނުވަތަ ޖޫން މަހު ނިންމާލެވޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރޭ މިނިސްޓަރު ވިދާޅުވީ މާފަރު އެއާޕޯޓުގެ މަސައްކަތުގެ ތެރެއިން ނުނިމި ހުރި މަސައްކަތްތައް މި އަހަރުގެ މެދާ ހަމައަށް ނިންމާލެވޭނެ ކަމަށެވެ.
އަބޫދާބީ ފަންޑުގެ އެހީގައި މާފަރުގައި ތަރައްގީ ކުރާ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސާފައި ވަނީ ރިޔާސީ އިންތިހާބާ ދިމާކޮށް އޮގަސްތު މަހުގެ 18 ގައެވެ. ޓެސްޓު ފްލައިޓު ޖެއްސި ނަމަވެސް ރަންވޭ ފިޔަވައި އެއާޕޯޓުގައި ހުންނަން ޖެހޭ ވަސީލަތްތައް ގާއިމް ކޮށްފައެއް ނުވެ އެވެ. އަދި ޕްރޮޖެކްޓުގައި ހިމަނާފައިވާ ސިޓީ ހޮޓަލުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.
މާފަރު އެއާޕޯޓުގެ މަސައްކަތްތަކާ ގުޅޭގޮތުން އަބޫ ދާބީ ފަންޑާއެކު މަޝްވަރާ ކުރުމަށް މިނިސްޓަރު ނަހުލާ ވަނީ މީގެ ކުރިން ޔޫއޭއީ އަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި މަޝްވަރާ ކުރެވުނީ މާފަރު އެއާޕޯޓުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކުންފުންޏާ ހަވާލުކޮށްގެން މަސައްކަތް ކުރިއަށް ގެންދިޔުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަބޫދާބީ ފަންޑުން މަސައްކަތް ކޮންޓްރެކްޓު ކުރި ކުންފުނިން މިވަނީ އަނެއްކާ އެހެން ބަޔަކަށް ކޮންޓްރެކްޓު ކޮށްފައި. އަޅުގަނޑުމެން ވާހަކަ ދައްކައިގެން ނިންމީ އެ މަސައްކަތް ކުރިއަށް ގެންދިޔަ ސަބް ކޮންޓްރެކްޓަރާއެކު މަސައްކަތް ކުރިއަށް ގެންދަން،" މިނިސްޓަރު ވިދާޅުވީ މާފަރު އެއާޕޯޓުގެ މަސައްކަތް ލަސްވީވެސް ސަބް ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން މަސައްކަތް ކުރަމުން ގެންދާތީ ކަމަށެވެ.
މާފަރު އެއާޕޯޓުގެ އިތުރުން މަސައްކަތް ފަށާ، މަސައްކަތް ނުނިމި ހުރި އެއާޕޯޓުތަކުގެ މަސައްކަތްތައްވެސް މިހާރު ފަށާފައިވަނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ނަހުލާ ވިދާޅުވީ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓަށް ބަލައި ރ. ފައިނުގައި އަޅަން ނިންމާފައިވާ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ނުގެންދަންވެސް ނިންމާފައިވާކަމަށެވެ.
މާފަރު އެއާޕޯޓުގެ ތަރައްގީ ކޮށްފައި ވަނީ 2.2 ކިލޯ މީޓަރުގެ ދިގު ރަންވޭ އަކާ އެކުގަ އެވެ.އެ ރަންވޭއަކީ އެއާބަސް އޭ 320 އަދި ބޮއިންގް 737 މަރުކާގެ މަތިންދާބޯޓު ޖެއްސޭ ވަރުގެ ރަންވޭ އެކެވެ. މިއީ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި މަސައްކަތްކުރާ އެއާޕޯޓެކެވެ.
އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކުރީ ސިންގަޕޫރުގެ ޓަފް އޮފް ޝޯ ކުންފުންޏާ އެވެ. މިއީ އަބޫދާބީ ފަންޑުގެ 60 މިލިޔަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހަދާ އެއާޕޯޓެކެވެ.