ބައިނަލްއަގުވާމީ ދިފާއީ މަހާސިންތާއެއްގައި މާރިޔާ ބައިވެރިވެވަޑައިގެންފި

ބައިނަލްއަގްވާމީ ދިފާއީ މަހާސިންތާގައި މާރިޔާ---

އަބޫދާބީގައި ކުރިޔަށް ދާ ބައިނަލްއަގުވާމީ ދިފާއީ މަހާސިންތާއެއްގައި ރާއްޖޭގެ ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ ބައިވެރިވެވަޑައިގެންފިއެވެ.

މާރިޔާ އިއްޔެ އެ މަހާސިންތާގައި ބައިވެރިވުމަށްފަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މަހާސިންތާގައި ދުނިޔޭގެ އެކި ގައުމުތަކުގެ މާހިރުން ބައިވެރިވި ކަމަށާއި އަދި އެ މަހާސިންތާއިން ޝައުގުވެރި ގިނަ ކަންތައްތަކެއް ފެނިގެން ދިޔަ ކަމަށެވެ.

މާރިޔާ ދާދި ފަހުން ވަނީ އިންޑިއާއަށް ރަސްމީ ދަތުުރެއް ކުރައްވައި އިންޑިއާގެ ދިފާއީ ވަޒީރު ނިރަމަލާ ސިތަރަމަންއާ ވަނީ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމަށް ފަހު މާރިޔާ ވިދާޅުވީ އެ ބައްދަލުވުމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާ ފަރާތްތައް ހުއްޓުވައި މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގެ ގޮތުން ދެ ގައުމުގެ ދެމެދުގައި އަސްކަރީ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.

އެ ދަތުރަށްފަހު އިންޑިއާ އިން ރާއްޖޭގައި ގާއިމްކުރަން އުޅޭ ކޯސްޓަލް ސަވައިލަންސް ރާޑާ ސިސްޓަމް (ސީއެސްއާރުއެސް) ހަރުކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

އިންޑިއާއިން މިހާރު ވެސް ރާއްޖޭގައި އަސްކަރީ ދެ ހެލިކޮޕްޓަރު ބޭނުންކުރަމުންދާތީވެ، އެކަމަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވަމުންނެވެ. އެކަމަށް ރައްދު ދެއްވައި މާރިޔާ ކުރިން ވިދާޅުވީ އެ ހެލިކޮޕްޓަރަކީ އިންޑިއާއިން ރާއްޖެއަށް ދިން ހަދިޔާއެއް ކަމަށެވެ. އަދި ހަދިޔާއެއް އަނބުރާ ފޮނުވާލުމަކީ ރާއްޖޭގެ ސަގާފަތެއް ނޫން ކަމަށް ވެސް މާރިޔާ ވިދާޅުވެފައިވެ އެވެ.

އެ ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަނީ އިންޑިއާއިންނެވެ. އެކަމަކު ފުރަތަމަ އެއްބަސްވީ އަހަރު ދުވަހުގެ ތެރޭގައި ދިވެހިން ތަމްރީންކޮށް ދިވެހިންނާ ދެ ހެލިކޮޕްޓަރު ހަވާލު ކުރުމަށެވެ. ނަމަވެސް އެކަމެއް އިންޑިއާއަކުން ނުކުރެ އެވެ.

އެ ހެލިކޮޕްޓަރުތަކުގެ ހަރަކާތްތަކަކީ އިންޑިޔާގެ ކޯސްޓްގާޑުގެ ރަސްމީ ހަރަކާތެއްގެ ގޮތުގައި އެ ގައުމުގައި ދަނީ ތަފްސީލުކޮށް ރިޕޯޓު ކުރަމުންނެވެ.

comment ކޮމެންޓް