ހަނގުރާމައާ ހެދި ސޯމާލިޔާގެ ރައްޔިތުން މޮޔަވަނީ!

ސޯމާލިޔާގެ ކޮންމެ ރަށެއްގެ މަގުތަކަށް ބަލައިލިޔަސް ބުއްދި ގޯސްވެފައިވާ މީހުން ކޮޅުކޮޅަށް ދުވާތަން ފެންނާނެއެވެ. އަދި ގެތަކަށް ވަދެލައިފި ނަމަ އެނދާ އެއްކޮށް ހިހިލާ ޖަހާފައިވާ އެތައް ބަޔަކު ފެންނާނެއެވެ. ސޯމާލިޔާގެ ހާލަތު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެކަމުގެ ސަބަބަކީ މެދުކެނޑުމެއް ނެތި އެތައް އަހަރެއް ވަންދެން އެގައުމުގައި ހިނގަމުންދާ އަހުލީ ހަނގުރާމައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ ބުނާ ގޮތުގައި ސޯމާލިޔާގެ އަށް މިލިޔަން މީހުންގެ އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި މީހުންނަށް ވަނީ އެކި އެކި ނަފުސާނީ މައްސަލަތައް ކުރިމަތިވެފައެވެ. އަދި ނަފްސާނީ އުނދަގޫތައް ކުރިމަތިވެފައިވާ މީހުންނަށް އެހީތެރި ވުމަށް ތަމްރީން ކޮށްފައިވާ ސައިކޭޓްރިސްޓުންގެ ގޮތުގައި މުޅި ގައުމުގައި ވެސް ތިބީ އެންމެ ތިން މީހުންނެވެ. ސޯމާލިޔާއާ ބެހޭ ގޮތުން ޑަބްލިއުއެޗްއޯއިން ދާދިފަހުން ޝާއިއުކުރި ރިޕޯޓެއްގައިވާ ގޮތުގައި ބުއްދި ގޯސްވެފައިވާ މީހުން ހިހިލާ ޖަހައި މުޖުތަމައުން އެކަހެރި ކޮށްފައި ބައިތިއްބުމަކީ ސޯމާލިޔާގައި ސިއްހީ ގޮތުންނާއި އިޖުތިމާއީ ގޮތުން މިހާރު މީހުން ގަބޫލުކުރާ ކަމަކަށް ވަނީ ވެފައެވެ.
~
ނަފުސާނީ އިލްމު ކޮންމެވެސް ވަރަކަށް ލިބިފައިވާ ސޯމާލިޔާގެ ރައްޔިތަކު މިހާރު ވަނީ ބުއްދި ގޯސްވެފައިވާ މީހުންނާމެދު އެގައުމުގައި އަމަލުކުރަމުންދާ އިހާނެތި ގޮތްތައް ނައްތާލެވޭތޯ މަސައްކަތް ކުރުމަށް އޭނާގެ ވަގުތުތައް ހުސްކޮށްފައެވެ.
ޑރ. އަބުދުއް ރަހުމާން އަލް ހަބީބު އަކީ އޭނާގެ ނަމުގެ ކުރިއަށް ޑޮކްޓަރު ކިޔަސް ސައިކޭޓްރިކް ނަރުހެއްގެ ގޮތުގައި ތަމްރީން ވެފައިވާ މީހެކެވެ. ސޯމާލިޔާގެ ވެރިރަށް މޮގަދިޝޫގައި ފުރަތަމަ ހުޅުވި މެންޓަލް ހެލްތު ކްލިނިކްގެ ގޮތުގައި 2005 ވަނަ އަހަރު ހަބީބު ހުޅުވި ކްލިނިކަށް ފަހު އޭނާ މިހާރު ވަނީ މަސައްކަތް ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. އެގޮތުން އޭނާ މިހާރު ވަނީ ޖުމްލަ އަށް ކްލިނިކާއި ރިހެބިލިޓޭޝަން ސެންޓަރު ސޯމާލިޔާގެ އެކި ރަށްތަކުގައި ހުޅުވާފައެވެ. އަދި އެކަހެރި އަވަށްތަކުގައިވާ ނަފުސާނީ ބަލީގެ މީހުންނަށް ޒިޔާރަތްކޮށް ފަރުވާ ދިނުމުގެ މަސައްކަތްވެސް އޭނާ އަންނަނީ ކުރަމުންނެވެ. އޭނާ ބުނާ ގޮތުގައި އަވަށްތަކުގައިވާ ނަފްސާނީ ބަލީގެ ގިނަމީހުން ވަނީ ހިހިލާގައި އެތައް އަހަރެއް ވަނީ ހޭދަކޮށްފައެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކު މިހާރު ވަނީ އޭނާގެ މަސައްކަތުން ހިލިހިލާއިން ސަލާމަތް ކޮށްފައެވެ.
"މޮގަދިޝޫގައި ނަފްސާނީ ބަލީގެ މީހުން އިތުރުވުމުގެ ސަބަބަކީ ކޮންމެ ދުވަހަކުވެސް ކުރިއަށްދާ ބޮން ގޮއްވުމާއި ބަޑީގެ ހަމަލާތަކާއި މޯޓަރު ބަޑީގެ ހަމަލާތައް،" ޑރ. ހަބީބު ބުންޏެވެ.

ޑރ. ހަބީބު ބުނާ ގޮތުގައި މޮގަދިޝޫގައިވާ އޭނާގެ އެއް ކްލިނިކްގައި މިހާރުވެސް 70 މީހުންނަށް އަންނަނީ ފަރުވާކުރަމުންނެވެ. އަދި އޭނާ ވަނީ ނަފްސާނީ ބަލިތަކުން ސަލާމަތް ވުމަށް އެތައް ހާސް ބަޔަކަށް އެހީތެރިވެދީފައެވެ. ސޯމާލިޔާގައި ނަފްސާނީ ބަލީގެ މީހުން ތިބި މިންވަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންދާޒާ ކުރާ ވަރަށް ވުރެ މާ އިތުރުވާނެ ކަމަށް ވެސް ހަބީބު ބުނެ އެވެ.
" އަހަރެން ގަބޫލުކުރާ ގޮތުގައި ސޯމާލިޔާގެ ދެކުނު އަދި މެދުތެރޭ ސަރަހައްދުތަކުގައި އަދި ވެރިރަށް މޮގަދިޝޫގައި ނަފްސާނީ ގޮތުން ދުޅަ ހެޔޮ ހަމަ އެކަކުވެސް ނުހުންނާނެ،" ޑރ. ހަބީބު ބުންޏެވެ.

ޑރ. ހަބީބާއި އޭނާގެ ޓީމުން ދެކޭ ގޮތުގައި ނަފްސާނީ ބަލިތަކުން މީހުން ސަލާމަތް ކުރުމަށް އެމީހުން ކުރާ މަސައްކަތަށް ގައުމުގައި ހިނގަމުންދާ ހަމަނުޖެހުން ތަކުގެ ސަބަބުން ވަނީ ހުރަސް އެޅިފައެވެ. އަދި ސޯމާލިޔާގެ މީހުންނަށް ނަފްސާނީ ދުޅަހެޔޮކަން ލިބޭނެ ހަމައެކަނި ގޮތަކީ އެގައުމަށް ހަމަޖެހުން އައުމެވެ. – އަލް ޖަޒީރާ
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު