ސްޓްރެސް ފިލުވާލަން މި ކިޔާލަބަލަ!

ސަން ޕޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އަހަރެމެން އުޅެމުންމިދާ ހަލަބޮލި އަދި ބިޒީ ދިރިއުޅުމުގައި ފަހަކަށް އައިސް އެންމެ ގިނައިން ކުރިމަތިވާ ނަފްސާނީ އެއް މައްސަލައަކީ ހަމަގައިމު ވެސް 'ސްޓްރެސް' އެވެ.

ގިނަ ފަހަރަށް މިއީ ނަފްސާނީ މައްސަލައެއްކަން ނުވަތަ އަވަސް ހައްލެއް ބޭނުންވާކަމެއްކަން ދެނެނުގަނެވި ލަސްވުމުގެ ނަތީޖާއެއްގެ ގޮތުން މާ ބޮޑެތި އެހެން މައްސަލަތަކެއް ވެސް މިކަމުގެ ސަބަބުން މެދުވެރިވެފައި އެބަހުއްޓެވެ.

ހާސްވާނެ ކަމެއް ނެތެވެ. މިފަހަރު މި ގެނެސްދެނީ ސްޓްރެސްއާ ބެހޭ ގޮތުން އާންމުކޮށް އެނގެން ބޭނުންވާނޭ މައުލޫމާތުތަކެކެވެ.

މި ސުވާލުތަކުގެ ޖަވާބު ދީފައި ވަނީ ވިމެން ސެންޓާގެ ޑިރެކްޓާ އެއްކަމުގައިވާ ޒުނީނާ ހަބީބް އެވެ. ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްގައި ފުލްޓައިމް ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރާ ޒުނީނާ (ޔޫޔޫ) ވަނީ އޮސްޓްރޭލިޔާގައި އެ ދާއިރާއިން މާސްޓާސް ހާސިލްކޮށްފަ އެވެ. އަދި މީގެ އިތުރުން އޭނާއަކީ ފިޓްނަސް އިންސްޓްރަކްޓާއެއްވެސް މެ އެވެ.

ސްޓްރެސް އަކީ ކޮބާ؟

ސްޓްރެސް އަކީ ކަމަކާ މާ ބޮޑަށް ހާސްވެ ކަންބޮޑުވުން. އެއީ ޖިސްމާނީ ނުވަތަ ނަފްސާނީ ގޮތުން ތިމާއަށް ކަންބޮޑުވުން ގެނުވާ ކަމަކާ މެދު ފިކުރުކޮށް ހާސްވުމުގެ ސިފައެއް. ސްޓްރެސް އުފެދެނީ ކަމަކާ ކުރިމަތިލާންޖެހުމުން ތިމާގެ ސިކުނޑީގައި އުފެދޭ "ފައިޓް އޯ ފްލައިޓް ރެސްޕޮންސް"ގެ ސަބަބުން. މި ސްޓްރެސް އަކީ މީހާ އަށް ކަންކަމާ ކުރިމަތި ލުމުގައި ހިތްވަރު ދޭ އެއްޗަކަށް ވެސް އެއްބައި ފަހަރު ވޭ. އެކަމަކު މާ ގިނައިން ސްޓްރެސް ވުމުގެ ސަބަބުން މީހާގެ ސިކުނޑިއާއި ހަށިގަނޑު ބަލިކޮށް، މީހާގެ ޕާފޯމަންސް ލެވެލް ދައްވެ އެކި ބަލިތަށް ޖެހުމަށް ވެސް ބައެއް ފަހަރު މަގުފަހިކުރުވާ.

ސްޓްރެސް ވާން ދިމާވާ އާންމު ސަބަބުތަކަކީ ކޮބާ؟

ދިރިއުޅުމުގައި ދެރަވާ ކަމެއް ދިމާވުން (ލޯބިވާ މީހެއް މަރުވުން، ކޮންމެވެސް ކަހަލަ ބޮޑު ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބުން)

މީގެ އިތުރަށް، މަސައްކަތުގެ މާހައުލުގައި ކަންކަން ހުންނަ ގޮތުން ނުވަތަ ބުރަވުމުންވެސް ސްޓްރެސްވެދާނެ. އަދި މަސައްކަތުގެ މާޙައުލުގައި ނުވަތަ ދިރި އުޅުމުގައި ކަނޑައަޅާ ލަޑުދަނޑިތައް ޙާސިލުނުވުމުން އަމިއްލަ ނަފްސު ކުށްވެރިކުރުން އަދި އެކަމާ ވިސްނާ ފިކުރު ބޮޑުވުން. ހަމައެޔާ އެކު މާލީ ތަނަވަސްކަން ހުރިގޮތުންނާއި ކެއުމާއި، ނިދުން އަދި ކަސްރަތު ރަނގަޅަށް ނުލިބުމަކީ ވެސް އާންމު ސަބަބުތަކެއް. އަދި ދިރިއުޅުމަށް ބޮޑު ބަދަލެއް އައުންވެސް. މިއީ ހައްތަހާވެސް ސްޓްރެސް މެދުވެރިކުރުވަފާނޭ ހާލަތްތައް!

ސަން ޕޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މަސައްކަތް ލުއިނުކޮށް ސްޓްރެސް އާއި ދުރުވެވޭނީ ކިހިނެއް؟

ސްޓްރެސް އާއި ދުރުކުރުމަށް މަސައްކަތްތައް ރާވާލުން ވަރަށް މުހިންމު، ކުރަން ހުރި ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު ކަމެއް ދޭންވީ ކޮންކަމެއްތޯ ބަލާ ރާވާލުން. ނިދި ފުރިހަމަ އަށް ހޯދުން. ރަނގަޅު ކާނާ ކެއުން. ދިމާވާ އުނދަގޫތަށް މީހަކާ ހިއްސާ ކުރުން. ރަނގަޅު އެކުވެރިން ގެންގުޅުން. ކަސްރަތުކުރުން. ލިބޭ ހުސްވަގުތު ކޮޅުތަކުގައި ބޯ ހަމަ ޖައްސާލުމަށް ކަމެއް ކުރުން.

"މިސާލަކަށް ބުނަންޏާ އަޅުގަނޑަށް އަބަދުވެސް އެންމެ ހިތްހަމަޖެހެނީ މޫދާ ގުޅޭ ކޮންމެވެސް ކަމެއް ކުރީމަ. އެހެންވީމަ ކިތަންމެ ބިޒީވިޔަސް ޓައިމް ކޮޅެއް ހޯދާލައިގެން މޫދުގެ ކޮންމެވެސް ކަމެއް އެއީ އަދި ފަތާލުން ކަމުގައި ވިޔަސް ނޫނީ އާއިލާއާ އެކު މަހަށް ދިޔުން ކަމަށް ވިޔަސް އެކަހަަލަ ކަމެއް ކޮށްލީމަ ވަރަށް ސްޓްރެސް ފިލާ.

އިމްތިހާނު ދުވަސްކޮޅު ސްޓްރެސް ދުރުކުރާނީ ކިހިނެތް؟

ރަނގަޅަށް ވަގުތު ހަމަޖައްސައި ދުރާލާ އިމްތިޙާނަށް ތައްޔާރުވުމަކީ ކުރެވިދާނެ ކަމެއް. ގަޔާވާ ކޮންމެވެސް ކަމެއް ކުރުމަށް ބްރޭކެއް ނަގާލުން. ކަސްރަތުތައް ކޮށްލުން. ރަނގަޅަށް ނިދުން. ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުން. ވަގުތު ބޭކާރުވާ، ނުވަތު ދެވިހިފާ ކަންކަން ފާހަގަކޮށް މަދުކުރުން (ޓީވީ ބެލުން، ސޯޝަލް މީޑިއާ) މިއީ ކުރެވިދާނެ ކަންތައްތަކެއް.

މާބޮޑަށް ސްޓްރެސްވީމަ ޑޮކްޓަރަށް ދައްކަންވީތަ؟

އަމިއްލައަށް ނުވަތަ އާއިލާ މީހަކަށް ނުވަތަ ރަހުމަތްތެރިއަކާ ޙިއްސާ ކުރުމުން ވެސް ސްޓްރެސްއަށް ޙައްލެއް ނުލިބޭކަމުގައި ވަނީ ނަމަ ކައުންސިލަކާ ނުވަތަ މިފަދަ ސިއްޙީ ފަރުވާދޭ މާހިރަކާ ޙިއްސާކޮށްލުން ރަނގަޅުވާނެ.

ސަން ޕޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އާންމު ދިރިއުޅުމުގައި ސްޓްރެސް ދުރުކުރުމަށް ކުރެވިދާނޭ ކަންކަމަކީ ކޮބާ؟

ހާސްވާ ކަންކަން ފާހަގަ ކުރުން އެކަންކަން ދުރުކުރަން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް. ހާސްކުރުވާ މީހުންނާއި ނުވަތަ ކަންތައްތަކާއި ދުރުވެ ތިމާއަށް ކޮންޓްރޯލް ނުކުރެވޭނެ ކަންކަން ހުންނާނެކަން ގަބޫލުކޮށް އަމިއްލަ ނަފްސާ ދޭތެރޭ ނެގެޓިވްކޮށް ނުވިސްނުން އެއީ ވެސް ކުރެވިދާނޭ ކަމެއް.

އަމިއްލަ މީހާ އާ އަޅާލައި، ކުރާހިތްވާ، ޝަޢުގުވެރިކަން ހުންނަ ކޮންމެވެސް ކަމެއްކޮށްލުމުން އުފާވެރިކަންކަން އިހްސާސްކުރެވޭނެ. އަދި ވީހާވެސް ޕޮސިޓިވް ވައިބްސް އެޓްރެކްޓްކޮށް ޝަކުވާ ކުރުމުގެ ބަދަލުގައި ކަންކަމުގެ ޙައްލަކީ ކޮބައިތޯ ބަލާ އެގޮތަށް ޙައްލު ހޯދަން މަސައްކަތްކުރުމުން ސްޓްރެސް އާއި ދުރުވުމަށް މަގުފަހިވާނެ.

comment ކޮމެންޓް