އަޅުގަނޑުގެ އެކައުންޓަށް ޖަމާކުރީ އެސްއޯއެފް އިން މެރީޑިއަމަށް ދޭންޖެހޭ ފައިސާ: ރިޔާޒު

ވިލުފުށީ ދައިރާ މެމްބަރު ރިޔާޒު ރަޝީދު -- ސަން ފޮޓޯ/ފަޔާޒު މޫސާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޖަމާކޮށްފައިވާ އެސްއޯއެފްގެ އެކައުންޓުން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދުގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާ އަކީ ރިޔާޒުގެ ހިއްސާ އޮންނަ މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީ ކޮރަޕްޝަނުގެ ރިޕޯޓު މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާންމުކޮށްފައިވާއިރު ހިޔާނާތުގެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އެކައުންޓަށް ޖަމާވިކަން އޭސީސީގެ ތަހުގީގު ރިޕޯޓުން ދައްކައެވެ. އޭގެ ތެރޭގައި ހިމެނޭ އެއް މެންބަރަކީ ރިޔާޒު ރަޝީދެވެ.

ރިޔާޒު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މެރީޑިއަމް އަށް ލިބެންޖެހޭ ފައިސާ ރިޔާޒުގެ އެކައުންޓަށް ޖަމާކުރީ މެރީޑިއަމްގެ އެކައުންޓު ފްރީޒުކޮށްފައިވާތީ ކަމަށެވެ. އަދި އެ ފައިސާ ރިޔާޒުގެ އެކައުންޓަށް ރިއަލައިޒް ވުމާއެކު، އެހެން ބޭންކެއްގައި އޮންނަ މެރީޑިއަމްގެ އެކައުންޓަކަށް ޗެކަކުން ޖަމާކޮށްފައިވާނެ ކަމަށްވެސް އެ އެބަޔާނުގައި ވެއެވެ.

މި ވަހަކަތައް އެންޓިކޮރަޕްޝަން ކޮމިޝަނާވެސް ހިއްސާ ކުރެވިފައިވާނެ ކަމަށާއި މި މުއާމަލާތް ހިނގިގޮތް އެނގެން އޮތްއިރު، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން އެއްވެސް ގާނޫނީ ސަބަބެއް ނެތި، ރިޔާޒުގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަން ދައްކުވައި، މައުލޫމާތު ފެތުރުމަކީ "ކަމުގެ ހަގީގަތް އޮޅުވާކުންކަމަށް" ވެސް ރިޔާޒު ވަނީ ވިދާޅުވެފައެވެ.

ރިޔާޒުގެ އަދި ރިޔާޒަށް ނިސްބަތްކުރެވޭ އެއްވެސް އެކައުންޓެއްގައިވެސް އެސްއޯއެފް އިން ލިބުނު ހައްގު ނޫން ފައިސާއެއް ނުހުންނާނެ ކަމަށް އެ ބަޔާނުގައި ރިޔާޒު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް