ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު އެވިޑްގެ އިސްލާމިކް ފެކަލްޓީގެ ޑީންއަށް

ޑރ. ޒިޔާދު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިދިޔަ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު ޒިޔާދު ބާގިރު އެވިޑް ކޮލެޖުގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ޑީންގެ މަގާމަށް އައްޔަނުކުރައްވައިފި އެވެ.

އެވިޑް ކޮލެޖުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އޭނާއަށް ޑީންކަމުގެ މަގާމުގެ ލިޔުން ވަނީ ހަވާލުކޮށްފަ އެވެ.

ޑރ. ޒިޔާދު ވަނީ އިސްލާމިކް ސްޓަޑީޒްއިން ޕީއެޗްޑީވެސް ހާސިލް ކުރައްވައިފަ އެވެ. ޕީއެޗްޑީ ހާސިލް ކުރެއްވިއިރު ސްޕެޝަލައިޒް ވެފައިވަނީ އިސްލާމިކް ފިގުހުގެ ދާރިއާއިންނެވެ.

ޑރ. ޒިޔާދު މީގެ ކުރިން ވަނީ އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

ޑީންގެ މަގާމުގެ އިތުރުން ޑެޕިއުޓީ ޑީންގެ މަގާމަށް ވެސް ރޭ ބޭފުޅަކު ވަނީ އައްޔަނުކުރައްވައިފަ އެވެ. އެ މަގާމަށް އައްޔަނުކޮށްފައި ވަނީ އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ނަސްރުﷲ މުސްތަފާއެވެ.

އެވިޑުން ބުނީ އެ ކޮލެޖުން އަރަބި ބަހާއި އަދި ޝަރީއާ އެންޑް ލޯ ވެސް ކިޔަވައިދިނުމަށް މިހާރު ތައްުޔާރުވަމުންދާ ކަމަށެވެ. އަދި މިހާރު އެކަން އުޅެނީ "އެޕްރޫވަލް" ސްޓޭޖުގައި ކަމަށްވެސް އެ ކޮލެޖުން ބުންޏެވެ.

comment ކޮމެންޓް