ކޮމިޝަންތަކަށް ބާރު ދޭ ބިލަށް މައުމޫން ތާއީދު، ރައީސުންނަށް ވާދަ ނުކުރެވޭ ބިލާ ދެކޮޅު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުމޫން ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

ރައީސުލް ޖުމްހޫރިއްޔާ އުފައްދަވާފައިވާ މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންންގެ މައްސަލަތައް ބަލާ ކޮމިޝަނާއި ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ބާރު ދިނުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ތާއީދު ކުރައްވާ ކަމަށާއި، ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަ ނުކުރެވޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ވިދާޅުވީ މައުމޫން ރިފޯމް މޫވްމެންޓުގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާކަން އިއުލާނު ކުރެއްވުމަށް މިއަދު އެމަނިކުފާނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިއެވެ.

ކޮމިޝަންތަކަށް ބާރު ދޭ ބިލު ފާސް ކުރުމަށް އެމްއާރްއެމްގެ ތާއީދު ލިބޭނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، މައުމޫން ވިދާޅުވީ، އެ ބިލު ފާސް ކުރުމަކީ މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށާއި، އެ ބިލު ފާސް ކުރުމަށް އެމްއާރްއެމްގެ މެމްބަރުންގެ ތާއީދު ލިބޭނެ ކަމަށެވެ.

"އަޅުގަނޑު ހިތަށް އަރަނީ އެއީ ވަރަށް މުހިންމު ބިލެކޭ. އެ ބިލް ފާސް ނުވެގެން ވަރަށް މުހިންމު މަސައްކަތްތަކެއް އެހެރީ ހުއްޓިފައި. ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޝަނެއްގެ މަސައްކަތް ކުރިއަށް ނުގެންދެވި ވަނީ އެ ބާރުތައް ކޮމިޝަނަށް ލިބިވަޑައިނުގަނެގެން. އެހެންވީމާ ފާސް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން،" މައުމޫން ވިދާޅުވި އެވެ.

ކުރިން ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަަށް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ނުކުރެއްވޭ ގޮތަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހަށް އެމަނިކުފާނު ތާއީދު ކުރައްވަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ، އެ އިސްލާހަށް ތާއީދު ނުކުރައްވާ ކަމަށެވެ.

"ނުކުރާ ސަބަބަކީ އަޅުގަނޑު ދެކޭ ގޮތުގައި އެއީ ގާނޫނު އަސާސީއާ ހިލާފުވާ އިސްލާހަކަށް ވާތީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މައުމޫން މިއަދު ވަނީ އެމަނިކުފާނު އެއްވެސް އިރެއްގައި މަޖިލީހަށް ކުރިމަތިލެއްވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިފަހަރުގެ އިންތިހާބުގައި ވެސް ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ދެ ކޮމިޝަނަށް ތަހުގީގީ އިދާރާތަކަށް ލިބިދޭ ބައެއް ބާރުތައް އަދި އެހެނިހެން ބައެއް ބާރުތައް ދިނުމަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިނެވެ. އެ ބިލަށް ކޮމިޓީން ބަދަލުތަކެއް ގެނެސްފައިވާ އިރު އަދިވެސް އެ ބިލު އޮތީ މަޖިލީހުން ފާސް ނުވެ އެވެ.

ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަ ނުކުރެވޭ ބިލު މަޖިލީހަށް ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު އަބްދުލްލަތީފު މުހައްމަދެވެ. އެ ބިލަކީ މައްޗަންގޮޅި މެދު ދާއިރާއަށް ވާދަ ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ނެރެފައިވާ ގާނޫނު އަސާސީއާ ޚިލާފު އިސްލާހެއް ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް