ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ޓީޓީ ކުޅުންތެރިޔާ ދީމާ ރަން މެޑަލް ހޯދައިފި

ސައުތު އޭޝިއަން ހޯޕް ޗެލެންޖުގައި ބައިވެރި ވުމަށް ރާއްޖެއިން ގޮސްފައިވާ ޓީމް -- ފޮޓޯ / ޓީޓީ އެސޯސިއޭޝަން އޮފް މޯލްޑިވްސް

މިހާރު އިންޑިއާގެ ހަރްޔާނާ ސްޓޭޓުގައި ކުރިއަށްދާ ސައުތު އޭޝިއަން ހޯޕްސް ޗެލެންޖުގައި ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ރަން މެޑަލް ހޯދައިފިއެވެ.

އިންޓަނޭޝަނަލް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން އިންތިޒާމުކޮށް ބާއްވާ މި އިވެންޓަކީ 12 އަހަރުން ދަށުގެ އުމުރު ފުރާއަށް ހާއްސަ ކޮށްގެން މެންބަރު ގައުމު ތަކުގެ މެދުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިވެންޓެކެވެ. މި ޗެލެންޖުގައި ބައިވެރި ވުމަށް ރާއްޖެއިން ގޮސްފައިވަނީ ތިން ކުޅުންތެރިންގެ އިތުރުން ޓީމުގެ ކޯޗެވެ.

ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އެވޯޑާއެކު --- ފޮޓޯ / ޓީޓީ އެސޯސިއޭޝަން އޮފް މޯލްޑިވްސް

ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި އިވެންޓަކީ ހަތަރު ދުވަހުގެ ތަމްރީނު ޕުރޮގުރާމެއް ބައިވެރިންނަށް ދިނުމަށް ފަހު ބައިވެރިންގެ މެދުގައި ކުރެވޭ ޗެލެންޖުތަކެއް ހިމެނޭ ގޮތަށް ބޭއްވޭ މުބާރާތެކެވެ.

މިފަހަރުގެ މި ޗެލެންޖުގައި ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތުމަތު ދީމާ އަލީ ވަނީ ރަން މެޑަލް ހޯދާފައެވެ. ދީމާ ރަން މެޑަލް ހޯދާފައި ވަނީ އަންހެން ކުދިންގެ ކެޓަގަރީގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

މި މެޑައްޔާއި އެކު ދީމާ އަކީ ދިވެހި ތާރީހުގައިވެސް ޓޭބަލް ޓެނިސް މުބާރާތަކުން ރާއްޖޭގައި ގޯލްޑް މެޑަލް އެއް ހޯދި ފުރަތަމަ ކުޅުންތެރިޔާއެވެ. މީގެ އިތުރުން ރާއްޖޭގެ ކުޅުންތެރިޔަކު އިންޓަނޭޝަނަލް މުބާރާތަކުން އެއްވެސް މެޗަކުން ބަލި ނުވެ ރަން މެޑަލްއެއް ހޯދުމުގެ ޝަރަފު ވަނީ ދީމާއަށް ލިބިފައެވެ.

ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އެވޯޑާއެކު --- ފޮޓޯ / ޓީޓީ އެސޯސިއޭޝަން އޮފް މޯލްޑިވްސް

މި އިވެންޓުގެ ބައިވެރީން އަނބުރާ ރާއްޖެ އައުމަށް ހަމަ ޖެހިފައިވަނީ މާދަމާ (28 ޖެނުވަރީ) ގެ ހަވީރު 4:25ގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް