އޮޓަވާ (ޖެނުއަރީ 27): ކެނެޑާއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން މެކެލަމް މަގާމުން ދުރުކޮށްފި އެވެ.
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން ރޭ ބޮޑުވަޒީރު ވަނީ މެކެލަމް އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް އެއީ ކޮން ސަބަބަކާ ހެދި ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
މެކެލަމް މަގާމުން ދުރުކުރީ، މިދިޔަ މަހު އެމެރިކާގެ އެދުމުގެ މަތިން ކެނެޑާއިން ހައްޔަރު ކުރި ވާވޭގެ ސީއެފްއޯ މެންގް ވަންޖޯއާ ބެހޭ ގޮތުން އޭނާ އަންގާރަ ދުވަހު ވާހަކަ ދެއްކެވި ފަހުންނެވެ. މެކެލަމް ވަނީ އެމެރިކާއިން މެންގް އެގައުމާ ހަވާލު ކުރުމަށް ބުނެ ދައްކާ ވާހަކަތަކުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވެފަ އެވެ.
އޭގެ ފަހުން މެކެލަމް ވަނީ އޭނާއަށް ވާހަކަ ދެއްކެވުނީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އަނެއްކާވެސް މިދިޔަ ހުކުރު ދުވަހު މެކެލަމް ވަނީ މެންގް އެމެރިކާއާ ހަވާލުކުރުމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ.
މެންގްގެ މައްސަލައާ ގުޅިގެން ކެނެޑާ އާއި ޗައިނާގެ ގުޅުން ވަނީ ގޯސްވެފަ އެވެ. އަދި މެންގް ހައްޔަރު ކުރި ފަހުން ޗައިނާއިން ވަނީ ކެނެޑާގެ ދެ މީހަކު ހައްޔަރުކޮށް، މަސްތުވާތަކެތީގެ މައްސަލައެއްގައި އެގައުމުގައި ހައްޔަރުކޮށްފައި ހުރި ކެނެޑާގެ މީހަކު މަރަން ހުކުމްކޮށްފަ އެވެ.
މެންގް ހައްޔަރު ކުރިތާ 10 ދުވަސް ފަހުން ކެނެޑާއިން ވަނީ ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލާފަ އެވެ. ނަމަވެސް އެއީ ޓެގު އަޅުވައި، ޕާސްޕޯޓު އަތުލުމަށް ފަހުގަ އެވެ.
އެމެރިކާއިން ބުނާ ގޮތުގައި މެންގް ވަނީ ވާވޭއިން އީރާނާއެކު ވިޔަފާރި ކުރުމާ ބެހޭ ގޮތުން ބޭންކުތަކަށް އޮޅުވާލާފަ އެވެ. އަދި އެއީ އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފުވާ ކަމެކެވެ.