ނައިޖީރިއާގެ އާއްމު އިންތިހާބާ ދިމާކޮށް އުއްތަމަ ފަނޑިޔާރު ސަސްޕެންޑު ކުރުމުން ކަންބޮޑުވުން

ނައިޖީރިއާގެ އުއްތަމަ ފަނޑިޔާރު ވޯލްޓާ އޮނޮގެން ވަނީ ސަސްޕެންޑުކޮށްފަ -- ފޮޓޯ: ގާޑިއަން

ލާގޯސް (ޖެނުއަރީ 27): ނައިޖީރިއާގެ އާއްމު އިންތިހާބު ބާއްވަން ގާތްވެފައި ވަނިކޮށް އެގައުމުގެ އުއްތަމަ ފަނޑިޔާރު ސަސްޕެންޑު ކުރުމުން އިންޓަނޭޝަނަލް އޮބްޒާވަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީ އެގައުމުގެ އުއްތަމަ ފަނޑިޔާރު ވޯލްޓާ އޮނޮގެން ސަސްޕެންޑު ކުރެއްވީ ހުކުރު ދުވަހުގައެވެ. އެއީ މިމަހުގެ 12 ވަނަ ދުވަހު އޮނޮގެންގެ މައްޗަށް މާލީ ބަޔާން ހާމަ ނުކުރުމުގެ ދައުވާ ކުރި ފަހުންނެވެ. އޭނާގެ މައްޗަށް އެދައުވާ ކުރީ 2017 ވަނަ އަހަރު މަގާމާ ހަވާލު ކުރުމުގެ ކުރިން މާލީ ބަޔާން ހާމަ ނުކުރައްވާ ކަމަށް ތުހުމަތުކޮށްފައެވެ.

ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީ ވަނީ ގައުމުގެ އުއްތަމަ ފަނޑިޔާރު ސަސްޕެންޑު ކުރައްވާފަ -- ފޮޓޯ: ގެޓީ

މީގެ ކުރިން ރައީސް ބުހާރީ ވަނީ އެގައުމުގެ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތަށް ޖުޑިޝަރީން ހުރަސް އަޅާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޮނޮގެން ސަސްޕެންޑު ކުރަން ނިންމެވި ސަބަބެއް ބުހާރީ ހާމަ ނުކުރައްވައެވެ.

ރައީސް ބުހާރީގެ އެނިންމެވުމާ ގުޅިގެން ސެނެޓުގެ ރައީސް ވަނީ އެއީ ޑިމޮކްރަސީއާ ދެކޮޅަށް ކުރި ބަޣާވާތެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަދި އިދިކޮޅު ޕާޓީތަކުން ވަނީ އެނިންމުން ކުށްވެރިކޮށް، އަންނަ މަހުގެ 16އިގައި ބާއްވާ އާއްމު އިންތިހާބަށް ކެމްޕެއިން ކުރުން ހުއްޓާލާފައެވެ.

ނައިޖީރިއާގެ ޖުޑިޝަރީގައި އިސްކޮށް ހުންނަވާ ބޭފުޅާގެ ގޮތުން އެގައުމުގެ އިންތިހާބުގައި ދިމާވާ ގާނޫނީ މައްސަލަތައް އިސްލާހު ކުރުމުގައި އުއްތަމަ ފަނޑިޔާރު އިސް ދައުރެއް އަދާ ކުރައްވާނެއެވެ. ނަމަވެސް ގައުމުގެ މަޖިލިސް މެމްބަރުންނާއި ރައީސް އިންތިހާބު ކުރަން ތިން ހަފްތާއަށް ވެފައި ވަނިކޮށް، އޮނޮގެން ސަސްޕެންޑު ކުރުމުން އިންތިހާބުގެ ސައްހަ ކަމާ މެދު ސުވާލު އުފެދޭނެ ކަމަށް އިނގިރޭސި ހައި ކޮމިޝަނުން ބުންޏެވެ.

ރައީސް ބުހާރީ ގެންދަވަނީ ވެރިކަމުގެ ދެވަނަ ދައުރަކަށް ކެމްޕެއިން ކުރައްވަމުންނެވެ.

comment ކޮމެންޓް