ލަންޑަން (ޖެނުއަރީ 27): ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯގެ އޮފިޝަލުން ބޭންކް އޮފް އިންގްލޭންޑުގައި ހުރި 1.2 ބިލިއަން ޑޮލަރުގެ ރަން ނަގަން މަސައްކަތް ކުރުމުން، ބޭންކުން އެކަން ހުއްޓުވައިފި އެވެ.
ބްލޫމްބާގު ނޫހުގައިވާ ގޮތުން އެރަނަކީ ވެނެޒުއޭލާގެ މަރުކަޒީ ބޭންކުގައިވާ އަށް ބިލިއަން ޑޮލަރުގެ ފޮރިން ރިޒާވުގެ ބަޔެކެވެ.
ބޭންކް އޮފް އިންގްލޭންޑުން އެފަދައިން އަމަލު ކުރީ، ގައުމުން ބޭރުގައި ހުރި ވެނެޒުއޭލާގެ ފައިސާ މަޑޫރޯއަށް ނުދީ ހުއްޓުވުމަށް އެމެރިކާ ސަރުކާރުން އިނގިރޭސިވިލާތަށް ގޮވާލި ފަހުންނެވެ. އެމެރިކާއިން ވަނީ އެފައިސާ އިދިކޮޅު ލީޑަރުު ހުއާން ގުއައިޑޯއަށް ލިބޭނެ ގޮތް ހެދުމަށް ގޮވަލާފަ އެވެ.
އިއްޔެ އިނގިރޭސިވިލާތުން ވަނީ ވެނެޒުއޭލާގައި ކުރިއަށް އޮތް އަށް ދުވަސް ތެރޭ އާ ރިޔާސީ އިންތިހާބެއް ނުބާއްވައިފި ނަމަ ގުއައިޑޯ އަކީ ރައީސް ކަމަށް ބަލައިގަންނާނެ ކަމަށް ބުނެފަ އެވެ. އެގައުމުގެ އިތުރުން އެމެރިކާ، ކެނެޑާ، ބްރެޒިލް އަދި ކޮލޮމްބިއާއިން ވަނީ ގުއައިޑޯއަކީ ރައީސްކަމަށް ބަލައިގަނެފަ އެވެ.
މިދިޔަ ބުދަ ދުވަހު ގުއައިޑޯ ވަނީ ވެނެޒުއޭލާގެ ރައީސަކީ އޭނާ ކަމަށް އިއުލާން ކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް މަޑޫރޯ ދެވަނަ ދައުރަކަށް އިންތިހާބުވީ ވޯޓު އޮޅުވާލައްވައިގެންނެވެ. އެހެންކަމުން މަޑޫރޯގެ ވެރިކަން ގަބޫލެއް ނުކުރެވޭނެ ކަމަށެވެ.