ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އައި ފަހުން ރާއްޖެއާ އިންޑިއާއާ ދެމެދުގައި އޮތް ގުޅުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހަލުވިކަމާ އެކު ވަރުގަދަވެގެންގޮސްފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި އިންޑިއާގެ ޖުމްހޫރީދުވަސް ފާހަގަކުރުމުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ އިންޑިއާއާއި ރާއްޖެއާ ދެމެދުގައި އޮތް ގުޅުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.
"އަޅުގަނޑުމެން ވެރިކަށް އައިސް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި، ދެ ގައުމުގެ އެންމެ އިސްވެރިން ކުރެއްވި ޒިޔާރަތްތަކާ އެކު، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އަލުން ވަރުގަދަވެގެން ގޮސްފައިވާކަން އަޅުގަނޑު އުފަލާ އެކު ފާހަގަ ކުރަން،" ފައިސަލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެމަނިކުފާނާއި ރައީސް ސޯލިހު ހުވާ ކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ރައީސް ނަރެންދުރަ މޯދީ ވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ޝަރަފެެއް ކަމަށެވެ.
މިރޭ އެމަނިކުފާނު ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބިނާވެފައި ވަނީ ހަމައެކަނި ދެ ޤައުމެއްގެ ގުޅުން އޮންނަ މިންވަރަށް ނޫންކަމަށާއި، އެގުޅުމަކީ އެއަށް ވުރެ މާ ގާތް ގުޅުމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދެގައުމުގެ ގުޅުން ބިނާވެގެން ގޮސްފައިވަނީ ވޭތުވެ ދިޔަ އަހަރުތަކުގައި ދެ ގައުމުން ކޮށްފައިވާ ތަޖުރިބާތަކުގެ މައްޗަށާއި، ޒަމާންވީ އާދަކާދަތަކުގެ މައްޗަށާއި، އެއް ގައުމުން ކުރާ ކަންތައްތައް އަނެއްގައުމުން ބަލައިގަންނަމުންދާ މިންވަރުގެ މައްޗަށްކަމުގައެވެ.
ރާއްޖޭގެ ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖެ އާއި އިންޑިއާ ހިއްސާކުރާ އެއްގޮތް ކަންތައް ފާހަގަކުރައްވަމުން އެމަނިކުފާނު މިރޭ ވިދާޅުވީ، ދެގައުމުގެ ގާނޫނު އަސާސީ އެކުލަވާލެވިފައި ވަނީ ރައްޔިތުންގެ ހައްގުތަކާއި، މިނިވަންކަން ނަގަހައްޓައި ޑިމޮކްރަޓިކް މުޖުތަމައެއް ބިނާކުރުމަށާއި، އިޖުތިމާއީ ފޭރާން ބަލިކަށި ވެގެން ނުދާނޭފަދަ ގޮތަކަށް ކަަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އިންޑިއާއިން އަބަދު ވެސް ރާއްޖެއިން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ގާތް ރަހުމަތްތެރިއެއްގެގޮތުން ރާއްޖެއަށް ދީލަތި ކަމާއެކު އެހީތެރިކަން ފޯރުކޮށްދޭކަމަށެވެ. އަދި އިންޑިއާއިން ބަހައްޓަވާ ގާތްކަން ރާއްޖެއިން އަދި މި ސަރުކާރުން ބަލައިގަންނަކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ދެޤައުމަށް ފައިދާ ވާނެފަދަ ކަންކަމުގައި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ވެސް އެމަނިކުފާން ވަނީ ދެއްވާފަ އެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖެއާއި ޗައިނާގެ ދެމެދުގައި އޮތް ގުޅުން ބަދަހިވިއިރު، އިންޑިއާއާ އެކު އޮތް ގުޅުން ހީނަރުވި ކަމަށް މާހިރުން ބުނެ އެވެ.