ޖީއެސްޓީން މަކަރު ހެދުމުގެ ޝަކުވާތައް މީރާއަށް ބޮޑުވެފައި

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީ ނަގަން ފެށުމާއިއެކު ތަފާތު މައްސަލަތައް ވަނީ ކުރިމަތިވާން ފަށާފަ އެވެ. ޖީއެސްޓީގެ ގާނޫނާއި ގަވައިދުގެ ތަފާތު މައްސަލަތަކެވެ. ޖީއެސްޓީ މިނެ ކިރުމުގެ ތެރޭ ގަސްދުގައި އޮޅުވާލުމާއި މަކަރުހެނދުން ވަނީ އާންމުވެފަ އެވެ. ފުރަތަމަ ފެންމަތިވީ ވަކި ލާރި ތަދުވުމުގެ މައްސަލަ އެވެ. މިއީ ފުރަތަމަ ދުވަހު ނުކުތް މައްސަލައަކަށް ވިޔަސް މިއަދުވެސް ވަކި ލާރި ތަދުކަމަށް ބުނެ އިތުރަށް ޖީއެސްޓީ ޗާޖް ކުރަމުންދާ ކަމަސް އާންމު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެއާ އެކު "ޖީއެސްޓީގެ މަކަރު"ގެ އިމަށް ފެތޭ އާ ކަކްނަތައްތަކެއް މޯލްޑިވްސް އިންލޭން ރެވެނިއު އޮތޯރިޓީ (މީރާ) އަށް ވެސް ވަނީ ފާހަގަވާން ފަށައިފަ އެވެ.
"އަޅުގަނޑުމެންނަށްވެސް ރާއްޖެ ތެރޭން ނާއި މާލޭން ވެސް އެކި ޝަކުވާތަށް ލިބޭ. ވަކި ލާރީގެ މައްސަލައިން އޯވާ ޖީއެސްޓީ ޗާޖް ކުރުމުގެ މައްސަލައޮއްވާ ތަކެތީގެ އަގަށް ޖީއެސްޓީލައިގެން އެކަން އެންގުމެއްނެތި ވިޔަފާރި ކުރުމުގެ މައްސަލަ. ބައެއް ފަހަރަށް ޖީއެސްޓީއަށް ޝަރުތު ހަމަނުވާ ތަންތަނުންވެސް ޖެހިގެން ހުންނަ ފިހާރައިން ޖީއެސްޓީ ލައިގެން ވިއްކާތީ އެއްކަލަ އަގަށް އެބަ އިތުރުކޮށްލައިގެން މުދާ ވިއްކާ،" ޑައިރެކްޓާ އޮފް ރެވެނިއު ސާވިސަސް ފަތުހުﷲ ޖަމީލް މިއަދު ވިދާޅުވި އެވެ.

މީރާއަށްވެސް އެކަން ފާހަގަ ވީއިރު މަޖީދީ މަގާއި އަދި ވެސް އެހެން ސަރަހައްދުތަކުގެ ބައެއް ގާމެންޓްސް ފިހާރަތަކުގައި "މިފިހާރައިން ޖީއެސްޓީއެއް ނުނަގާ" ކަމަށް ބުނެ އިއުލާން ހިއްޕައިގެން ތަކެތީގެ އަގުތަށް ޖީއެސްޓީއާ އެއްވަރަށް ބޮޑުކޮށްފައި އެބަހުއްޓެވެ. އަދި އެ ފިހާރަތަކުން ޑިސްކައުންޓެއް ވެސް ނުދެ އެވެ.
"އަހަރުމެން ޖީއެސްޓީއެއް ނުނަގަން. އަނެއްކާ އެއީ ބޮޑު ކަމެއް. އެހެންވެ އަގު ޖަހަނީ އެބައިލާފައި. ޑިސްކައުންޓް ވެސް މިހާރަކު ނުދެން،" ގާމެންޓްސް ދެ ފިހާރައިގެ ވެރިޔަކު ބުންޏެވެ. "ދެން ޑިސްކައުންޓެއްވެސް ދެވޭކަށް ނެތް،"

ވިޔަފާރިތަކުން އެގޮތަށް އަމަލުކުރާއިރު ފަތުހު ﷲ ވިދާޅުވީ މުދަލުގެ އަގު ކަނޑައަޅާއިރު ޖީއެސްޓީލާނަމަ ކަސްޓަމަރުންނަށް އާންމުކޮށް ފެންނާނެ ގޮތަށް އެކަން އިއުލާންކޮށްފައި ހުންނަން ޖެހޭނެ ކަމަށެވެ.
"އެފަދަ ތަންތަނުގައި ޖީއެސްޓީގެ އަގު ހިމެނިފައި ހުންނަ ވާހަކަ ލިޔެފައި ފެންނަން ހުންނަން ޖެހޭނެ. ދޭ ބިލުކޮޅުގައިވެސް އަގު ހެދިފައި ހުންނާނީ އެ އުސޫލުން ކަމަށް ފެންނަން ހުންނަން ޖެހޭނެ. އެއީ މި އޮންނަ ގޮތަކީ،" ފަތުހުﷲ ވިދާޅުވި އެވެ.

"ފިހާރައިން ޖީއެސްޓީއެއް ނުނަގާ" ކަމަށް އިޝްތިހާރު ކުރުމުން އެ ވިދާޅުވި މިންގަޑު ހާސިލްވުމުގެ ބަދަލުގައި އެއީ މާކެޓިން ސްޓްރެޓެޖީއެއް ނޫންބާ އެވެ؟

ލޫޕް ހޯލްތަކުގެ ބޭނުން ފިސާރި ރަނގަޅަށް ވިޔަފާރިވެރިން ހިފާއިރު މިރާއަށް ދެން ފާހަގަވި އަނެއް ކަމަކީ ޖީއެސްޓީއަށް ނުފެތޭ ފިހާރަތަކުން ވެސް ބޮޑު ފައިދާއެއް ހޯދުމުގެ ނިޔަތުގައި ތަކެތީގެ އަގުތައް ބޮޑުކުރުމެވެ. މިކަން ބޮޑަށް އާންމުވެފައިވަނީ އަތޮޅުތަކުގަ އެވެ.
"ޖީއެސްޓީ ނަގާ ފިހާރަތަކުން ޖީއެސްޓީ ނަގާތީ މުދަލުގެ އަގު އެބަބޮޑުވޭ. އެހެންވެ ޖީއެސްޓީ ނުނަގާ ފިހާރައިންވެސް އަގު ބޮޑުކޮށްލަނީ ނަގާ ފިހާރަޔާ އެއްވަރަށް. މި މީހުން މިކަން ކުރަނީ ފައިދާ ބޮޑުކުރަން،" ސަން އާ ގުޅާ މީހަކު މިއަދު ޝަކުވާ ކުރި އެވެ.

ޖީއެސްޓީގެ ޝަކުވާތަކުން މީރާ ފުނިޖެހޭ އިރު އެ އޮތޯރިޓީން ވަނީ މޮބިލައިޒިން ޓީމްތަކެއް އެކުލަވާލައި އަތޮޅުތަކަށް ވެސް ފޮނުވަން ނިންމާފަ އެވެ. މާލޭގައިވެސް ޖީއެސްޓީ މޮނީޓާ ކުރުމަށް ހާއްސަ ޓީމްތަކެއް ހަރަކާތްތެރިވަމުން ދެ އެވެ.
"އަޅުގަނޑުމެންގެ މޮބިލައިޒް ޓީމްތަކުން ޝަކުވާއެއް ލިބިއްޖިއްޔާ އެބަ އެޓެންޑް ކުރަން. ޝަކުވާ ލިބުނީމައި ގޮސް އިންސްޕެކްޓް ކުރާނެ. އެގޮތުން އަތޮޅުތަކައް ވެސް އަޅުގަނޑުމެން އެބަ ދަތުރުތަކެއް ކުރަން،" ފަތުހުﷲ ވިދާޅުވި އެވެ.

ޖީއެސްޓީ ދައްކަން ޖެހެނީ ވިކުރާގެ ގޮތުގައި އަހަރަކަށް އެއްމިލިއަން ރުފިޔާ ލިބޭ ވިޔަފާރިތަކުން ވިއްކާ މުދަލާއި ދޭ ހިތުމަތުގެ އަގުން 3.5 ޕަސެންޓެވެ.
ގުޅޭ ޓެގު
comment ކޮމެންޓް