ދުރުން ބަލާލާ އިރު ބުރްޖު އަަލް ބަބަސްއަކީ ހިޔާލީ މަންޒަރެކެވެ. ތުރުކީގެ އަންކާރާއާއި އިސްތަންބޫލުގެ މެދުގައި އޮންނަ ބޯލޫ ޕްރޮވިންސުން ފެންނަނީ އެއް ވައްތަރެއްގެ، އެއް ކުލަތަކެއްގެ، އަގުބޮޑު ގަނޑުވަރުތަކެކެވެ. ނަމަވެސް އެގަނޑުވަރުތަކުން މީހެއްގެ ހިލަމެއް ނުވެއެވެ.
ތުރުކީގެ ސަރޮތް ޕްރޮޕަޓީ ގުރޫޕުން 200 މިލިއަން ޑޮލަރުގެ ބުރްޖު އަލް ބަބަސް ޕްރޮޖެކްޓުގެ މަސައްކަތް ފެށީ، އެގައުމުގައި އިންވެސްޓު ކުރާ މެދުއިރުމަތީގެ މުއްސަނދީންނަށް ވިއްކާނެ ގަނޑުވަރެއް ފަދަ ގެތަކެއް ހެދުމަށެވެ. ނަމަވެސް 2014 ވަނަ އަހަރު ފެށި އެޕްރޮޖެކްޓު ނުނިމެނީސް ހުއްޓުމަކަށް އައީ، މިދިޔަ އަހަރު ތުރުކީގެ އިގުތިސާދަށް ލިބުނު ގެއްލުމާ ގުޅިގެން ސަރޮތް ގުރޫޕު ބަނގުރޫޓުވި ހިސާބުންނެވެ.

ބުރްޖު އަލް ބަބަސް ޕްރޮޖެކްޓުގެ ދަށުން އަޅާފައިވާ ގަނޑުވަރުތައް -- ފޮޓޯ: އޭއެފްޕީ
އެކުންފުނިން ނިންމާފައި އޮތީ އެއް ތައްގަނޑެއްގެ 732 ގަނޑުވަރު އެޅުމަށެވެ. އަދި އެގަނޑުވަރުތަކުގެ ބޭރުފުށް އެއްގޮތަކަށް ހުރި ނަމަވެސް، ގޭގެ އެތެރެ ވެރި މީހާ ބޭނުންވާ ގޮތަކަށް ހަދާ ގޮތަށެވެ.
ސަރޮތް ކުންފުނިން އެގަނޑުވަރުތައް ވިއްކަން ފެށީ 370،000 ޑޮލަރާއި 530،000 ޑޮލަރާ ދެމެދުގެ އަގަށެވެ. އެކުންފުނި ބަގުރޫޓުވި އިރު އެޕްރޮޖެކްޓުގެ ދަށުން ވަނީ 587 ގަނޑުވަރުއަޅާފަ އެވެ. އަދި ކުންފުނީގެ ދަރަނި ވަނީ 27 މިލިއަން ޑޮލަރަށް އަރާފަ އެވެ. އޭގެ ސަބަބުން އެ ގަނޑުވަރުތައް ގަތުމަށް ފުރަތަމަ އެއްބަސްވި ބައެއް މީހުން ވަނީ އެއްބަސްވުން އުވާލާފަ އެވެ.

ސަރޮތް ގުރޫޕުން ނިންމާފައި އޮތީ އެއް ވައްތަރެއްގެ 732 ގަނޑުވަރު އެޅުމަށް -- ފޮޓޯ: އޭއެފްޕީ
ސަރޮތް ގުރޫޕު އަދިވެސް އޮތީ އެޕްރޮޖެކްޓު ފުރިހަމަ ވާނެ ކަމުގެ އުއްމީދުގައެވެ.
"އެއްމެ 100 ވިލާ ވިކުނަސް އަޅުގަނޑުމެންގެ ދަރަނި ދެއްކޭނެ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ހަތަރެއް ނުވަތަ ފަސް މަސް ތެރޭ މިމައްސަލަގަނޑުން އަރައިގަނެ، މިއަހަރު ތެރޭ ޕްރޮޖެކްޓު ފެށޭނެ،" ސަރޮތްގެ ޗެއާމަން މެހުމަތު ޔަރުދެލިން ވިދާޅުވި އެވެ.
ތުރުކީއަކީ މިއުމާރީ ރީތި ކަމާއި ގުދުރަތީ ރީތީކަން ވަރަށް ބޮޑަށް ލިބިފައިވާ ގައުމެކެވެ. ބުރްޖު އަލް ބަބަސްގެ ވާހަކައަކީ ތުރުކީގެ އެތައް ހާސް މިއުމާރީ ވާހަކަތަކުގެ ތެރެއިން ހަމަ އެއްމެ ވާހަކައެކެވެ.