ލޭބާ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރަން ހުޅުވާލައިފި

ލޭބާ ޕާޓީ އުފެއްދުމަށް ބޭއްވި އާންމު ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ: އަހްމަދު އަވްޝަން

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ (ލޭބާ ޕާޓީ) ޓިކެޓުގައި މަޖިލީސް އިންތިހާބުގައި ވާދަ ކުރުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ލޭބާ ޕާޓީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ ޕާޓީގެ ޓިކެޓު ހޯދުމަށް ހުށަހެޅުމަށް ހުޅުވާލާފަ އެވެ.

އެކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެ ފަރާތެއްގެ ދާއިރާއާއި ވަނަވަރު ހިމެނޭ ގޮތަށް ސިޓީއަކުން ނުވަތަ އީމެއިލުން ހުށަހެޅުމަށް އެ ޕާޓީން ވަނީ އެދިފަ އެވެ.

އޭގެ އިތުރުން، މަޖިލީސް އިންތިހާބުގައި ވާދަ ކުރާ އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ވާދަ ކުރާ ކެންޑިޑޭޓުން، ލޭބާ ޕާޓީގެ ތާއީދު ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގެ ތަރުޖަމާނު މައުރޫފް ޒާކިރު ވިދާޅުވީ އެ ޕާޓީގެ ޓިކެޓު ދޭއިރު އަމާނާތްތެރި ކަމާއި އިހުލާސްތެރި ކަމަށް ބަލާނެ ކަމަށެވެ.

"އެ ކެންޑިޑޭކަށް ސަޕޯޓް ކުރަން ރަނގަޅު ކަމަށް ނިންމާނީ ޕާޓީގެ ލީޑާ ޝިޕުން އެއީ އިންޓަގްރިޓި އަދި މަސައްކަތްތެރިންގެ ހައްގާއިގެން އުޅޭ މީހެއްތޯ ބެލުމަށްފަހު،" އޭނާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ލޭބާ ޕާޓީ ރަޖިސްޓްރީކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

comment ކޮމެންޓް