މާތް ﷲ އާއި އެކަނލާގެ ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހިވަސައްލަމާއި އެކަލޭގެފާނުގެ ސަހާބީންނަށް ބަދުބަސް ބުނާ މީހުން ރާއްޖޭގައި ގިނަ ވެއްޖެ ކަމަށް ބުނެ އެކަމާ ދެކޮޅަށް މިއަދު ހިމޭން އިހުތިޖާޖެއް ކޮށްފި އެވެ.
މޫނު ބުރުގާ އަޅާފައި ތިބި ވިއްސަކަށް އަންހެނުން މިއަދު ހަވީރު ވަނީ އާޓިފިޝަލް ބީޗު ސަރަހައްދަށް އެއްވެ، އެކި މެސެޖުތައް ލިޔެފައިވާ ޕޯސްޓުރުތަކުން ޝުއޫރު ފާޅުކޮށްފަ އެވެ.
އޭގެ ތެރެއިން ބައެއް ޕޯސްޓަރުތަކުގައި "ޗިސްޗިސްކޮށްލިޔަސް، ލާދީނިއްޔަތާ ދެކޮޅު"، "ލާދީނީ މީހުންނަށް ފިޔަވަޅު އަޅާ"، "ﷲ އަށް ފުރައްސާރަ ނުކުރެވޭނެ، ރަސޫލާއަށް ފުރައްސާރަ ނުކުރެވޭނެ" އަދި "ތި ކުޅެވެނީ އަޅުގަނޑުމެންގެ ލެޔާ" ފަދަ މެސެޖުތައް ލިޔެފައި ހުއްޓެވެ. އޭގެ އިތުރުން ކީރިތި ގުރުއާނުގެ ބައެއް އާޔަތްތައް ވެސް ޕޯސްޓަރުތަކުގައި ލިޔެފައި ހުއްޓެވެ.
އެ އިހުތިޖާޖު އިންތިޒާމުކުރުމުގައި އިސްކޮށް އުޅުނު އައިޝަތު އަނޫޝާ "ސަން"އާ ވާހަކަ ދައްކަމުން ބުނީ، ރަސޫލާއާ އެކަލޭގެފާނުގެ ސަހާބީންނާ މެދު ހުތުރުބަހުން މުއާމަލާތު ކުރަމުންދާ އިރު އެގޮތަށް ވާހަކަ ދައްކާ މީހުންނާ މެދު ސަރުކާރުން ފިޔަވަޅު އަޅަމުން ނުދާ ކަމަށެވެ.
"އެއްބައިފަހަރު ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ގެންދޭ ޕޮލިސް ސްޓޭޝަނަށް. އެހެން ކަމަކު ނުދާނެއޭ އަޅުގަނޑުމެން ބުނަމުން މި ދަނީ،"
"އަޅުގަނޑުމެން ބުނަނީ ﷲ އާއި އެކަލާންގެ ރަސޫލާއާ ނުބެހޭށޭ. ސަހާބީންނާ ނުބެހޭށޭ. އެއީ އަޅުގަނޑުމެން މި ވަކާލާތު ކުރާ ކަމަކީ. އެ ބޭބޭކަލުންނާ ނުބެހޭށޭ،" އަނޫޝާ ބުންޏެވެ.
އެ އެއްވުމުގައި އިސްކޮށް އުޅުނު ފަޒީލާ އުސްމާން ބުނީ، ﷲ އާއި އެކަލާންގެ ރަސޫލާއަށް ބަދުބަސް ބުނުމަކީ "ހަޖަމް" ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ އަޑުތައް، ސަރުކާރަށް އަޅުގަނޑުމެންގެ ކޮންސާންތައް ދައްކާލުމަށްޓަކައި [އެއްވީ]. ﷲ ސުބުހާނަހޫ ވަތައާލާއަށާއި ރަސޫލާ ސައްލަﷲ އަލައިހިވަސައްލަމްއަށް ބަދުބަސް ބުނުމަކީ އަޅުގަނޑުމެން ހަޖަމް ކުރާނެ ކަމެއް ނޫންކަން ދައްކާލުމަށްޓަކައި،"
"މިގޮތަށް އަޅުގަނޑުމެން އަޅާ ނުލާ ދޫކޮށްލައިފި ނަމަ އިތުރުވަމުން ދާނީ [ލާދީނީ ވާހަކަ ދައްކާ މީހުން]،" ފަޒީލާ ބުންޏެވެ.
މިއަދު ލާދީނީ ވާހަކަތައް ދައްކާ މީހުންނާ ދެކޮޅަށް އިހުތިޖާޖު ކޮށްފައިވާ އިރު، މަންދު ކޮލެޖުގެ ވެރިޔާ އިބްރާހިމް އިސްމާއިލް (އިބުރާ) މީސް މީޑިއާގައި ދީނާ ގުޅޭ ގޮތުން ދެއްކި ބައެއް ވާހަތަކާ ގުޅިގެން މަންދު ކޮލެޖު ކުރިމަތީގައި ވެސް ބަޔަކު ވަނީ އިހުތިޖާޖު ކޮށްފަ އެވެ. އަދި އިއްޔެ ވިލިނގިލީގައި ވެސް ލާދީނިއްޔަތާ ދެކޮޅަށް ބަޔަކު ހިނގާލުމެއް ބާއްވާފަ އެވެ.
ލާދީނީ ވާހަކަތައް ދައްކާތީ ކަންބޮޑުވުން ފާޅު ކުރަމުންދާއިރު އިސްލާމްދީނަށް އިހާނެތިކަން ރައްދުވާގޮތަށް ދެކެވޭ ވާހަކަތަކާއި ހިނގަމުންދާ ކަންތައްތަކަށް ހައްލެއް ހޯދުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން އިއްޔެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލައްވާފަ އެވެ.
އެކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ނައިބު ރައީސް ފައިސަލް ނަސީމާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދުދީދީ އާއި ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން ޢަބްދުﷲ އާއި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ހަސަން އާއި، އިސްލާމިކް މިނިސްޓަރު ޑޮކްޓަރ އަޙްމަދު ޒާހިރާއި ޔޫތް މިނިސްޓަރު ސް އަޙްމަދު މަޚްލޫފާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރެވެ.