އިންޑިއާ ދަތުރުފުޅަށްފަހު ރައީސް މައުމޫން އެނބުރި މާލެ ވަޑައިގެންފި

ކުރީގެ ރައީސް މައުމޫން: އިންޑީއާގެ ދަތުރުފުޅަށް ފަހު ރައީސް މައުމޫން މިރޭ ވަނީ މާލެ ވަޑައިގެންފައި -- ސަން ފައިލް ފޮޓޯ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެ ވަޑައިގަންނަވައިފި އެވެ.

އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އާއެކު ރައީސް މައުމޫން ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާ ވަޑައިގަތީ މިދިޔަ މަހު 22 ވަނަ ދުވަހު އެވެ.

ރައީސް މައުމޫން މިރޭ މާލެ ވަޑައިގެންނެވި އިރު، އެމަނިކުފާނު ނިސްބަތްވާ ސަރުކާރު ހިންގާ ކޯލިޝަންގެ ބަޔެެއް ލީޑަރުންގެ މެދުގައި ވަނީ މައްސަލަތައް ޖެހިފައެވެ.

މިދިޔަ ހުކުރު ދުވަހު މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޯލިޝަން ވަރުގަދަކޮށް ރޫޅުނަ ނުދީ، ވަރުގަދަކޮށް ދެމެހެޓުމަކީ އަޅުގަނޑުމެންގެ އެންމެންގެ ގައުމީ ވާޖިބެއް ކަމަށާއި އެ ކަމުގައި ކޯޅިޝަންގެ ހަތަރު ލީޑަރުންގެ މަސްއޫލިއްޔަތު ބޮޑު ކަމަށެވެ.

އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި، ކޯލިޝަންގެ މެދުގައި އަދިވެސް ދައިރާތައް ބަހާނެ ގޮތަކާ މެދު ވަނީ ގޮތެއް ނުނިންމިފައެވެ.

އެކަމާ ގުޅިގެން ކޯލިޝަންގެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައި ވަނީ، މަޖިލިސް އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްތިސްނާ ނުވާނެހެން ހުރިހާ ފަރާތްތަކާ އެކު ވެސް ވާހަކަ ދައްކަން އެ މަނިކުފާނު ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ގާސިމް ވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕެގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުސީދާކޮށް ފާޑު ވިދާޅުވެ މިދިޔަ ދެހަފްތާ ތެރޭ ތަކުރާރުކޮށް ވާހަކަ ދައްކާފައެވެ.

comment ކޮމެންޓް