ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ތަންތަން އެއް ވިއުގައަކުން ގުޅާލަނީ

ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ތަންތަން އެއްވިއުގައަކުން ގުޅާލުމާ ބެހޭ ގޮތުން އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމއިްޔާތުގެ ތެރެއިން---

ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ތަންތަން އެއްވިއުގައަކުން ގުޅާލާ ގޮތަށް ހަމަޖައްސައިފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ ވަކި ނެޓްވާކެއްގެ ދަށުން މިހާރު ވެސް ދެމެންގެންދާ އީ ގަވަމަންޓްގެ ނިޒާމާ، އެ ނެޓްވޯކް ގުޅާލާނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފަންނީ އެހީ އާއި މުވައްޒިފުން ތަމްރީންކުރުމުގެ މަސައްކަތްތައް ކުރުމަށް ހެލްތު މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ކޮމިއުނިކޭޝަން މިނިސްޓްރީން ބުންޏެވެ.

މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަދި ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހް ވަނީ ސޮއިކުރައްވައިފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާޙަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ސިއްހީ ހުރިހާ ހިދުމަތްތައް މެނުއަލްކޮށް ފޯރުކޮށްދިނުމަކީ މިޒަމާނާ ވަރަށް ބީރައްޓެހި ގޮތެއް ކަމަށެވެ. އަދި އެބީރައްޓެހި ކަނޑާލުމަށް ފަހު ޒަމާނީ ވިސްނުންތަކާއި ޒަމާނީ ވަސީލަތްތަކުގެ ތެރެއިން މި ހިދުމަތް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަލަށް ތައާރަފްކުރާ ސޮފްޓްވެއާތަކާ އަލަށް ބޭނުންކުރެވޭ ޓެކްނޮލަޖީގެ ވަސީލަތްތަކުގެ އެހީގައި ސިއްހީ ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އަދި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން ސިއްހީ ހިދުމަތުގެ އެކި ކަންކަމުގައި ބައިވެރިވާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަަމަށެވެ.

އެގޮތުން ޑޮކްޓަރަށް ދެއްކުމާއި ޑޮކްޓަރަށް ދެއްކުމުގެ ފަހުން އެ މީހަކު ޑޮކްޓަރަށް ދެއްކުމާ ގުޅިގެން އުފަންވާ މައުލޫމާތުތަކާއި އެމީހާ ކުރިއަށް އޮތް ތަނުގައި ސިއްހީ ހިދުމަތް ހޯދުމަށް ޓަކައި ބޭނުންވާ މައުލޫމާތުތައް އެއް ވިއުގަޔަކުން ގުޅާލުމުން ފަސޭހައިން އެކްސެސްވެގެން ދާނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

"އެ މައުލޫމާތުތައް ހިއްސާކުރަން ޖެހޭ ފަރާތްތަކަށް ވަގުތުން ވަގުތަށް ފަސޭހަކަމާ އެކު ހިއްސާކުރުމާއި އަދި ފަހުން އެ މީހާއަށް ދޭން ޖެހޭ ސިއްހީ ހިދުމަތެއް ދިނުމުގައި މައުލޫމާތުތަކުގެ ޒަރީއާާއިން ހިދުމަތައް ގެންނަން ޖެހޭ ފުރިހަމަކަން ގެނައުމަށް ވަރަށް ބޮޑަށް ފަސޭހަކަން ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް