ކުރީގެ މިނިސްޓަރު އިރުތިޝާމު ޖޭޕީއަށް

އިރުތިޝާމް އާދަމް ޖޭޕީއަށް ސޮއިކުރެއްވުން -- ފޮޓޯ: ޖޭޕީ

ކުރީ ސަރުކާރުގެ ޔޫތު މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރުތިޝާމު އާދަމް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހު "ސަން" އަށް ވިދާޅުވީ އިރުތިޝާމު ޖޭޕީ އާ ގުޅިވަޑައިގެންނެވީ މިރޭ ކަމަށެވެ.

އިރުތިޝާމު ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ހެލްތު މިނިސްޓަރުގެ މަގާމުވެސް އަދާކުރައްވައިފައެވެ. ސަރުކާރު ބަދަލުވީއިރު ހުންނެވީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުގެ މަގާމުގައެވެ.

ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން އިރުތިޝާމް ވިދާޅުވީ މީގެ ކުރިން އެއްވެސް ސިޔާސީ ޕާޓީ އަކަށް ސޮއިކޮށްފައި ނޯންނާނެ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ސިޔާސީގޮތުން މަސައްކަތް ކުރެއްވީ ކެބިނެޓު މިނިސްޓަރެއްގެ ގޮތުން ސަރުކާރުގެ ސިޔާސަތުތައް ޕްރޮމޯޓު ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އިރުތިޝާމް އަކީ ރައީސް މައުމޫނުގެ ވެރިކަމުން ފެށިގެން ޑިޕްލޮމެޓިކް ދާއިރާގައި ހަރަކާތްތެރިވެލެއްވި ކަނބަލެކެވެ. ނަޝީދު ސަރުކާރުގައި ޖެނީވާގައި ހުންނަވާ ސަފީރުކަމުގެ މަގާމުވެސް އަދާކުރެއްވިއެވެ.

comment ކޮމެންޓް