ލޭބާ ޕާޓީ އިންވެސް މަޖިލިސް އިންތިހާބުގައި ވާދަކުރަނީ

ލޭބާ ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ: އަހްމަދު އަވްޝަން

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބާ ޕާޓީ) އިންވެސް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާނެ ކަމަށް އެ ޕާޓީ އިން ބުނެފިއެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ލޭބާ ޕާޓީ ރަޖިސްޓްރީކޮށްފައިވަނީ މިއަދުއެވެ. އެޕާޓީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕާޓީގެ ތަރުޖަމާނު މައުރޫފް ޒާކިރު ވިދާޅުވީ މަޖިލިސް އިންތިހާބުގައި 15 ވަރަކަށް ދާއިރާއަށް އެ ޕާޓީ އިން ވާދަކުރާނެ ކަމަށެވެ.

ޕާޓީގެ ޓިކެޓުގައި މަޖިލިސް އިންތިހާބަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އެހެން ޕާޓީތަކުން ކުރިމަތިލާ ފަރާތްތަކުންވެސް ލޭބާ ޕާޓީއާއެކު ކުރިއަށް ދިއުމަށް ބޭނުންވާ ނަމަ އެ ފުރުސަތު އެބައޮތް ކަމަށާއި އެގޮތަށް ފުރުސަތު ދޭއިރު އަމާނާތްތެރި އިހުލާސްތެރިން ބަލާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

" އެ ކެންޑިޑޭކަށް ސަޕޯޓް ކުރަން ރަނގަޅު ކަމަށް ނިންމާނީ ޕާޓީގެ ލީޑާ ޝިޕުން އެއީ އިންޓަގްރިޓި އަދި މަސައްކަތްތެރިންގެ ހައްގާއިގެން އުޅޭ މީހެއްތޯ ބެލުމަށްފަހު،"

ޕާޓީގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ހަސީން ވިދާޅުވީ ސަރުކާރު ކޯލިޝަނާ ނުވަތަ އެހެން ޕާޓީއަކާ ކޯލިޝަން ހެދުމަށް އެ ޕާޓީން ދައުވަތު ދީފައި ނުވާނެކަމަށެވެ. އަދި ކޯލިޝަން ހެދުމަށް އެއްވެސް ޕާޓީއަކަށް ހުށަނާޅާކަމަށްވެސް ވިދާޅުވިއެވެ.

ލޭބާ ޕާޓީން 3000 ފޯމު ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުއެވެ. ޑިސެމްބަރު 19 ވަނަ ދުވަހު އާންމު ޖަލްސާ ބާއްވަން ހުއްދަ ދިން އިރު އެ ޖަލްސާ ބޭއްވީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

ލޭބާ ޕާޓީ ހިމެނޭ ގޮތަށް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިވަގުތު ހިމެނެނީ އަށް ސިޔާސީ ޕާޓީއެކެވެ. އެއީ ލޭބާ ޕާޓީ ޕީޕީއެމް. އެމްޑީޕީއެމް، އެމްޑީއޭ، ޖުމްހޫރީ ޕާޓީ، ޑީއާރުޕީ، އަދާލަތު ޕާޓީ އަދި އެމްޓީޑީއެވެ.

comment ކޮމެންޓް