ޖީއެސްޓީއަށް ރައްޔިތުން ހޭލުންތެރިކުރަން މީރާއިން ގައުމީ ކެމްޕޭނެއް ފަށަނީ

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ޖީއެސްޓީ) އަށް ރައްޔިތުން އަހުލުވެރިކުރުމަށް ހުރިހާ އަތޮޅެއްގައި ކެމްޕޭނެއް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ނިންމައިފި އެވެ.

މީރާއިން މިއަދު ބުނީ، ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް އަމާޒު ކޮށްގެން އެކެމްޕޭނު ހިންގަނީ އަތޮޅުތަކުގެ ރައްޔިތުންނަށް ޖީއެސްޓީ އާ ބެހޭ މައުލޫމާތު ފޯރުކޮށް ދީ އެމީހުން ޖީއެސްޓީ އަށް އަހުލުވެރިކުރުމަށް ކަމަށެވެ. އަދި ވިޔަފާރިތަށް ޖީއެސްޓީ އަށް ރަޖިސްޓްރީ ކުރުމަށް އެހީތެރި ވެދިނުމަށް ކަމަށް ވެސް މީރާއިން ބުންޏެވެ.

މިކެމްޕޭނުގެ ދަށުން ތިލަދުންމަތީ އުތުރުބުރި އާއި ތިލަދުންމަތީ ދެކުނުބުރި އާއި މާޅޮސްމަޑުލު ދެކުނުބުރި އާއި ފާދިއްޕޮޅާއި އަރިއަތޮޅު ދެކުނުބުރި އަދި އުތުރު ބުރިއާއި، ހައްދުންމައްޗާއި ހުވަދު އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކުގައި ކުރިއަށް އޮތް ހަފްތާ ތެރޭގައި އެ އޮތޯރިޓީގެ 13 ޓީމަކުން ހަރަކާތްތެރިވާނެ ކަމަށް މީރާއިން ބުންޏެވެ.
އަދި ޖެހިގެން އަންނަ ހަފްތާގައި ދެންހުރި އަތޮޅުތަކުގައި އެކެމްޕޭނުގެ މަސައްކަތްތަށް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ.

މި ކެމްޕޭނުގެ ދަށުން ކުރެވޭ ދަތުރުތަކުގައި ކައުންސިލްތަކާއި ސަރުކާރުގެ މުއައްސަސާ ތަކުން މީރާ އަށް އެހީތެރި ވުމަށާއި އަތޮޅުތަކުގެ ވިޔަފާރިވެރިންނާއި އާއްމުން ދުރާލާ ތައްޔާރުވެ ތިބުމަށް މީރާއިން އެދެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު