ހުޅަނގުގެ ގައުމުތަކަށް މިފަހަރު "ސުޕަ ބްލަޑް ވުލްފް މޫން"އެއް

މިދިޔަ އަހަރު ފެނުނު ގަރުނުގެ އެންމެ ދިގު ހަނދުކޭތަ -- ފޮޓޯ: އަންދަލޫ އޭޖެންސީ

ހުޅަނގުގެ ގައުމުތަކުން ދަނީ މިރޭގެ ވަގުތެއްގައި ފެންނާނެ ކަމަށް ބެލެވޭ ފުރިހަމަ ހަނދުކޭތައަށް ތައްޔާރުވަމުންނެވެ.

ނެޝަނަލް ޖިއޯގްރެފިކްއިން ބުނާ ގޮތުގައި އުތުރު އެމެރިކާ، ސެންޓްރަލް އެމެރިކާ އަދި ދެކުނު އެމެރިކާއަށް އެހަނދުކޭތަ ފެންނާނެ އެވެ. އަދި އިނގިރޭސިވިލާތާއި ފްރާންސާއި ސްޕެއިން ފަދަ ޔޫރަޕްގެ ބައެއް ގައުމުތަކަށާއި އުތުރު އެފްރިކާއަށް ވެސް ހަނދުކޭތަ ކޮންމެވެސް ވަރަކަށް ފެންނާނެއެވެ. ނަމަވެސް އޮސްޓްރޭލިއާ އާއި އޭޝިއާގެ ގައުމުތަކަށް އެހަނދުކޭތަ ނުފެންނާނެ އެވެ.

އެހަނދުކޭތައަށް ބައެއް މީހުން ވަނީ "ސުޕަ ބްލަޑް ވުލްފް މޫން"ގެ ނަން ދީފަ އެވެ. "ސުޕަ މޫން"އަކަށް ވަނީ ހަނދު އާދައިގެ ހާލަތުގައި ހުންނަ ވަރަށް ވުރެ ދުނިޔެއާ ގާތުގައި ހުރުމުންނެވެ. އަދި "ބްލަޑް މޫން"އޭ ކިޔަނީ ހަނދުކޭތަ ހިފާ އިރު އިރާއި ބިމާއި ހަނދު ސީދަލަށް އެތުރި، އިރުގެ ބައެއް ދޯދިތައް ދުނިޔޭގެ ޖައްވުން ގޮސް ހަނދަށް އެޅުމުން ފުސް ރަތް ކުލައެއްގައި ފެންނާތީއެވެ. އަދި "ވުލްފް މޫން"އޭ ކިޔަނީ، ހުޅަނގުގެ ބައެއް ގައުމުތަކުގައި ޖެނުއަރީ މަހު ފެންނަ ފުރިހަމަ ހަނދަށް އެނަން ކިޔާތީ އެވެ.

އެހަނދުކޭތަ ފެންނާނީ 62 މިނިޓަށެވެ. މިދިޔަ އަހަރު ދުނިޔެއަށް ވަނީ ގަރުނުގެ އެންމެ ދިގު ހަނދުކޭތަ ފެނިފަ އެވެ. އެހަނދުކޭތަ އެއް ގަޑި އިރާއި 43 މިނިޓަށް ފެނިގެންދިޔައެވެ.

comment ކޮމެންޓް