ކުރިއަށް އޮތްތަނުގައި ފިހާރަތަކުންވެސް ބަސް ކާޑު ޓޮޕްއަޕް ކުރެވޭނެ

ހުޅުމާލެ-މާލެ އާ ދެމެދު ދަތުރުކުރާ ބަހެއް -- ސަން ފޮޓޯ އެ

ސިނަމާލެ ބްރިޖު މަތިން ކުރާ ބަސް ދަތުރު ކުރުމަށް ބޭނުންވާ ކާޑު ރީޗާޖުކުރުމުގެ ހިދުމަތް ކުރިއަށް އޮތްތަނުގައި ހުޅުމާލޭގެ ފިހާރަތަކުން ލިބޭނެ ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.

ހުޅުމާލެއާއި މާލެ އަދި މާލެ އާއި ހުޅުލެ އާ ދެމެދު ބަސްދަތުރުގެ ހިދުމަތް މިވަގުތު ފޯރުކޮށްދެމުންދާ އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ ހުޅުމާލޭ މެއިން ބަސް ސްޓޮޕްގައި މޮބިލައިޒް ވެގެން އެމްޕީއެލްގެ ސްޓާފުން މިވަގުތު ކާޑު ވިއްކުމާއި ޓޮޕްއަޕް ކުރުމުގެ ހިދުމަތް ދިންނަމަވެސް އެ ހިދުމަތް ފިހާތަރަކާ ހަވާލުކޮށްގެން ދިނުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"މިވަގުތު އަދި މަޝްވަރާ ކުރަމުން ދަނީ. އެކަމަށް ކުރަންޖެހޭ ހުރިހާ މަޝްވަރާއެއް ނިމި ކަންތައް ހަމަޖެހުމުން ފިހާރަތަކާ ހަވާލު ކުރާނެ،"

އެމްޕީއެލްގެ "ގްރޭޓާ މާލެ ޓްރާންސްޕޯޓު ލިންކު"ންދޭ ބަހުގެ ހިދުމަތަށް ޗާޖު ކުރަނީ 10 ރުފިޔާއެވެ. ބަހުން ދަތުރު ކުރެވެނީ އެކަމަށް ހާއްސަ ކާޑެއް ބޭނުންކޮށްގެންނެވެ. ކާޑު ވިއްކުމާއި ކާޑު ރީޗާޖު ކުރުމުގެ ހިދުމަތް މާލޭގައި ހުންނަ މައި ބަސް ސްޓޮޕުންނާއި ހުޅުމާލެ އެން1 ގައި ހުންނަ މެއިން ބަސް ސްޓޮޕުންވެސް ލިބެއެވެ.

ބަސް ދަތުރުގެ ހިދުމަތް މިވަގުތު އެމްޕީއެލްއިން ދިންނަމަވެސް އެ ހިދުމަތް އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ޓްރާންސްޕޯޓު މިނިސްޓްރީ އިން ވަނީ ނިންމައިފައެވެ. މިނިސްޓްރީ އިން އެގޮތަށް ނިންމި އިރު ކުރީ ސަރުކާރުގައި ބަހުގެ ހިދުމަތް ދިނުމަށް އެމްޕީއެލްއާ ހަވާލު ކުރުމުން އެކުންފުނިން ބުނެފައިވަނީ އެ ހިދުމަތް ދިނުމަށް 100 މިލިއަން ރުފިޔާ އިންވެސްޓު ކުރާނެ ކަމަށެވެ.

comment ކޮމެންޓް