މަލްޓި ޕާޓީ ޑިމޮކްރެސީ ރާއްޖެއަށް ތައާރަފު ކުރި ފަހުން ރާއްޖޭގެ ވެރިކަމަށް ބަޔަކަށް އާދެވިފައި ވަނީ މުޅީންވެސް ކޯލިޝަނެއްގެ ތެރެއިންނެވެ. އެހެން ނަމަވެސް، ރާއްޖެއަކީ ކޯލިޝަން ރޫޅުމުގެ ހިތި ތާރީހެއް އޮތް ގައުމެކެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް ގެންނާން އުފެއްދި ކޯލިޝަންވެސް ރޫޅުމުގެ ނިޝާންތައް މިހާރު ދަނީ ފެންނަމުންނެވެ. އަނެއްކާވެސް ރާއްޖެ މިއޮތީ ތާރީހު އިއާދަ ވުމުގެ ތުންފަތް މަތީގައެވެ.
ރިޔާސީ އިންތިހާބުގެ ކުރީން ކޯލިޝަނުގެ ޕާޓީތައް ވަނީ އެ ޕާޓީތަކުން އަމަލު ކުރާނޭ ގޮތުގެ އެއްބަސްމެއް ވެފައެވެ. އެ އެއްބަސްވުމުގެ ދަށުން ބާރުތައް ބަހާލަން ޕާޓީތަކުން އެއްބަސްވިއެވެ. އެގޮތުން މަޖިލީހަށް ވެސް ކުރިމަތިލާނެ ވަކި ގޮތްތަކެއް ޕާޓީތަކުން އޮތީ ނިންމާފައެވެ. ކޮންމެ ޕާޓީއަކުން ވާދަ ކުރާނެ ވަކި ދާއިރާތަކެއް ނިންމާ ގޮތަށް އޮތީ އެއްބަސްވެފައެވެ.
އެހެން ނަމަވެސް، އެ އެއްބަސްވުމާ ހިލާފުވެ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ވަނީ، މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާތަަކަށް ކުރިމަތިލާން ނިންމާފައެވެ. އެ ޕާޓީގެ ގައުމީ ޖަލްސާއެއްގައި އެ ނިންމުން ނިންމީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ހުށަހެޅުމަކަށް ނެގި ވޯޓަކުންނެވެ.
އެމްޑީޕީގެ ނިންމުން ވެގެން ދިޔައީ ކޯލިޝަނުގެ އެހެން ޕާޓީތަކުގެ މެދުގައި ނުތަނަވަސްކަން އުފެދުނު ކަމަކަށެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑަށް އެކަމާ ނުތަނަސްވެވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.
ގާސިމްގެ އުދާސްތައް
މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވަނީ އެމްޑީޕީގެ ނިންމުމަށް ފުރަތަމަ ފަހަރަށް ނުސީދާކޮށް އެއްޗެއް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާއަށް ވާދަ ކުރަން، ޖޭޕީއަށް ވެސް ކެރޭނެ ކަމަށެވެ. އަދި ޖޭޕީ ހުރިހާ ދާއިރާއަކަށް ވާދަ ނުކޮށް އޮތީ ވާދަ ކުރަން ނުކެރިގެން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"87 ދާއިރާއަށް ނުކުންނަން ޖެހިއްޖެއްޔާ އަޅުގަނޑުމެންނަށް ވެސް 87 ދާއިރާއަށް ނުކުމެވޭނެ. ނުކުންނާނަން،" ގާސިމް ވިދާޅުވިއެވެ.
އެރޭ ގާސިމް ވަނީ އެމްޑީޕީގެ ރައީސް ނަޝީދަށް ވެސް ނުސީދާކޮށް ބަހުގެ ހަމަލާތައް އަމާޒުކުރައްވާފައެވެ.
"އަޅުގަނޑުމެން ހަމަ ހިމޭނުން ތިބީކީ މީހެއްގެ ޖާނުން ބޮޑުވެގެން، ނޫނީ ވިއްޔާ ކުޑަވެގެން ނުކުންނަން ނުކެރިގެނެއް ނޫން. ކޮންމެހެން ކަންތައްތައް ކާމިޔާބު ވަނީކީ ބޮޑު ކުޑަމިނަކުންނެއް ނޫން،" ގާސިމް ވިދާޅުވިއެވެ.
އޭގެ ފަހުން ވެސް ނަޝީދާ ގާސިމާ ދެމެދުގައި ވަނީ ބަހުގެ ހަމަލާތަކެއް، ގޮސްފައެވެ. ނަޝީދު ދެއްކެވި ވާހަކަތައް އާންމުކޮށް ގާސިމް ރައްދު ދެއްވާފައިވެއެވެ. އެގޮތުން، އެމްޑީޕީގެ މަޖިލީސް ޕްރައިމަރީ ކެމްޕެއިނުގެ ތެރޭގައި ނަޝީދު ދެއްކެވި ވާހަކަތަކަށް ވެސް ގާސިމް ވަނީ ފާޑު ވިދާޅުވެފައެވެ.
ކެމްޕެއިނުގެ ތެރޭގައި ނަޝީދު އެންމެ އަޑުހަރުކޮށް ދެއްކެވި އެއް ވާހަކަ އަކީ، މި އަހަރުގެ ހޮވާ އާ މަޖިލީހުގައި އޮންނާން ވާނީ އެމްޑީޕީގެ މެޖޯރިޓީ ކަމަށް އޭނާ ދެއްކެވި ވާހަކައެވެ. އަދި ރައީސް ޞާލިހުގެ ވައުދުތައް ފުއްދުމަށް އެމްޑީޕީގެ މެޖޯރިޓީ މުހިންމު ކަމަށް އޭނާ ދެއްކެވި ވާހަކަތަކެވެ.
އެކަމަށް ގާސިމް ވަނީ ދެފަހަރެއްގެ މަތީން ރައްދު ދެއްވާފައެވެ. ފުރަތަމަ ފަހަރު ރައްދު ދެއްވީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ކުރީގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމަށް ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޖަލްސާގައި ގާސިމް ވިދާޅުވީ މިގައުމުގައި ދިރިއުޅެން ޖެހޭ ބަޔަކީ ތިމަންނަމެން އެކަންޏޭ އެއްވެސްބަޔަކު ހީކޮށްގެން ނުވާނެ ކަމަށެވެ.
"ވާހަކަ ދެއްކިދާނެ ކޮންމެ ގޮތަކަށް ވެސް. ރާއްޖޭގެ ރައްޔިތުން ތިބީ އެންމެ މީހަކު ދައްކާ ވާހަކަ އަޑުއަހައިގެން އެންމެ މީހަކު ޖަހާހާ ބެރަކަށް ޑާންސު ކުރާކަށް ނޫންކަން އަދި ފާޑުފާޑުގެ އެއްޗެހި ހިފައިގެން ގޯޅިގޯޅި ކަންމަތީ ބިތްޖެހިފައި ތިބޭކަށް ނޫންކަން އަޅުގަނޑުމެންނަށް ރާއްޖޭގެ ރައްޔިތުން ސާފުކޮށްދެއްވަމުން އެބަ ގެންދަވާ،" ގާސިމް ވިދާޅުވިއެވެ.
އޭގެ އަނެއް ދުވަހުގެ ރޭ ވެސް އޭނާ ވަނީ ހަމަ އެކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. ގާސިމް އެރޭ ވިދާޅުވީ، އެއް ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ދިނުމަކީ ގައުމަށް އޮތް ނުރައްކަލެއްތޯ ނުވަތަ ނޫންތޯ ރައްޔިތުން ވިސްނަން ޖެހޭ ކަމަށެވެ.
"2019 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މެޖޯރިޓީއެއް ޕާޓީއަކަށް ދިނީމަ އޮތީ ނުރައްކަލެއްތޯ ނުވަތަ ރައްކާތެރި ކަމެއްތޯ. މިއީ އަޅުގަނޑުމެން ކަލްކިއުލޭޓްކޮށް ހިސާބު ޖަހާލަންވީ ކަމަކީ. މާޒީވެދިޔަ ތަނުން ތަޖުރިބާ ހާސިލުކުރަންވީ." ގާސިމް ވިދާޅުވިއެވެ.
އެރޭ އެމްޑީޕީއަށް އަމާޒުކުރައްވައި ގާސިމް ވިދާޅުވީ، ކަމެއް ކުރަން ބޭނުން ވީމާ މަހުޖަނު މީހާ މުހިންމު ކަމަށެވެ. އަދި އެ ބޭނުމެއް ފުދުމުން މަހުޖަނުންނަށް ބުނަނީ "ހޯހޯ" ކަމަށް އޭނާ ވިދާޅުވިއެވެ.
ކޯލިޝަން ރޫޅުނީބާ؟
އެމްޑީޕީގެ ނިންމުންތަކަށާއި ނަޝީދު ދެއްކެވި ވާހަކަތަކަށް ގާސިމް ރައްދު ދެއްވައި ވާހަކަފުޅު ދައްކަވަމުން ގެންދިޔަ ނަމަވެސް، އާހިރުގައި ސަރުކާރު ހިންގާ ކޯލިޝަން ރޫޅާލުމަށް ހުދު ގާސިމް ވެސް ބޭނުންފުޅު ނުވާނެ ކަމަށް ގިނަ ބަޔަކު ދެކުނެވެ. އެހެން ނަމަވެސް، ރޭ ގާސިމް ދައްކަވާފައިވާ ވާހަކަތަކުން މިހާރު ކޯލިޝަނެއް އެބަ އޮތްތޯ ވެސް ވަނީ ސުވާލު އުފެދިފައެވެ.
ގާސިމް ރޭ ފުރަތަމަ ޓްވީޓު ކުރެއްވީ، ކުރީގެ ރައީސުންނަށް ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތަށް ޖޭޕީއަށް ނިސްބަތްވާ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލްލަތީފު މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި ބިލާ ގުޅޭ ގޮތުން އެމްޑީޕީން ނެރުނު ބަޔާނާ ގުޅިގެންނެވެ.
"އެހެންކަމުން، މި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކުރައްވައިގެން ޤާނޫނުއަސާސީއާ ހިލާފަށް ހުށަހަޅުއްވާފައިވާ އެ އިސްލާހު އަނބުރާ ނެންގެވުމަށް ގޮވާލާހިނދު، ޖުމްހޫރީ ޕާރޓީގެ ލީޑާޝިޕުން އެކަމުގައި އިސް ދައުރެއް އަދާކުރައްވައި އެކަން ކަށަވަރުކޮށްދެއްވުމަށް ވެސް އެމްޑީޕީ ޕާރލަމެންޓްރީ ގްރޫޕުން ގޮވާލަމެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ޖޮއިންޓް ޕާރލަމެންޓްރީ ގްރޫޕްގެ ގުޅުމަށް އަރައިފާނޭ ބުރުލަކާ މެދު ވިސްނާވަޑައިގަތުމަށާއި މަސްލަހަތު ނުގެއްލޭނޭގޮތަށް ޢަމަލުކުރެއްވުމަށް ވެސް އިލްތިމާސްކުރަމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނާ ގުޅިގެން ގާސިމް ވިދާޅުވީ، ޖޮއިންޓް ޕާލިމްންޓްރީ ގުރޫޕު ރޫޅާލަފާނެ ކަމަށް އެމްޑީޕީން ބުނުމުން އޭނާ ހައިރާން ނުވާނެ ކަމަށެވެ. އަދި މިހާރު ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕެއް ނެތް ކަމަށް ދޭހަވާ ގޮތަށް ވެސް އޭނާ ރޭ ވާހަކަފުޅު ދެއްކެވިއެވެ.
"ސުވާލަކީ މިހާރު އެބައޮތްހޭ އިތުރަށް ރޫޅާލާކަށް[ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕެއް]؟ މަޖިލީހަށް ހުރިހާ ގޮނޑިއަކަށް ކުރިމަތިލުމަށް އެމްޑީޕީން ނިންމީމާ އެއްބަސްވުމާއި ވައުދާ އަހުދާއި ހިލާފުވީ ނޫންތޯ.؟" ގާސިމް ވަނީ ސުވާލު އުފައްދަވާފައެވެ.
އެހެން ވިދާޅުވިތާ އެއްގަޑިއިރު ފަހުން ކުރި އެހެން ޓްވީޓެއްގައި ގާސިމް ވަނީ ސަރުކާރު ހިންގާ ކޯލިޝަން ރޫޅިފައިވާ ކަމުގެ އިތުރު އިޝާރާތެއް ދެއްވާފައެވެ.
އޭނާ ވިދާޅުވީ، "އެމްޑީޕީއަށް ވެރިކަން ލިބުނީމާ" އަނެއްކާވެސް ޖޭޕީ މަގުމައްޗަށް އެއްލާލީ ކަމަށެވެ. އަދި ޖޭޕީއަށް ޖެހިފައި ވަނީ މިފަހަރު ވެސް ސަލާން ޖަހަންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ޕާޓީ އިސްތިސްނާ ނުވާ ގޮތަށް، މަޖިލީސް އިންތިހާބުގައި ޖޭޕީއާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކާ އެކު މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް އޭނަ ވިދާޅުވިއެވެ.
"މަޖިލިހުގެ ގޮނޑިތަކަށް ކުރިމަތިލުމުގައި ޖޭޕީއާއެކު ގުޅިގެން މަޖިލިހުގެ ގޮނޑިތަކަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާ ވާހަކަދައްކަން ޖޭޕީ ތައްޔާރު ވެއްޖައިން،" ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ގާސިމް އެހެން ވިދާޅުވިތާ މާ ގިނަ އިރެއް ނުވަނީސް، އެމްޑީޕީގެ މަޖިލިސް ޕްރައިމަރީއަށްފަހު އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ، ރިޔާސީ އިންތިހާބު ކާމިޔާބު ވުމުގެ އެންމެ ބޮޑު ހިއްސާއެއް ކޯލިޝަން ޕާޓީތަކުގެ ތެރެއިން އޮތީ އެމްޑީޕީގެ ކަމަށެވެ.
"ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބީގެ ބޮޑުބައެއް އަދާކުރީ އެމްޑީޕީން. މިއީ ހަގީގަތް. މިކަމުގައި ބުރަކޮށް އުޅުއްވީ ތިބޭފުޅުން،" ރައީސް ޞާލިހު ވިދާޅުވިއެވެ.
އޭގެ އިތުރުން، ޖޭޕީގެ މެމްބަރު އަބްދުލްލަތީފު ހުށަހެޅުއްވި އިސްލާހާ ގުޅިގެން އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ހުރަސް އެޅުމަށްޓަކައި ހިނގާ ކަންތައްތަަކަކީ އެއީ ޑިމޮކްރެސީއާ އިދިކޮޅަށް ކުރެވޭ ކަމެއް ކަމަަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
ރިޔާސީ އިންތިހާބަށް ފަހު، ކޯލިޝަން ދެމެހެއްޓުމުގެ އުންމީދު އޮތް ނަމަވެސް، އުދާސްތައް އުތުރިއަރައިގެން އެންމެ ފަހުން ގާސިމް ރޭ ކުރެއްވި ޓްވީޓުތަކަށް ފަހު، ކޯލިޝަން ރޫޅި ތާރީހު އިއާދަ ވެދާނެތޯ މިހާރު ވަނީ ސުވާލު އުފެދިފައެވެ.