ކުދިންނާއެކު ފިލި ބައްޕަ އަތުން ދަރިން އަތުލައި މަންމައާ ހަވާލުކުރަން އަމުރުކޮށްފި

ކ. ކާށިދޫ: ދެ ކުދިން ގޮވައިގެން ފިލި އެ ރަށަށް ނިސްބަތްވާ ބައްޕަ އަތުން ދަރިން ނަގައި މަންމައާ ހަވާޅުކުރުމަށް ކޯޓުން ވަނީ ހުކުމް ކޮށްފަ --- ފޮޓޯ/ޕީއެސްއެމް

ކުޑަ ދެ ދަރިން ގޮވައިގެން ފިލި ބައްޕަ އަތުން އެ ކުދިން ނަގައި، މަންމައާ ހަވާލުކުރުމަށް ފުލުހުންގެ މައްޗަށް ހދ. ފިނޭ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

އިއްޔެ އެކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ މައްސަލަ ހުށަހެޅި ހދ. ފިނޭއަށް ނިސްބަތްވާ އެ މަންމަގެ، ހަތަރު އަހަރުގެ އަންހެން ދަރިއާއި ހަ އަހަރުގެ ފިރިހެން ދަރި، ކ. ކާށިދޫއަށް ނިސްބަތްވާ އެ ދެކުދިންގެ ބައްޕަ އަތުން ނަގައި މަންމައާ ވަގުތީ ގޮތުން ހަވާލުކުރުމަށެވެ.

ދެ ކުދިންގެ މަންމަގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ބައްޕަކައިރިން ވަރިވުމަށް ކޯޓަށް މައްސަލަ ހުށަހަޅައިފައިވަނިކޮށް ބައްޕަ ދެ ދަރިން ގޮވައިގެން މަންމައަށް ނޭނގި ސިއްރުން ގޮސްފައިވާ ކަމަށެވެ.

ބައްޕަ އަކީ މަސްތުވާތަކެތީގެ އެކި މައްސަލަ ތަކުގައި ފުލުހުނަށް ހާޒިރުކޮށްފައިވާ މީހެއް ކަމަށާއި ދަރިން ބައްޕަ ކައިރީ ތިބެއްޖެ ނަމަ ފޫނުބެދޭ ވަރުގެ ގެއްލުމެއް އެކުދީންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބިގެން ދާނެ ކަމަށް މަންމަ ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.

އެގޮތުން މަންމަގެ ފަރާތުން ވަރިވުމަށް އެދި ހުށަހައިފައިވާ މައްސަލަ ވަކި ގޮތެއް ނިމެންދެން ދަރިން މަންމައާ ހަވާލުކުުރުމަށް ވަގުތީ އަމުރަކަށް އެނާ ވަނީ އެދިފައެވެ.

ފިނޭ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމްގައި ބުނީ، މި މައްސަލައިގައި ޝާމިލުވާ ދެކުދިންނަކީ އުމުރުން ހަތަރު އަހަރާއި ހަ އަހަރުގެ ކުދިން ކަމަށް ވާތީއާއި ކުދިންގެ މައިންބަފައިންގެ ދެމެދުގައި ހިނގާ މައްސަލަތަކުގެ "ޝިކާރައަކަށް" ވުމަށް އެކުދީން ދޫކޮށްލުމަކީ ޝަރީއަތަށް ގަބޫލުކުރެވޭ ކަމަކަށް ނުވާތީ، މިހިނދުން މިހިނދަށް މި އަމުރަކީ ނެރެން ޖެހޭ އަމުރެއް ކަމަށެވެ.

އެހެން ކަމުން ކުދިންގެ މަންމަ އެދިފައިވާ ގޮތަށް، އެކޯޓުގައި ހިނގައި އެ ދެމަފިރީންގެ ވަރީގެ މައްސަލައިގައި ވަކިގޮތެއް ނިމެންދެން ނުވަތަ ދެކުދިންގެ ބައްޕަގެ ފަރާތުން ލިބިދާނެ ގެއްލުމަކުން ދެކުދިންނަށް އޮތް ރައްކާތެރިކަން ކަށަވަރު ކުރެވެންދެން ބައްޕަ އަތުން ދަރިން ނަގައި މަންމައާ ހަވާލު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާ ކަމަށް ފިނޭ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމްގައި ބުނެފައިވެއެވެ.

comment ކޮމެންޓް