މި ހަފްތާގައި ފެންމަތިވި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެތެރޭގައި ހިނގި ހިޔާނާތެއްގެ މައްސަލައާ ގުޅިގެން އެ ބޭންކުގެ ދެ މުވައްޒަފަކު ސަސްޕެންޑުކޮށްފި އެވެ.
"ސަން"އަށް މިކަން ވަނީ ކަށަވަރުވެފަ އެވެ. އެނގިފައިވާ ގޮތުގައި އެ ދެ މުވައްޒަފުން މިހާރު ވަނީ ވަޒީފާއިން ދުރުކޮށްފަ އެވެ.
އެތައް މިލިޔަން ރުފިޔާއަކަށް ހިޔާނާތްތެރިވި މި މައްސަލައާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްއިން ދަނީ ސީރިއަސް އިންޓާނަލް ތަހުގީގެއް ކުރަމުންނެވެ. އެ މައްސަލާގައި ހިޔާނާތްތެރިވީ ކިހާ އަދަދެއްގެ ފައިސާއަކަށް ކަމެއް ސާފެއް ނޫނެވެ.
އެހެން ނަމަވެސް ސޯޝަލް މީޑިއާގައި ފެތުނު ވާހަކަތަކަށް ބަލާއިރު، ބޭންކުގެ ދެ މުވައްޒަފަކު ވަނީ އަށް މިލިޔަނަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެފަ އެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު އިއްޔެ ވިދާޅުވީ ބޭންކުގެ އެތެރެއިން ހިނގާފާނެ ނުރަނގަޅު ކަންތައްތަކާއި އިހުމާލުތައް ދެނެގަތުމަށް ހަރުދަނާ ގަވައިދުތަކާއި އުސޫލުތަކުގެ އިތުރުން އިންޓާނަލް ކޮންޓްރޯލުތަކެއް ގާއިމުކޮށްފައިވާ ކަމަށެވެ.
"އެއްވެސް މުވައްޒަފަކު ގަވައިދާ ޚިލާފުކަމެއްކޮށްފި ނަމަ ތަހްގީގީ އިދާރާތައް މެދުވެރިކޮށް އެކަމެއް ތަހްގީގުކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު ބޭންކުން އަޅާނެ،" ސައީދު ވިދާޅުވި އެވެ.