ޕީޕީއެމާ ގުޅުނު މަޖިލިސް މެންބަރުންނާއެކު 11 ކޮމެޓީއެއް ހުއްޓުމަކަށް

ރައީސް މައުމޫން އުފައްދަން މަސައްކަތް ކުރައްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމްއަށް) ސޮއިކުރެއްވި ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ނަންތައް ހުށަހަޅާފައި ވުމުން، މަޖިލީހުގައި ޕާޓީ ތަމްސީލު ކުރާ މެންބަރުންނަށް ބަދަލު އައިސް، މަޖިލީހުގެ 11 ކޮމެޓީއެއްގެ މަސައްކަތް ހުއްޓިއްޖެ އެވެ.

މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ ޑީއާރްޕީގެ މަޖިލިސް މެންބަރުންތަކެއް ޕީޕީއެމްއަށް ބަދަލު ވުމުން ދެ ކޮމެޓީއެއް ފިޔަވައި އެހެން ހުރިހާ ކޮމެޓީއެއްގެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ. އަދި ކޮމެޓީތަކުގެ މަސައްކަތް ހުއްޓިފައިވާ މައްސަލަ ހައްލު ކުރުމަށް ޕާޓީތަކުގެ އިސް ވެރިން މަޝްވަރާތައް ފަށާފައިވާ ކަމަށެވެ.
"ދެ ކޮމެޓީއެއް ފިޔަވައި އެހެން ހުރިހާ ކޮމެޓީތަކުގެ މަސައްކަތް ވަނީ ހުއްޓިފައި. އެ މައްސަލަ ހައްލު ކުރުމަށް މިއަދު މަޝްވަރާތައް ވަނީ ފަށާފައި،" އަމީން އާންމު ވިދާޅުވި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ 11 ކޮމެޓީއަކަށް އެ ކޮމެޓީތަކުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އަންގާފައިވާ ކަމަށެވެ. އަދި ކޮމެޓީތަކުގެ މަސައްކަތް ހުއްޓުނުކަން މަޖިލީހުގެ އިދާރާއިން މެންބަރުންނަށް ވެސް އަންގަން ފަށާފައިވާ ކަމަށެވެ.

މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ތެރެއިން ބޭފުޅަކު ޕީޕީއެމްއަށް ގުޅިވަޑައިގެންނެވި ނަމަވެސް، މަޖިލީހުގައި ޕީޕީއެމް ތަމްސީލެއް ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެ އެވެ. އަދި އެ މެންބަރަކު ކޮމެޓީއަކަށް ހޮވަނީ ވެސް އަމިއްލަ މެންބަރުން ހޮވާ އުސޫލުންނެވެ.

މަޖިލީހުގައި ރަސްމީކޮށް މިހާރު ފަސް ސިޔާސީ ޕާޓީ ތަމްސީލު ކުރަމުން އަންނަ އިރު، އެއިން ޕާޓީއަކާ ގުޅި އަދި ވަކިވުމުގެ ފުރުސަތު ގަވައިދުގެ ދަށުން އޮވެ އެވެ. ނަމަވެސް އާ ޕާޓީއަކަށް މަޖިލީހުގައި ބައިވެރިވެވޭނީ ގޮނޑިއެއް ހުސްވެއްޖެ ހާލަތެއްގައި ބާއްވާ ބައި އިލެކްޝަނެއް އެ ޕާޓީއަކުން ކާމިޔާބު ކުރުމުންނެވެ.

ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ތެރެއިން ޕީޕީއެމްއަށް ގުޅިވަޑައިގެންނެވިކަން މަޖިލީހަށް އަންގަވާފައި ވަނީ ވައިކަރަދޫ ދާއިރާގެ އަލީ އާރިފާއި ގެމަނަފުށީ ދާއިރާގެ އިލްހާމް އަހުމަދާއި އުނގޫފާރު ދާއިރާގެ ޑރ. އަފްރާޝީމް އަލީ އާއި އިނގުރައިދޫ ދާއިރާގެ ހަމްދޫން އަބްދުﷲ ހަމީދާއި ފުވައްމުލަކު އުތުރު ދާއިރާގެ މުހައްމަދު ރަފީގު ހަސަން އާއި ނިލަންދޫ ދާއިރާގެ އަބްދުލް މުހުސިން ހަމީދާއި އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފެވެ. ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕުން ވަކިވިކަން މަޖިލީހުގެ އިދާރާއަށް އަންގާފައެއް ނުވެ އެވެ.

މަޖިލީހުގައި ހަތް މެންބަރުން ތަމްސީލް ކުރަމުން އައި ޕީއޭއިން ވަކިވެވަޑައިގެން ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ފަސް މެންބަރުންގެ ތެރެއިން އެކަން މަޖިލީހަށް އަންގަވާފައި ވަނީ ތިން މެންބަރެކެވެ. އެއީ ޕީއޭގެ ކުރީގެ ލީޑަރު އަބްދުﷲ ޔާމީން އަބްދު ގައްޔޫމާއި މާވަށު ދާއިރާގެ އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރާއި ގަމު ދާއިރާގެ ޔޫސުފް އަބްދުލް އަފޫރެވެ. ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ އާއި އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އިބްރާހިމް (ގާރީ) ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ނަމަވެސް އެކަން މަޖިލީހުގެ އިދާރާއަށް އަންގާފައެއް ނުވެ އެވެ. ޕީއޭގެ މެންބަރުންގެ ތެރެއިން ޕީޕީއެމްއާ ގުޅިވަޑައި ނުގަންވަނީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އާއި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރެވެ. އެދެ ބޭފުޅުން ރަސްމީކޮށް އެކަން އަންގަވާފައި ނުވަނީ އެބޭފުޅުން ތަމްސީލު ކުރައްވާ ކޮމެޓީތަކުގެ ގޮނޑި ގެއްލި ދާނެތީ އެވެ.

ޕީޕީއެމްއަށް މަޖިލިސް މެންބަރުންތަކެއް ގުޅިވަޑައިގަތުމުން މަޖިލީގުގައި ސިޔާސީ ޕާޓީތައް ތަމްސީލު ކުރާ މެންބަރުންގެ އަދަދަށް ބަދަލުއައުމާއެކު، ކޮމެޓީތަކުގެ މަސައްކަތް މިއަދުން ފެށިގެން ހުއްޓީފައިވާއިރު، މަޖިލީގުގެ މިއަހަރުގެ ދެވަނަ ދައުރުގައި ދެ މަސްވަންދެން ކޮމެޓީތަކުގެ މަސައްކަތް ހުއްޓިފައި އޮތެވެ. އެ ފަހަރު ކޮމެޓީތަކުގެ މައްސަލައިގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައި މަޖިލީހުގެ ޗެމްބަރުގެ ތެރެއަށް ސިފައިން ވައްދަން ޖެހިފައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު