ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނ. ހޮޅުދޫ ދާއިރާއަށް ކުރިމަތިލެއްވުމަށް އެމްޑީއޭގެ ކައުންސިލް މެމްބަރު ހުސައިން ސާލިމް މުހައްމަދު ނިންމަވައިފިއެވެ.
ހޮޅުދޫ ދާއިރާގައި ހިމެނެނީ ނ. ހޮޅުދޫގެ އިތުރުން އެ އަތޮޅުގެ މިލަދޫއާއި މަގޫދޫއެވެ.
ހޮޅުދޫ ދާއިރާއަށް ކުރިމަތިލައްވަން ނިންމެވި ސަބަބާ ބެހޭގޮތުން، ސަން ކޮންސްޓްރަކްޝަން އެންޑް އެންޖިނިއަރިންގް ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރުކަންވެސް ކުރައްވާ ސާލިމް ވިދާޅުވީ އޭނާ އެންމެ ފުރަތަމަ ކިޔަވައި ވިދާޅުވީ ހޮޅުދޫގެ މޭނާ ސްކޫލުން ކަމަށާއި، ތައުލީމަކީ ހަޔާތުގެ އެންމެ ފުރަތަމަ ބިންގާ ކަމަށް ވުމުން، އެ ބިންގަލުގެ އަސްލު ކަމުގައިވާ ހޮޅުދޫ ހިމެނޭ ދާއިރާއަށް ޚިދުމަތްކޮށްދޭން ބޭނުންފުޅުވީ ކަމަށެވެ.
"ތައުލީމީ ހަޔާތް ހޮޅުދޫން ފެށުމުން އެރަށާއި ދާއިރާގެ އެހެން ރަށްރަށާއި ވަރަށް ގާތް ގުޅުމެއް އޮންނަކަމުގެ އިހުސާސް އަބަދުވެސް ކުރެވޭ،" ސާލިމް ވިދާޅުވިއެވެ.
ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ބޯޑުގައިވެސް ހިދުމަތްކުރެއްވި ސާލިމް ވިދާޅުވީ މީހުންނަށް އިހުލާސްތެރިކަމާއެކު ހިދުމަތްކުރުމުގެ ޝައުގުވެރިކަން އަބަދުވެސް ހުންނަ ކަމަށާއި، އެ ޝައުގުވެރިކަން އެންމެ ބޮޑަށް އުފެދުނީ އެމްޑީއޭގެ ލީޑަރު ފޑރ. އަހުމަދު ސިޔާމް މުހައްމަދުގެ ފަހަތްޕުޅުން ސިޔާސީ ދާއިރާއަށް ނުކުތް ހިސާބުން ކަމަށެވެ.
ސާލިމް އިތުރަށް ވިދާޅުވީ ދާއިރާގެ ތިންރަށް ކަމަށްވާ ހޮޅުދޫ، މިލަދޫ އަދި މަގޫދޫ ރައްޔިތުންގެ ހެޔޮއެދުމާއި ތާއީދު ލިބިލައްވާނެކަމަށް އުންމީދު ކުރައްވާ ކަމަށާއި، ﷲ ގެ ވާގިފުޅާއެކު އިހުލާސްތެރި ހިތަކާއިގެން ތަފާތު ދައްކަވާނެ ކަމަށެވެ.
ކިޔެވުން ފުރިހަމަ ކުރައްވައި، ދިވެހި އަސްކަރިއްޔާއަށް ހިދުމަތް ކުރެއްވުމަށްފަހު ސާލިމް ވެވަޑައިގަތީ ޑައިވިންގް އިންސްޓްރަކްޓަރަކަށެވެ. އެއަށްފަހު ސާލިމް 1997 ވަނަ އަހަރު ކޮންސްޓްރަކްޝަން ދާއިރާއަށް ވެދެވަޑައިގަތީ ދ. މީދުއްފުށީގައި ވިލުރީފް ރިސޯޓު ހަދަމުން ދިޔަ އިރު، އެތަނުގެ ސައިޓް ސުޕަވައިޒަރެއްގެ ގޮތުގައެވެ.