ހައުސިން މިނިސްޓްރީގެ ޒިންމާތަކުން އާބަން ޑިވޮލޮޕްމަންޓް ނަގައިފި

ހައުސިންގް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރު -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލިޔާސް

ހައުސިން މިނިސްޓްރީގެ ދަށުން ކުރި މަސައްކަތްތަކުގެ ތެރެއިން އާބަން ޑިވޮލޮޕްމަންޓްގެ ބައި އެ މިނިސްޓްރީގެ ޒިންމާގެ ދަށުން ނަގައިފި އެވެ.

އެ ޒިންމާ ހައުސިން މިނިސްޓްރީގެ ދަށުން ނެގިކަން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް ހޫދު ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

އާ ސަރުކާރުގައި ހައުސިންއާ ގުޅޭ ދެ މިނިސްޓްރީއެއް ވަނީ އުފައްދައިފަ އެވެ. ހައުސިން އެންޑް އާރބަން ޑިވޮލޮޕްމަންޓްގެ ނަމުގައި އެއް މިނިސްޓްރީ އުފެއްދި އިރު ނެެޝަނަލް ޕްލޭނިން އެންޑް އިންފްރާ ސްޓްރަކްޗާގެ ނަމުގައި ވެސް ވަނީ މިނިސްޓްރީއެއް އުފައްދައިފަ އެވެ.

ހައުސިންގެ ޒިންމާގެ ދަށުން އާބަން ޑިވޮލޮޕްމަންޓް ނެގުމުން އޭގެ ޒިންމާ ދެން ކުރިއަށްދާނީ މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގެ އެންޑް އިންފްރާސްޓްރަކްޗާގެ ދަށުންނެވެ. އެހެންކަމުން ހައުސިންއިން ދެން ކުރިއަށް ގެންދާނީ ރާއްޖޭގެ ބޯހިޔާވަހިކަމާ ބެހޭ މަސައްކަތްތައް އެކަންޏެވެެ.

ނިމިގެން ދިޔަ ސަރުކާރުގައި ހައުސިން މިނިސްޓްރީން ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ބޮޑެތި މަޝްރޫއުތަކެއް ހިންގައިފަ އެވެ.

ހައުސިން މިނިސްޓަރުގެ މަގާމުގައި މިހާރު ހުންނަވަނީ އައިމިނަތު އާތިފާ އެވެ. އަދި ނެެޝަނަލް ޕްލޭނިން އެންޑް އިންފްރާ ސްޓްރަކްޗާގެ މަގާމުގައި ހުންނަވަނީ ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްއެވެ.

އާތިފާއާ މިރޭ ސަން އިން ގުޅުމުން ވިދާޅުވީ އެކަމާ މެދު ވިދާޅުވާނެ އެއްޗެއް ނެތް ކަމަށެވެ.

comment ކޮމެންޓް