ގައުމީ އިއްތިހާދު ޕާޓީން ވަކިވެ ވަޑައިގެން ބައެއް ބޭފުޅުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަމުން ގެންދަވަނީ އެބޭފުޅުން މަގާމުން ވަކިކުރުމުގެ ބިރު އޮވެގެން: ނާއިބު ރައީސް

10:00


ސިޔާސީ އިސްމަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ގައުމީ އިއްތިހާދު ޕާޓީން ވަކިވެ ވަޑައިގެން އެމްޑީޕީއާ ގުޅިވަޑައިގަންނަވަމުން ގެންދަވަނީ އެބޭފުޅުން މަގާމުން ވަކިކުރުމުގެ ބިރު އޮވެގެންކަމަށް ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.


ސަންއެފައެމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޑރ.ވަހީދު އިއްޔެ ވިދާޅުވީ، ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު، މަގާމު ހިފެހެއްޓުމަށްޓަކައި އެއްޕާޓީން އަނެއްޕާޓީއަށް މެންބަރުން ފުއްމަންޖެހުން އެއީ އެންމެ ފުރިހަމަ ގޮތް ނޫން ކަމަށެވެ. އަދި ޑރ.ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީގެ އިސް ބޭފުޅުންތަކެއް އެމްޑީޕީއާ ގުޅިވަޑައިގެންފައިވަނީ، އެބޭފުޅުން އަދާކުރައްވަމުން ގެންދެވި މަގާމުތައް ފުރިހަމައަށް އަދާކުރެއްވޭނީ އެމްޑީޕީއަށް ވެދެވަޑައިގެން ކަމަށް ފެނިވަޑައިގެން، އެބޭފުޅުން މަގާމުން ވަކި ކުރައްވައިފާނެ ކަމުގައި ހީފުޅުވެގެން ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އެއީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާގޮތް ނޫން ކަމަށާއި އެބޭފުޅުން ކެއްތެރިކަމާއެކު އެ ޕާޓީގައި ތިއްބެވިނަމަވެސް މަގާމުގައި ތިއްބެވޭނެ ކަމަށް ވެސް ޑރ.ވަހީދު ވިދާޅުވި އެވެ.


ވެރިކަން ހިންގުމުގައި އިއްތިހާދު ވުމަށް އެމްޑީޕީއާއެކު ވެފައިވާ އެގްރީމެންޓް އުވާލުމަށް އެދި އެމްޑީޕީގެ ގައުމީ މަޖިލީހުން ރައީސް ނަޝީދަށް ދަންނަވާފައިވާ މައްސަލައާ ބެހޭގޮތުން، ޑރ. ވަހީދު ވިދާޅުވީ، ފަސް އަހަރު ދުވަހަށް އެކުލަވާލާފައިވާ އެ އެގްރީމެންޓް އުވާލެވޭނެ މާއްދައެއް ނޯންނާނެ ކަމަށެވެ. އަދި އެކަމުގައި، ރައީސުލްޖުމްހޫރިއްހާ ފިވަޅު އަޅުއްވާނީ، ގައުމަށް އެންމެ ފައިދާހުރިގޮތަށް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.


ޑރ.ވަހީދު އަދި ވިދާޅުވީ، ރައްޔިތުންގެ ފިކުރު ހުރިގޮތުންނާއި، ގާނޫނީ ގޮތުން ބަލާއިރު ގުއަންޓަނާމޯބޭޖަލުން ރާއްޖެއަށް މީހުން ގެނައުމަކީ ކުރަންވާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް. އަދި ގުއަންޓަނާމޯބޭ ޖަލުން މީހުން ރާއްޖެ ގެނައުމާ ބެހޭ ގޮތުން ބޭރުގެ އެއްވެސް ގައުމަކާއެކު އެއްބަސްވެވަޑައިގެންފައި ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެކަމަށް އެމަނިކުފާނު އެއްބަސްވެވަޑައިގެންފައިވާ ކަމަށް ދައްކާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ވެސް ޑރ.ވަހީދު ވިދާޅުވި އެވެ.


ގުއަންޓަނާމޯބޭ ޖަލުން ރާއްޖެއަށް މީހުން ގެނައުމާ ބެހޭ ގޮތުން އެމްރިކާ ސަރުކާރާއެކު އެކަމަނިކުފާނު އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާމަނިކު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވައި ޑރ.ވަހީދު ވިދާޅުވީ، ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އަދި ސަރުކާރު ނިސްބަތްވާ ޕާޓީގެ އިސްބޭފުޅަކު އެގޮތަށް ނާއިބު ރައީސަކާ ދޭތެރޭ އެގޮތަށް ވާހަކަދައްކަވަނީ ކީއްވެތޯ އެމެރިކާ ސަރުކާރުން ބަލައި އޮޅުން ފިލުވާނެ ކަމަށެވެ. އަދި އެފަދަ ލިޔުންތަކެއް ފޮރިން މިނިސްޓްރީން ލީކުވުމަކީ ގައުމީ ސަލާމަތަށާ ބޭރު ގައުމުތަކާ އެކު އޮންނަ ގުޅުމަށް މައްސަލަތަކެއް ދިމާވެދާނެ ކަމެއްކަމަށް ވިދާޅުވެ އެފަދަ ލިޔުންތަކެއް ލީކުވި މައްސަލަ ބަލަންޖެހޭނެ ކަމަށް ވެސް ޑރ.ވަހީދު ވިދާޅުވި އެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު