ސްޓެލްކޯއާ ގުޅޭގޮތުން އެކުންފުނީގެ ކުރީގެ ސީއީއޯ އަހްމަދު ޒުހޫރު ކުރެއްވި ޓްވީޓަކާ ގުޅިގެން ކަންބޮޑުވުންފާޅުކޮށް، އެކުންފުނިން ރައްދު ދީފިއެވެ.
ޒުހޫރު ކުރެއްވި ޓްވީޓުގައި ވަނީ ސްޓެލްކޯގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އަށް ދަންނަވާ ވާހަކައެއްގެ ގޮތުގައި ކަންތައްތަކެއް ފާހަގަކުރައްވާފައެވެ.
ސްޓެލްކޯ އިން އިންވެސްޓް ކުރަންވީ ޚަރަދު އެނަލައިޒް ކޮށްގެން ކަމަށާއި މީހުންގެ ބަޑުފުރަން ނޫން ކަމަށް ޒުހޫރު ކުރެއްވި ޓްވީޓުގައިވެއެވެ.
ޒުހޫރުގެ ޓްވީޓުގައި ވަނީ ސްޓެލްކޯ ގެއްލުމުގައި ހިންގާތާ އެތައް އަހަރުތަކެއް ވެފައިވަނީ އެކުންފުންޏަށް ބޭނުންވާ ސްޕެއާ ޕާޓްސް އާއި އެނޫން ތަކެތި ގަތުމުގައި "ކޮމިޝަން" ހޯދަން މަސައްކަތް ކުރާތީ ކަމަށެވެ.
ޒުހޫރުގެ ޓްވީޓުގައި ވަނީ ސްޓެލްކޯގެ ކަންކަން ސިޔާސީ ނުކުރުމަށް ވެސް އެދިވަޑައިގެންފައެވެ.
އެ ވާހަކަތަކާ ގުޅިގެން ކަންބޮޑުވުންފާޅުކޮށް ސްޓެލްކޯ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޓްވީޓުގައި ވަނީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ.
އެ ޓްވީޓަކީ ކުންފުނީގެ މުވައްޒަފުންނާއި ކުންފުނީގެ ތަސައްވަރަށް ކިލަނބުކަން އައިސް ކުންފުނިންދޭ ޚިދުމަތާ މެދު ކަސްޓަމަރުންނާއި ރައްޔިތުންގެ ހިތްތަކުގައި ކުންފުނީގެ ހިންގުމާ މެދު ޝައްކާއި ވަހުމް އުފައްވައި ކޮށްފައިވާ ޓްވީޓެއް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
"މި ކުންފުނިން ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އަމަލު ކުރަނީ ކުންފުނީގެ ކަސްޓަމަރުންނާއި ރައްޔިތުންގެ އިތުބާރު ގާއިމް ކުރެވިފައިވާ ފުރިހަމަ ނިޒާމެއްގެ ތެރެއިން ޚިދުމަތް ދިނުމާއި މެދު ނުކެނޑި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ އަދި ވިޔަފާރި ކުންފުނިތައް ހިންގުމުގައި އަމަލުކުރާ ކޯޕަރޭޓް ގަވާނަންސް ކޯޑާއި އެއްގޮތްވާގޮތުގެ މަތިންނެވެ،" ސްޓެލްކޯގެ ބަޔާނުގައިވެއެވެ.
އެ ކުންފުނީގެ މުވައްޒަފުން ޒާތީ މަންފާ ހޯދުމުގެ އަމަލުތައް ކުރާ ކަމަށް ދޭހަވާގޮތަށް ތުހުމަތުކޮށް ލިޔެ ހާމަކޮށްފައިވާ ކަންކަމަކީ އެ ކުންފުނީގައި ހިނގި ކަމެއް ނޫން ކަމަށާއި އެފަދަ ކަމެއް ހިނގުމަށް ފުރުސަތު ވެސް ނުދޭނެ ކަމަށް އެ ބަޔާނުގައިވެއެވެ.