ރިޔާސީ ލޯންޗުކޮޅު، ފިނިފެންމާ ގޮވި މަންޒަރު ފެންނަ ވީޑިއޯއާ ގުޅޭގޮތުން މިހާރު ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން، އެ މައްސަލަ ބެލުމާމެދު ޕްރޮސެކިއުޓާ ޖެނެރަލާ މަޝްވަރާކުރައްވާނެކަމަށް އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލުމަށް ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާ ހިނގިއިރު އަލިފާން ނުފެންނަކަމަށް ބުނެ ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން އިބްރާހީމް މުއާޒް އަލީ ދާދި ފަހުން ވަނީ ވާހަކަ ދައްކަވާފައެވެ. އަދި އެ ވާހަކަތަކާ ގުޅިގެން ދެ ވިޑިއޯ ދަނީ ދައުރުވަމުންނެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހަމީދު ވިދާޅުވީ، އެ މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރިކަމަށް ބުނެ ޕީޖީގެ ފަރާތުން ލަފައެއް ދީފިނަމަ ނުވަތަ ޝަރީއަތުން އަމުރުކޮށްފިނަމަ އެ މައްސަލަ އެއް ބަލާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅޭ ދެ ވޯޑިއޯއެއް ދައުރުވަމުންދާ ކަމަށާއި އެ ދެ ވިޑިއޯއާ ގުޅިގެން ދެކެވޭ ވާހަތައް ބަލައި އެކަން އަލުން ތަހުގީގު ކުރަންޖެހޭތޯ ޕްރޮސެކިއުޓާ ޖެނެރަލާ މަޝްވަރާ ކުރައްވާނެކަމަށެވެ.
"ލޯންޗްކޮޅުގައި އެއްޗެއް ގޮވި. އެ މައްސަލައިގެ ތަހުގީގު ނިންމާ ޕްރޮސެކުޓާ ޖެނެރަލްއަށް ހުށަހެޅި ޝަރީއަތްވެސް ކުރެވިފައިވާ މައްސަލައެއް އެއީ. އެ ހާދިސާއާއި ގުޅިގެން ހާޒިރު ނުކުރެވޭ ފަރާތްތައް ނުވަތަ ހޯދާ ފަރާތްތައް ހިމަނިގެން އެބައި ފުރިހަމަ ނުކުރެވިފައި ހުރުން އެކަށީގެންވޭ. ޖުމްލަކޮށް އެ މައްސަލައިގެ ތަހުގީގު ނިމިފައިވާ ކަމަށް. މިހާރު ސޯޝަލް މީޑިއާގައި ލޯންޗުކޮޅު ގޮވި ހާދިސާއާއި ގުޅޭ ދެ ވީޑިއޯއާއި ގުޅޭގޮތުން ތަހުގީގު ކުރަންޖެހޭތޯ ޕީޖީއާ މަޝްވަރާ ކުރާނަން ނުވަތަ ޝަރީއަތުން އަމުރުކޮށްފިނަމަ ބަލާނަން،" ހަމީދު މިރޭ ޕީއެސްއެމް އަށް ދެއްވި އިންޓަވިއުގައި ވިދާޅުވިއެވެ.
ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގައި، މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެއް ވީޑިއޯގައި އެ ހާދިސާ ހިނގިވަގުތު އަލިފާން ފެންނަ އިރު އަނެއް ވީޑިއޯގައި އަލިފާނެއްނުފެނެއެވެ.
ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވި ހާދިސާގެ ވީޑިއޯގެ ރޯފައިލް ކަމަށް ބުނެ ސަންގު ޓީވީން ވަނީ ބުދަ ދުވަހުގެ ރޭ ވީޑިއޯއެއް ބްރޯޑްކާސްޓްކޮށްފައެވެ. އެ ވީޑިއޯ އިން އަލިފާނުގެ އަސަރެއް ނުފެނެއެވެ.
ނަމަވެސް މީގެ ކުރިން އޭރުގެ ރައީސް ޔާމީން ގެ ސަރުކާރުން އާންމު ކުރި ވީޑިއޯގައި އަލީފަންގެ އަސަރު ފެނެއެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ތަރުޖަމާނަކަށް ހުންނެވި މުއާޒް މިދިޔަ ހަފްތާގެ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ ލޯންޗުކޮޅު ގޮވި އިރު އޭނާއަށް އަލިފާން ނުފެންނަ ކަމަށެވެ.
އަދި މީޑިއާއާ ހިއްސާ ކުރަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އޭނާގެ އަތަށް ސީޑީއެއް ދިން ކަމަށާއި އެ ސީޑީން ލޯންޗު ގޮވި އިރު އަލިފާން ފެންނަ ކަމަށް މުއާޒް ވިދާޅުވި އެވެ.